ގާޟީ ބާރީގެ މައްސަލަ ކޮމިޓީއަށް

ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް

ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަދި މިހާރު ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަން މިޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިއަދު އޮތް 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާ ފައްޓަވައިދެއްވަމުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، އެ މައްސަލަ ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ގާޟީ ބާރީ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމާފައިވަނީ 2 މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެމްއެމްޕީއާރްސީ ފައިސާއިން މަންފާ ހޯދާފައިވާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައަކާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެ، އެ ވިޔަފާރިން ލިބުނު މަންފާ ޖޭއެސްސީއަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި ބަޔާންކޮށްފައިނުވާތީ ތަހުގީގުކުރެވުނު މައްސަލައަކެވެ.

ޖޭއެސްސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޟީ ބާރީއާއި ދެމެދު ގާތް ގުޅުމެއް އޮތެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއައްތަކާއި ގުޅޭގޮތުން ގާޟީ ބާރީ ވަނީ އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއި ބައްދަލުކޮށްފައެވެ. އަދި، ރައީސް މުހައްމަދު ނަޝީދު މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ޝަރީއަތުގައި، ހުކުމް އިއްވުމުގެ ކުރިން އަދީބަށް ހުކުމުގެ ކޮޕީއެއް ދިންކަމަށްވެސް ވަނީ ސާބިތުވެފައެވެ.

އިތުރަށް ޖޭއެސްސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ގާޟީ ބާރީގެ އެދުމަކަށް އޭނާގެ އަނބިކަނބަލުންގެ ނަންމަތީގައި ފްލެޓެއް ރަޖިސްޓަރ ކުރުމަށް މަސައްކަތްކުރެވުނެވެ. ޖޭއެސްސީއިން ބުނެފައިވާ ގޮތުގައި މިއީ ސަރުކާރުން ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމުމަށް ދިން އިނާޔަތެކެވެ. އަދި އަދީބު އަތުން 5 ލައްކަ ދިވެހި ރުފިޔާވެސް ގާޟީ ބާރީއަށް ލިބިފައިވެއެވެ.

ގާޟީ ބާރީ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމިއިރު، އޭނާ ހުރީ މިހާރުވެސް ސަސްޕެންޝަނުގައެވެ. ގިނަ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއިން ބެލުމަށްފަހު ފިޔަވަޅު އެޅުމަށް މަޖިލީހަށް ފޮނުވާއިރު، އޭގެ ތެރެއިން ގިނަ ފަނޑިޔާރުން އަމިއްލަފުޅަށް އިސްތިއުފާދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު