ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޟީ ބާރީ ވަކިކުރަން މަޖިލީހަށް ފޮނުވައިފި

ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް

ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަދި މިހާރު ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. 

ޖޭއެސްސީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގާޟީ ބާރީ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމާފައިވަނީ 2 މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެމްއެމްޕީއާރްސީ ފައިސާއިން މަންފާ ހޯދާފައިވާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައަކާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެ، އެ ވިޔަފާރިން ލިބުނު މަންފާ ޖޭއެސްސީއަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި ބަޔާންކޮށްފައިނުވާތީ ތަހުގީގުކުރެވުނު މައްސަލައަކެވެ. 

ޖޭއެސްސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޟީ ބާރީއާއި ދެމެދު ގާތް ގުޅުމެއް އޮތެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއައްތަކާއި ގުޅޭގޮތުން ގާޟީ ބާރީ ވަނީ އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއި ބައްދަލުކޮށްފައެވެ. އަދި، ރައީސް މުހައްމަދު ނަޝީދު މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ޝަރީއަތުގައި، ހުކުމް އިއްވުމުގެ ކުރިން އަދީބަށް ހުކުމުގެ ކޮޕީއެއް ދިންކަމަށްވެސް ވަނީ ސާބިތުވެފައެވެ.

އިތުރަށް ޖޭއެސްސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ގާޟީ ބާރީގެ އެދުމަކަށް އޭނާގެ އަނބިކަނބަލުންގެ ނަންމަތީގައި ފްލެޓެއް ރަޖިސްޓަރ ކުރުމަށް މަސައްކަތްކުރެވުނެވެ. ޖޭއެސްސީއިން ބުނެފައިވާ ގޮތުގައި މިއީ ސަރުކާރުން ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމުމަށް ދިން އިނާޔަތެކެވެ. އަދި އަދީބު އަތުން 5 ލައްކަ ދިވެހި ރުފިޔާވެސް ގާޟީ ބާރީއަށް ލިބިފައިވެއެވެ. 

ގާޟީ ބާރީ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމިއިރު، އޭނާ ހުރީ މިހާރުވެސް ސަސްޕެންޝަނުގައެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން މަންފާ ހޯދާފައިވާކަމަށް ބެލެވޭތީ އޭނާގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާތީ 12 ޑިސެމްބަރު 2019 އިން ފެށިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. ގަޟީ ބާރީއަކީ މުހިންމު ގިނަ ޝަރީއަތްތަކެއްގެ ފަނޑިޔާރުކަން ކުރެއްވި ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު