ގާސިމް ވެސް ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ގާސިމް ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ތީމެޓިކް އެމްބެސެޑާ ފޯ އެމްބިޝަންގެ މަސައްކަތް އެމަނިކުފާނު ފެއްޓެވުމާއި ގުޅިގެނެވެ.

އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަގާމް ލިބިވަޑައިގަތުމުން ރައީސް ނަޝީދަށް ހޫނު މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި އަވަސް ބަދަލުތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބޮޑު އެއް ޕާޓީ ކަމުގައިވި ނަމަވެސް ގާސިމްއަކީ ރައީސް ނަޝީދުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ނިންމެވުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުވެސް ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީއަށާއި ގާސިމްއަށް އަމާޒުކޮށް ފާޑު ވިދާޅުވެ އެވެ.

ރައީސް ނަޝީދު ސީވީއެފްގެ އެމަބަސިޑަރަކަށްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެ މަގާމްގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕެރިސް އެގްރީމަންޓްގައި ހިމެނޭކަންކަން ފުރިހަމަކުރެއްވުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ގައުމުތައް އަހުލުވެރި ކުރުވުމާއި، ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައި މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު