އައްޑޫ ތިން އަވަށެއްގެ ނަރުދަމާގެ ބޮޑު ބައެއް އެމްޓީސީސީއިން ނިންމައިފި

ސ. މަރަދޫފޭދޫ ސ. މަރަދޫފޭދޫ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ފަރާތުން އެމްޓީޓީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ސ.މަރަދޫފޭދޫ، ސ.މަރަދޫ، އަދި ސ.ފޭދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލު ކޮށްފައިވާ ކަމަށް އެމްޓީޓީސީއިން ބުނެފިއެވެ. 

އެމްޓީޓީސީއިން ބުނެފައިވާ ގޮތުގައި، މަސައްކަތުގެ ބޮޑު ބައި ނިންމާ ފެނަކަ އާއި ހަވާލުކުރެވުނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިގޮތުން، ސ. މަރަދޫ އަދި ސ.މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސ.ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްތައް ކަމަށް އެމްޓީޓީސީއިން މައުލޫމާތުދެއެވެ.

ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައި ފެނަކައާއި ހަވާލުކުރުމުގެ ކުރިން ސ.މަރަދޫފޭދޫ އަދި ސ.މަރަދޫގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައްވެސް އެމްޓީޓީސީ އާއި ފެނަކައިގެ ކޮންސަލްޓެންޓުންގެ ޓީމުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ފެނަކައިގެ މުވައްޒިފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަމްރީން ސެޝަންތަކެއް އެމްޓީޓީސީގެ ޕްރޮޖެކްޓްސް ޓީމުން ވަނީ ހިންގާފައެވެ.

މި މަޝްރޫއުގެ ދަށުން ސ.މަރަދޫފޭދޫ އަދި ސ.މަރަދޫގައި 10،289 މީޓަރުގެ ހޮޅި ވަޅުލައި، ސ.މަރަދޫ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމްކޮށްފައިވެއެވެ. މުޅި މަޝްރޫއުއަށް 124 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބެލެވެއެވެ. މިއީ މި އަހަރުގެ ޑިސެމްބަރ މަހަށް ނިންމާލުމަށް ތާވަލުކޮށްފައިވާ މަޝްރޫއުއެކެވެ. 

ކިޔުންތެރިންގެ ހިޔާލު