އައްޑޫ ސިޓީ މަގުތަށް ހެދުމަށް ބޭނުންވާ ތާރު އަދި މެޝިނަރީ ގެންގޮސްފި

އައްޑޫ ސިޓީ މަގު ހެދުމަށް ބޭނުންވާ ސާމާނު އެ ސިޓީއަށް ގެންގޮސްފި އައްޑޫ ސިޓީ މަގު ހެދުމަށް ބޭނުންވާ ސާމާނު އެ ސިޓީއަށް ގެންގޮސްފި

އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ބޭނުންވާ ތާރު އަދި މެޝިނަރީތައް އައްޑޫސީޓީއަށް ގެންގޮސްފި ކަމަށް އެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 23 ޑިސެމްބަރ 2019 ގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އެ ކައުންސިލުން ކަމާ ގުޅޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން މަގު ހެދުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް 30 ޖެނުއަރީ 2020 ވަނަ ދުވަހު ވަނީ ލިބިފައެވެ. ދެވަނަ ޝިޕްމެންޓް ލިބިފައިވަނީ 24 ސެޕްޓެމްބަރުގައެވެ. މި މަޝްރޫއަށް 134 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހަރަދުވާނޭ ކަމަށް ބެލެވެއެވެ.

މީގެއިތުރުން، އައްޑޫ ސިޓީގެ މަގު ހެދުމުގެ ދެވަނަ މަޝްރޫއެއްވެސް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، 12 ޑިސެމްބަރު 2019 ގައި އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު މުޅިން ނިމޭއިރު، މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނޭކަމަށް އައްޑޫ ސިޓީ ކައުންސިލުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު