އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.



އެސްޓީއޯގެ ސްޕޯކްސްޕަރސަން އަބްދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި ނިޒާމް އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާތީއެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.



މިހާދު މަގާމުން ވަކިވެ ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ. މިއީ މިހާ ބޮޑު ކޮންސަލްޓަންސީ ފާރމްއެއްގައި ދިވެއްސަކު މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދް އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މިވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯއެވެ. 

 ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދުވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު