ރައީސް ކަމެއް ކުރުމަކަށް ދެން ބޭނުމެއް ނޫން: ރައީސް ނަޝީދު

ރައީސް ނަޝީދު: ރައީސްކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި - ފޮޓޯ: ސަން ރައީސް ނަޝީދު: ރައީސްކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި - ފޮޓޯ: ސަން

ރާއްޖޭގެ ރައީސްކަން ކުރައްވަން ދެން ބޭނުންފުޅުނުވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއިން ނެރެމުން އަންނަ "ހަބަރު ސިޓީ"ގެ ހަތަރުވަނަ އަދަދުގައި އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ. 

ރައީސް ނަޝީދަކީ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސްއެވެ. ނަމަވެސް ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވިއެވެ. އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ވެސް ނުކުންނަވަން ކެމްޕެއިން ކުރެއްވިއެވެ. ނަމަވެސް ފުރުސަތު ލިބިވަޑައިނުގެންނެވީއެވެ. 

މިހާރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަން ރައީސް ނަޝީދު އުޅުއްވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އަޑު ފެތުރެއެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައީސް ނަޝީދު މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ. 

ރައީސް ނަޝީދުގެ ލިޔުމުގައި ލިޔުއްވާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ކުޑަ ވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ރައީސްއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާއި އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީއިން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށް ދިނުމެވެ." ރައީސް ނަޝީދު ލިޔުއްވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށް ދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަމަށެވެ. 

"ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ. މިއަދު އަޅުގަނޑު މި ފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

"މިހާރު ވެސް ކުރާން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާއާ ދިމާވެފައިވާ މައްސަލަތައް ވެސް ގިނައެވެ. މިއަދު މި ބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުމެންގެ އަމާޒު ނުގެއްލުމުންނެވެ. ބޭނުމަކީ ކޮންމެ މީހެއްގެ ވެސް ޖީބަށް ވަންނަ މިންވަރު އިތުރު ކުރުމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ސޯލިހު އެފަދަ އިޝާރާތެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު