މިއަދަށް ތާވަލުކުރި ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީން އެދިވަޑައިގެންނެވުމުން އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީން އެދިވަޑައިގެންނެވުމުން

މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު 1:30 އަށް ތާވަލުކޮށްފައި އޮތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލުކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. 

އެހެންނަމަވެސް، މޫސުން ތަންނުދޭތީއާ ޔާމީންގެ ސިއްހީ ހާލަތު ހުރިގޮތުން ދަތުރުފަތުރުކުރަން އުޒުރުވެރިވެ ވަޑައިގަންނަވާތީ އަޑުއެހުން ކެންސަލްކޮށްދިނުމަށް ރައީސް ޔާމީންވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުން، ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިން އަޑުއެހުން ފަހުގެ ތާރީހަކަށް ރީޝެޑިއުލް ކުރުމަށް ވަނީ ނިންމާފައެވެ. 

ރައީސް ޔާމީން މިހާރުވެސް ހުންނެވީ މަނީ ލޯންޑަރިންގ ދައުވާއެއް ސާބިތުވެ 5 އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާތީ އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ. މި މައްސަލަ ރައީސް ޔާމީންގެ ފަރާތުންވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް އިއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު