ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ އާއި ހދ. ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. 

އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީއެވެ. 

މާލެއާ ދެމެދު ގިނަ ދަތުރުތަކެއް ކުރާ އެ ބޯޓަކީ ކޮވިޑްގެ ކުރިން މީހުން އުފުލާ ފެރީއެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އުފުލަމުން ދިޔައީ ހަމައެކަނި މުދަލެވެ. 

އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ދެ ރަށަށް ވެސް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. 

ކުޅުދުއްފުށީ ސިޓީގައި ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ގޮސް އުޅޭ ސިޓީއެކެވެ. 

މިއީ ކުޅުދުއްފުށިން ކޮވިޑް ފެނުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އެ ސިޓީ ހޮސްޕިޓަލުން މާލެ ފޮނުވާލި ކުއްޖަކު މާލެ ގެނައި ފަހުން ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އެ ފަހަރު އެ ކުއްޖާއާ ގުޅުން ހުރި އިތުރު މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު