"އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" ފަސްޓް ލޭޑީ އިފްތިތާހު ކޮށްދެއްވައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" ތައުލީމާއި ގުޅޭ މަހާސިންތާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިފްތިތާހުކޮށްދެއްވައިފިއެވެ. 

ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި މަހާސިންތާ އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު ވަރޗުއަލްކޮށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ކޯވިޑް-19 ގެ މި ހާލަތުގައި ވެސް ކުދިންނަށް ތަޢުލީމު އުނގަންނައިދޭން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުޞަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. 

ފަސްޓް ލޭޑީ ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއަކީ ތަޢުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމަ އެއާއެކު، މަދުރަސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާޢީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާޙައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

އެން.އައި.އީ.އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ކޯވިޑްގެ ޙާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު