އިންޑިއާ ކަނޑުގެ އަމާންކަން ޔަގީންކުރެވޭނީ ގުޅިގެން މަސައްކަތް ކޮށްގެން: ޝާހިދު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު

އިންޑިއާ ކަނޑުގެ އަމާންކަން ޔަގީންކުރެވޭނީ އެހެން ގައުމްތަކާއެކު ގުޅިގެން މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދު ސޮއި ކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސް އިން ރަމްޒުކޮށްދެނީ ޖަޕާން އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުވެ. އަދި ދަތި ދަނޑިވަޅުތަކުގައިވެސް ދެ ގައުމުގެ ގުޅުން ބަދަލު ނުވާނެކަންވެސް ރަމްޒުކޮށްދޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ދިނުމަށް ހަމަޖެހިފައިވަނީ 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޔޫއެސް ޑޮލަރު) އެހީތެރިކަމެކެވެ. 

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ.

މީގެއިތުރުންވެސް، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެޤައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފޮރިން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 

އަދި ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމްބެސެޑަރ ޔާނާއީ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. 

ދިވެހިރާއްޖޭގެ ކޯސްޓްގާޑުން އަހަރެއްގެ މައްޗަށް ގާތްގަޑަކަށް 390 އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ދުނިޔޭގެ ޗާތުގައި ދިވެހިރާއްޖެ އޮންނަ ހިސާބުގެ ގޮތުންނާއި، ދިވެހިރާއްޖޭގެ ބޮޑުބަޔަކީ ކަނޑުގެ ސަރަހައްދަށް ވުމުން، މި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު