އެކުވެރިޔެއް ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާގެ އެހީ ލިބޭ: ރައީސް

ރައީސް ސޯލިހު އަދި ނަރެންދުރަ މޯދީ ރައީސް ސޯލިހު އަދި ނަރެންދުރަ މޯދީ

ދިވެހިރާއްްޖެއިން އެކުވެރިޔެއްގެ އެހީ ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ދީލަތިކަމާއި އަވަށްޓެރިކަމުގެ ރޫހާއެކު އިންޑިއާއިން 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

ރައީސް އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި ވާއިރު އިންޑިޔާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން ނިންމި 250 މިލިއަން ޑޮލަރު ސަރުކާރާ ހަވާލު ކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ.

މިއީ އެއްވެސް ޝަރުތަކާއި ނުލައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ބޭނުން ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެ އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ އެސްބީއައި މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހީގެ އެ އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައިއަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ. 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކުފޯރުކޮށްދެވޭ 250 މިލިއަން ޑޮލަރުގެ މި ސޮފްޓް ލޯންގެ އިންޓްރެސްޓް ރޭޓް ވެސްވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުންކަމުން، އަހަރަކު ދެފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން،ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު