ޒަހާ މަސްއޫލިއްޔަތު އަދާ ނުކުރެއްވި، ދެން ކުރަންވީ ކަންތައް ސާފު: ނަޝީދު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށާއި އެކަމަނާ އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތު ވެސް އަދާ ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އާ އިސްލާހުތަކާއެކު މަސްވެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުނީ 16 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގައި ކަމަށާއި އެ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނުގައި ބުނާ ގަވައިދުތައް ފިޝަރީޒް މިނިސްޓަރު ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަނާ އެކަން ކުރައްވާފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ގަވައިދު ކޮމިޓީ އިން ފާހަގަކޮށްފައި ވަނީ ޒަހާ ގާނޫނާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"މިއާއި ވިދިގެން މިނިސްޓަރު [ޒަހާގެ] ސިޓީ ފުޅެއް ފޮނުއްވި މަޖިލީހަށް، ގަވައިދުތައް ހައްދަވާފައި އެ ގަވައިދުތައް ދާދި އަވަހަށް އެޓާނީ ޖެނަރަލް އޮފީހަށް ގާނޫނީ ލަފަޔަށް ފޮނުއްވަވާފައިވާ ކަމަށް. އެހެން ނަމަވެސް އިއްޔެ އާ ހަމަޔަށް އަދިވެސް އެ ގަވައިދުތައް މިނިސްޓަރު ގެޒެޓު ކުރައްވާފައެއް ނުވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު އެ މައްސަލަ ސިފަ ކުރެއްވީ މިނިސްޓަރު ޒަހާ އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ގޮތުގަ އެވެ. އަދި ސަރުކާރުގެ މައްސޫލިއްޔަތު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުވައިގެން އަލުން ބެލި ނަމަވެސް އެ ކޮމިޓީ އިން ވެސް ނިންމާނީ އެކަމަނާ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށާއި އެކަން ސާފުކޮށް ފެންނަން އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އެހެންވެ އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން އޮތީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވީމަ އަމަލު ކުރާ ގޮތް އިއްޒަތްތެރި މެންބަރުންނަށް ވަރަށް ބޮޑަށް ސާފުވެ ވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންފައިވާ ޒަހާ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ އެކަމަނާގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑު ފެތުރިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު