"ގައިދީންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރަން ރައީސް މައުމޫން އަމުރެއް ނުކުރައްވާ"

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ -- ފޮޓޯ: މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ -- ފޮޓޯ: މިހާރު

ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި ހިނގި ހާދިސާގައި ގައިދީންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމަށް އޭރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ މިހެން ވިދާޅުވީ ޖަލުގައި ބަޑި ޖެހީ ކޮމާންޑާ އިން ޗީފްގެ އަމުރަށް ކަމަށާއި އެހެން ނަމަވެސް ބަޑި ޖެހިމީހުން އުމުރަށް ޖަލަށްލާ އޯޑަރު ދިން މީހާ އުފަލުގައި އުޅޭ ކަމަށް ވިދާޅުވެ، ރައީސް މައުމޫންއަށް އަމާޒުކޮށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ދީދީ ވިދާޅުވީ ކަން ދިމާކުރި ގޮތުން އެ ދުވަހު ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގެ ޑިއުޓީ އޮފިސަރަކަށް ހުރީ އޭނާ ކަމަށެވެ. އަދި ގައިދީއަކާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރުމަށް ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ ކަމަށް ދީދީ ވިދާޅުވި އެވެ.

"ބުހުތާނު ދޮގު ތިޔައީ ނޭނގޭ ކަންކަމުގައި އެމްޕީއަކަށް ހުންނަވާ ތިކަހަލަ އިލްޒާމް އަޅުއްވާކަށް ނުވާނެ،" ދީދީ ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގުކޮށް، ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެ ކަމަށް ދީދީ ވިދާޅުވި އެވެ. އަދި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން ޓުވިޓާގައި ތިކަން ޑިސްކަސް ކުރަން. ރައީސް މައުމޫން އެ ދުވަހު ބަޑިޖަހަން އަމުރުފުޅެއް ނުކުރައްވާ،" ދީދީ އިތުރަށް ވިދާޅުވި އެވެ.

ޖަލުގައި ބަޑި ޖަހާ، އީވާން ނަސީމް މަރާލި ހާދިސާއާ ގުޅިގެން ރައީސް މައުމޫންއަށް އަނެއްކާ ފާޑު  ކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އަދި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މައްސަލާގައި ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު