މަލީހް ވަކިކުރަން ހުށަހަޅަނީ!

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެންބަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފިއެވެ. 

މިއަދު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މަލީހުގެ އިތުބާރުނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. މަލީހު ވަކި ކުރުމުގެ މަސައްކަތް ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައިގެނެވެ. މަލީހުގެ އިތުބާރު ނެތް މައްސަލަ ފާސްކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ މީކާއިލްގެ އިތުރުން 10 މެންބަރުންގެ ސޮޔާއެކުއެވެ.

މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާތީ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި މަލީހު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މައްސަލާގައި ހަވާލާދީފައިވާ ގާނޫނު ޝަރަހަކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގެއްގެ ބޭނުން މިނިސްޓަރަކު ހިފުމުން ކަމަށެވެ. ޓެލެކޮމް މިނިސްޓްރީގެ ކަންކަން ހިނގާ ގޮތް އޮޅުންފިލުއްވުމަށް ވެސް މަލީހު ވަނީ ގޮވާލައްވާފައެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި މީކާއިލްގެ އިތުރުން ސޮއިކޮށްފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ބޮންޑޭ)އާ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއާ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާ، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއާ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގޭ) އެވެ.

މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް މަލީހު ވަކި ކުރަން ބައެއް އެމްޑީޕީ މެންބަރުން ގޮވާލި އެވެ. ނަމަވެސް މި ފަހުން މަލީހުގެ މައްސަލަ އަނެއްކާ ވެސް ހޫނުވީ، ބަރުލަމާނީ ނިޒާމް ގެނައުމާ ދެކޮޅު ކަމަށް ވިދާޅުވެ ސަރުކާރުން ހިންގަން ވާ ގޮތް މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ މަލީހު ވާހަކަ ދެއްކެވުމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަލީހަށް ރައްދު ދެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު