ޝިރުމީނާ ރަހީނުކުރި މައްސަލާގައި ކުޑަކުއްޖެއް ހައްޔަރުކޮށްފި

މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ނޮވެމްބަރު ދެވަނަ ދުވަހުގެ ހެނދުނު ފެނުނު އަންހެން މީހާ ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައިގައި އަށާރަ އަހަރު ނުފުރޭ ކުއްޖެއް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އިއްޔެއެވެ. 

އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ލަގްޒަރީ/ރ.ކިނޮޅަސް، ޝިރުމީނާ އަބޫބަކުރު (33އ) ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔައިރު އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ.

އޭނާ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައިވާއިރު، މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދިފައިވަނިކޮށް ހޯމަ ދުވަހުގެ ހެނދުނު 8:45 އެހާކަށްހާއިރު އޭނާ ގެޔަށް ގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ބައެއް މީޑިއާތަކަށް އޭނާގެ އާއިލާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ގެއްލުނީ ބަޔަކު އޭނާ ރަހީނުކުރުމުންނެވެ. އަދި އޭނާއަށް އަނިޔާ ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ފެށި ތަހުގީގުގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު ދެވަނަ ފަހަރަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ. ބަންދަށް ޖެހީ 15 ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު