ބާރީ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝިއަރީ ކޮމިޓީއިން ފާސްކޮށްފި

ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަދި މިހާރު ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު އޭނާ މަގާމުން ވަކިކުރުމަށް ޖުޑީޝިއަރީ ކޮމިޓީއިން ނިންމައިފިއެވެ. 

އޭނާ މަގާމުން ވަކިކުރުމަށް ނިންމައި ޖޭއެސްސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވަނީ 18 ވަނަ ދުވަހުއެވެ. 

މިއަދު ބޭއްވުނު ޖުޑީޝިއަރީ ކޮމިޓީގެ 63 ވަނަ ބައްދަލުވުމުގައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީއީން ނިންމި ނިންމުން ރަނގަޅު ކަމަށް ބަލައިގަނެ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފައެވެ. މިގޮތަށް ޖުޑީޝިއަރީ ކޮމިޓީއިން ނިންމީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. 

ގާޟީ ބާރީ މަގާމުން ވަކިކުރުމަށް ހުށަހެޅުމަށް ނިންމާފައިވަނީ 2 މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެމްއެމްޕީއާރްސީ ފައިސާއިން މަންފާ ހޯދާފައިވާކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައަކާއި މެއި 2014 އިން ފެބްރުއަރީ 2018 އަށް ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެ، އެ ވިޔަފާރިން ލިބުނު މަންފާ ޖޭއެސްސީއަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި ބަޔާންކޮށްފައިނުވާތީ ތަހުގީގުކުރެވުނު މައްސަލައަކެވެ.

ޖޭއެސްސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާޟީ ބާރީއާއި ދެމެދު ގާތް ގުޅުމެއް އޮތެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއައްތަކާއި ގުޅޭގޮތުން ގާޟީ ބާރީ ވަނީ އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއި ބައްދަލުކޮށްފައެވެ. އަދި، ރައީސް މުހައްމަދު ނަޝީދު މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ޝަރީއަތުގައި، ހުކުމް އިއްވުމުގެ ކުރިން އަދީބަށް ހުކުމުގެ ކޮޕީއެއް ދިންކަމަށްވެސް ވަނީ ސާބިތުވެފައެވެ.

އިތުރަށް ޖޭއެސްސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ގާޟީ ބާރީގެ އެދުމަކަށް އޭނާގެ އަނބިކަނބަލުންގެ ނަންމަތީގައި ފްލެޓެއް ރަޖިސްޓަރ ކުރުމަށް މަސައްކަތްކުރެވުނެވެ. ޖޭއެސްސީއިން ބުނެފައިވާ ގޮތުގައި މިއީ ސަރުކާރުން ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމުމަށް ދިން އިނާޔަތެކެވެ. އަދި އަދީބު އަތުން 5 ލައްކަ ދިވެހި ރުފިޔާވެސް ގާޟީ ބާރީއަށް ލިބިފައިވެއެވެ.

ގާޟީ ބާރީ ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖުޑީޝިއަރީ ކޮމިޓީއިން ނިންމިއިރު، އޭނާ ހުރީ މިހާރުވެސް ސަސްޕެންޝަނުގައެވެ. 

ކިޔުންތެރިންގެ ހިޔާލު