އީސީގެ އަގު ވައްޓާލުމަށް މަސައްކަތް ނުކުރޭ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެދިއްޖެއެވެ. 

ޝަރީފް މިގޮތަށް އެދުނީ އީސީގެ ކުރީގެ ނައިބު ރައީސް އާ ގުޅިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. އީސީގެ ނައިބު ރައީސް ކަމުން އަކްރަމް އިސްތިއުފާދެއްވީ 19 ނޮވެމްބަރުގައެވެ. އިސްތިއުފާ ދެއްވުމަށް އަކްރަމް ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެކޮމިޓީއިން އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަމުގެ ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭތީ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރަކާއި ހަވާލާދީ ލިޔެފައިވާ ހަބަރަކާއި ގުޅިގެން އީސީގެ ރައީސް ވިދާޅުވީ، އީސީގެ އަގު ވައްޓާލުމަށް ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާކަމަށެވެ. ނޫހަށް މައުލޫމާތު ދެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރު، އީސީގެ ކަންކަން އިސްލާހުކުރެވިފައި ނުވާކަން ހާމަނުކުރީ ކަމަށާއި، އީސީގެ ކަންކަން އިސްލާހުކުރެވިފައިވާކަން އެމަނިކުފާނާ ކޮމިޓީއިން ހިއްސާކުރިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ކޮމިޓީގެ މެންބަރުންނަށް އާންމުކުރެވޭނެ މައުލޫމާތުތަކާއި ގުޅޭގޮތުންވެސް ޝަރީފް ސުވާލުއުފެއްދިއެވެ. އެގޮތުން، ސިއްރު ކޮށްގެން ބޭއްވުނު ކޮމިޓީއެއްގައި ދެކެވުނު ވާހަކައެއް، އެއީ ހަގީގަތަކަށް ހަދައިގެން ކޮމިޓީގެ މެންބަރުންނަށް ކޮމިޓީގެ ނަމުގައި ވާހަކަދެކެވޭނެތޯ ޝަރީފް ސުވާލުއުފެއްދިއެވެ.

ނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅުނު މައްސަލައެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާނެ ކަމަށް އަކްރަމްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލްތައް ހެއްކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު