މަލީހުގެ ރައްދު އެމްޑީޕީ މެމެމްބަރުންނަށް: "އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު"

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން ދެންނެވުމަށް ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމުމާއި ގުޅިގެން އެކަމަށް ހޫނު ރައްދެއް މަލީހު ދެއްވައިފިއެވެ. 



މަލީހު މި މައްސަލައަށް ރައްދު ދެއްވައި ވިދާޅުވީ އެ ނިންމުމަކީ ގާނޫނޫ އަސާސީގެ 27 ވަނަ މާއްދާގެ އިތުބާރު ނެތްކަމަށް ފާސްކުރުން ކަމަށެވެ. އަދި އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށާއި އެ ނިންމުމަކީ އަމިއްލަ ސަންދޯކަށް ޖެހި މޮހޮރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. 



ހަމައެހެންމެ އިތުރު ޓްވީޓެއްގައި މަލީހު ވިދާޅުވީ އޭނާގެ ދޫ މޯގޭޖް ކުރުމަށްފަހު އޭގެ ސެޓިފިކެޓް އެމްޑީޕީގެ މެމްބަރުންނާއި ހަވާލުކޮށްފައިނުވާނެ ކަމަށާއި އެމްޑީޕީ މެމްބަރުން ކުރިޔަށް މަކަރުވެރިކަމާއި ހީލަތްތެރިކަމާއެކު ކުރިޔަށް ގެންދަވަނީ ކޯލިޝަން މިނިސްޓަރުން ބޭރުކުރުމުގެ ނުބައި ޕްލޭން ކަމަށެވެ. ހަމައެހެންމެ ސުޕަ މެޖޯރިޓީ ސުޕަ މައިނޯރިޓީއަކަށް ބަދަލުވެދާނެ ކަމަށް ބުނެ މަލީހު ވަނީ އެމްޑީޕީގެ ޕީޖީއަށް ހޫނު ރައްދެއް ދެއްވާފައެވެ. 

މިއަދު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މަލީހުގެ އިތުބާރުނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވުމަށެވެ. މަލީހު ވަކި ކުރުމުގެ މަސައްކަތް ފެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައިގެނެވެ. މަލީހުގެ އިތުބާރު ނެތް މައްސަލަ ފާސްކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ މީކާއިލްގެ އިތުރުން 10 މެންބަރުންގެ ސޮޔާއެކުއެވެ.
މަލީހާ ދެކޮޅަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ސަރުކާރަށް ދެ އަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު