އަޅުގަނޑުގެ އަގު ވައްޓާލަން ފައްޔާޒު ނޫޅުއްވާ: ރައީސް ނަޝީދު

އެމަނިކުފާނުގެ އަގު ވައްޓާލަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަސައްކަތް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވީ "ރާއްޖެއެމްވީ"ގައި ޖެހި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައިވާ ގޮތުން ރައީސް ނަޝީދުގެ އަގު ވައްޓާލަން ފައްޔާޒު މިލިއަނުން ހަރަދުކުރަމުންދާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައެވެ. މިހާރު އެ ހަބަރު ވަނީ ސައިޓުން ނަގާފައެވެ. އޭގެ ސަބަބެއް ނޭނގެއެވެ. 

އެކަމަށް އިޝާރާތް ކުރައްވައި، އެމްޑީޕީގެ ސަޕޯޓަރުންނާއި އިސް ބޭފުޅުން ތިއްބަވާ ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އަގު ވައްޓާލަން ފައްޔާޒު ނޫޅުއްވާ ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން އުޅުއްވަނީ އަކްރަމް ކަމާލުއްދީން ކަމަށެވެ. އެއީ ރާއްޖެޓީވީގެ ހިއްސާދާރެކެވެ. 

އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ސޯލިހު އެފަދަ އިޝާރާތެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު