މޫސުން ގޯސްވެ، ހޯރަފުށީ ދަތުރުފުޅު ފަސްކުރައްވައިފި

އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާތީ، ހއ. ހޯރަފުއްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު، މާދަމާއަށް ފަސްކޮށްފިއެވެ. 

އުތުރުގެ ގިނަ ރަށްތަކަކަށް މިހާރު ވެސް ބޯކޮށް ވާރޭވެހެމުންދެއެވެ. 

ރައީސް، ހޯރަފުއްޓަށް ވަޑައިގަންނަވަން ނިންމެވީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެއް ކަމަށްވާ، ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. މިއީ ކޮވިޑްއާއެކު މާލެ ލޮކްޑައުން ކުރި ފަހުން ރައީސް ސޯލިހު، މާލެއިން ބޭރު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިއަދު ހަވީރަށް އެ ރަސްމިއްޔާތު ތާވަލުކޮށްފައިވާއިރު ރަސްމިއްޔާތު ކެންސަލް ކުރި ކަމެއް އަދި އަންގާފައެއް ނުވެއެވެ. 

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އެ އެއާޕޯޓް ސިފަ ވަނީ ވަރަށް ރީތި އެއާޕޯޓެއްގެ ގޮތުގައެވެ. އިއްޔެ ހެނދުނު ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ވަނީ ޖައްސާފައެވެ.

ހޯރަފުށީ ކައިރީ ފަޅު ރަށެއްގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ ސަރުކާރަށް މަޝްރޫއު ފެށޭ ވަރެއް ނުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް އެޅުމަށެވެ. އަދި ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ. 

ކިޔުންތެރިންގެ ހިޔާލު