ސަލާމަތްވެވެން އޮތީ ފައްޓަރުބައި ވިއްކާލައިން ކަމަށްވަނީނަމަ އެއީ މައްސަލައެއް ނޫން: އަސްލަމް

ދައުލަތުން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ފަރާތުން 2021 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ހުރިހާ ގައުމުތައް ވެސް ތިބީ ދަރާފައި ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ މަތީ އިންސައްތައެއްގައި ކަމަށެވެ. ރާއްޖޭގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ ކަންބޮޑުވެލައްވާ މިންވަރެއްގައި ނޫން ކަމަށާއި އަދި ދަރަނި ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި ހުރިކަމަށް ގަބޫލުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

ހަމައެހެންމެ ރާއްޖެއަކީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންހިފިއްޖެނަމަ ދަރަނި ދެއްކުމުގައި ދަތިނުވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އާއިލާ ސަލާމަތްކުރެވެން އޮތީ އަންހެނުންގެ އުނގުގައި އަޅާފައި އޮތް ފައްޓަރުބައި ވިއްކާލައިގެން ކަމަށްވަނީނަމަ އެ ފައްޓަރުބައި ވިއްކާލުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. ހުންނަ މުދަލުން ވިޔަފާރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ ދުނިޔޭގެ އެންމެ ބޮޑު އިގްތިޞާދުތައް އޮންނަ ގައުމުތައްކަން ފާހަގަކުރައްވަމުން އަސްލަމް ވަނީ މިފަދަ ގައުމުތަކާ ދެކޮޅަށް މަސައްކަތް ނުކުރެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން އިންޑިއާ އާ ދެކޮޅަށް ވެސް ނުކުންނާނެ ކަމެއް ނެތް ކަމަށާއި ހަމަ އެފަދައިން ޗައިނާއާ ދެކޮޅަށް ވެސް ނުކުންނާނެ ކަމެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖޭގެ ދަރަނި ދެއްކުމަށް ފައްޓަރުބައި ވިއްކައިގެން ވެސް ސަލާމަތް ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދު އަންނަވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކަށް ލުއި ނުލިބޭ ކަމަށް ވިދާޅުވަމުންނެވެ. އެހެން ނަމަވެސް ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގައި ލުއި ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ ޖޫން މަހުގެ ތެރޭގައި އިއުލާން ކުރައްވާފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު