ރޭޕްކުރަން އުޅުމުގެ ދައުވާއާއެކު އަލީ ވަހީދަށް ހަތް ދައުވާއެއް އުފުލައިފި

ރޭޕްކުރަން އުޅުމުގެ ދައުވާއާއެކު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހަތް ދައުވާއެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލައިފިއެވެ.  

އަލީ ވަހީދު މަގާމުން ވަކިކުރީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އުފުލުމުންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި، އަލީ ވަހީދު ހާޒިރުކޮށް ބަޔާން ވެސް ނެގިއެވެ. އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ނަގައި، އޭނާގެ ޕާސްޕޯޓް ވެސް ހިފެހެއްޓިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ތަހުގީގަށް ރިއާޔަތްކޮށް އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައެވެ. 

އެއީ، ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ. 

އޭގެއިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. 

މި ތުހުމަތުތައް އަލީ ވަހީދު ދޮގު ކުރައްވައެވެ. އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވާއިރު އެކަމާ ކުރިމަތިލައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދަށް ފުރަތަމަ ރައީސް އެންގެވީ އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވެމުން މަގާމުން ދުރު ކުރެއްވީއެވެ.

އޭސީސީއިން ވެސް ގެންދަނީ އަލީ ވަހީދުގެ މައްސަލަތަކެއް ބަލަމުންނެވެ. އެއީ ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އަމަލުކޮށްފައިވާ ގޮތުގައި ގޯސްތަކެއް ހުރި ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވާތީއެވެ. 

ކިޔުންތެރިންގެ ހިޔާލު