"މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރާނެ"

މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ މެރިޓައިމް ދުވަހާ ގުޅިގެން ނަހުލާ މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާ ކުރުމާއި އަދި މިހާރު މަސައްކަތް ކުރާ ސީމަނުންނަށް އިތުރު ތަމްރީންތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑު އުންމީދު ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުވާ، އަދި ސީމަނުންނަށް އެކި ކަހަލަ އާ ފުރުސަތުތަކެއް ހޯދައިދޭނެ ފާގަތި ބަދަލުތަކަކާ ދިމާލަށް މެރިޓައިމް އިންޑަސްޓްރީ މަސްރާބު ޖެހުން،" ނަހުލާ ވިދާޅުވި އެވެ. 

ތިމާވެށި ރައްކާތެރި ކުރުމަށް އެމިޝަންސް މަދު ކުރުމަށްޓަކައި ފާހަގަ ކުރެވިފައިވާ ކަންކަމަށް މެރިޓައިމް ދާއިރާއިން އަވަސް ހައްލު ހޯދަން ޖެހޭ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރެސްޓްރިކްޝަންސްތަކާއި ބޯޓު ފަހަރުގައި މަސައްކަތް ކުރާ މުއައްޒަފުންގެ އަމިއްލަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ހުރުމުން އެ މީހުންނަށް ގައުމުތަކަށް ފޭބުން ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު