އިންޑިއާ އާއި ރާއްޖޭގެ ދެކުނާއި ދެމެދު ކާގޯ ފެރީ ފަށައިފި

އެމްވީ ބޮންތި 2 / ފޮޓޯ:ޕީއެސްއެމް އެމްވީ ބޮންތި 2 / ފޮޓޯ:ޕީއެސްއެމް

އިންޑިއާގެ ޓުޓިކޮރިންއާއި، ގދ.ތިނަދޫއާއި، އައްޑޫ ސިޓީއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިންނެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތައް ފެށުމަށްޓަކައި އެމްއެސްއެސްގެ އެމްވީ ބޮންތި2 ބޯޓު ވަނީ މިހާރު ޓުޓިކޮރިންއަށް ފުރައިފައެވެ. މި ދަތުރުތަކާއި ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫ ޕޯޓު ލިމިޓެޑުން ވަނީ މިއީ ވިޔަފާރިތަކަށް ލިބޭނެ ކުރިއެރުމެއްކަމަށް ބުނެފައެވެ. އަދި، މި ކާގޯ ފެރީގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް އަތް ފޯރާ އަގުގައި މުދާވެސް ލިބިގެން ދާނެކަމަށް ހިތަދޫ ޕޯޓު ލިމިޓެޑުން ވަނީ ހާމަކޮށްފައެވެ.

މި ކާގޯ ފެރީއިން މުދާ ގެނައުމުގެ ފުރުސަތު އެމްއެސްއެސްއިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން، ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ކާގޯ ބޫކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިންޑިއާގެ ކޮޗިން އާއި ހދ.ކުޅުދުއްފުއްޓާއި ދެމެދުވެސް ކާގޯ ފެރީގެ ހިދުމަތް ކުރިއަށްދެއެވެ. ކޮޗިން އާއި ހދ.ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު