އެމްޓީސީސީ: ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ޙިދުމަތުގައި ކާމިޔާބު 40 އަހަރު!

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖެ، މިއަދު މިދެކޭ ޢުމްރާނީ ތަރައްޤީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ ޢާއްމު ޙިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ. މީގެ 40 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ ޢުމްރާނީ ތަރައްޤީގެ އައު ބާބަކަށް އެދިއެދި ތިބި އެތަކެއް ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަޖައްސައިދިން ކުންފުންޏަކަށެވެ. މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމަކުން ލުއި ފަސޭހަކަން ހޯދުމަށް ބޭނުންވެފަ ތިބި އެތަކެއް އާއިލާތަކަކަށް ހިނިތުންވުން ގެނެސްދިން ކުންފުންޏަކަށެވެ. އެންމެ މިޒަމާނުގެ އިންޖީނާއި އަޑީތެލުގެ ޒަރީޢާއިން ކާންބޯންކުރާ މަސައްކަތަށް އައު ދިރުމެއް ގެންނަން ބޭނުންވެފަތިބި އެތަކެއް މަސްވެރިންނާއި އޮޑިވެރިންގެ އިންތިޒާރަށް ނިމުން ގެނެސްދިން ކުންފުންޏަކަށެވެ. އެމްޓީސީސީ ރައްޔިތުންގެ ޙިދުމަތުގައި، ކުންފުނި ހިންގުމާބެހޭ ޢަމަލީ މަސައްކަތް ފަށައިގަތީ 3 ޖެނުއަރީ 1981 ގައެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާއެވެ. އަދި ޙިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ޙިއްސާކަމަށް ކަނޑައެޅުނެވެ. 

އެމްޓީސީސީ އުފެއްދުމުގެ މަޤްސަދަކީ، ދިވެހިރާއްޖޭގެ އާއްމު ރައްޔިތުންނަށް ތަނަވަސްކަން އިތުރުކޮށްދިނުމުގެ ގޮތުން، ކަނޑާވަޔާއި، އެއްގަމުގައި ދަތުރުފަތުރު ކުރުމާބެހޭ ކަންތައް ހިންގައި ކުރިއެރުވުމާއި، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމާއި އެކަންކަން ކުރިއެރުވުމާއި، ޢިމާރާތްކުރުމާއި، އިންޖިނިއަރިންގ މަސައްކަތާއި، ބަނދަރުގެ ޙިދުމަތްތަކާއި، މުދަލާއިތަކެތި ގެނެސްގެންދިޔުމުގެ ޙިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އަދި ޓޫރިޒަމާއި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބޯޓުފަހަރުން މުދާއަރުވާ ބޭލުމާއި، އެޖެންޓްކަން ކޮށްދިނުމާއި، އެއްގަމާއި ކަނޑުދަތުރުފަތުރުކޮށް ދިނުމާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، ވަޑާމުގެ މަސައްކަތް ތަކެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާރޓްމަންޓްތަކާއި ސެކްޝަންތަކުން ކުރަމުންގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. މިގޮތުން ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޜަނާއި އެމް.ޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަން ހިމެނެއެވެ. އޭރު މި މަސައްކަތްތައް ކުރެވުނީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ކުންފުނީގެ ދުވެލި ދިޔައީ އަހަރަކަށްވުރެ އަހަރެއް ހަލުވި ވަމުންނެވެ. މިގޮތުން، މިވޭތުވެދިޔަ 40 އަހަރު ދުވަހުގެތެރޭ އެމްޓީސީސީއަށް ހާސިލުކުރެވުނު ކާމިޔާބީ ތަކަކީ ފަޙުރުވެރިވުން ހައްޤު ކާމިޔާބީ ތަކެކެވެ. 

މިގޮތުން އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއެވެ. ކުންފުނި އުފެދުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވިއެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާއެކު ފަޅުކޮނެ ބިންހިއްކުމުގެ ފުރަތަމަ މަޝްރޫޢު އެމްޓީސީސީން ނިންމާލިއެވެ. މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ. ކުންފުނީގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ލިބިގެންދިޔައީ 2017 ވަނަ އަހަރު މަހާ ޖައްރާފު ކުންފުނީގެ ޑްރެޖިންގ ފްލީޓްގެ ތެރެއަށް އިތުރުވުމާއެކުއެވެ. މަހާ ޖައްރާފް އެމްޓިސީސީގެ ފްލީޓްގައި ހިމެނުމާއެކު އެމްޓީސީސީ ވަނީ މި ސަރަހައްދުގައި، ޑްރެޖިންގް ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފައެވެ. މަހާޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިންގް ފްލީޓްގައި އައިއެޗްސީ 1800ގެ ކަޓަރ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓަރ ސަކްޝަން ޑްރެޖަރެއް ހިމެނެއެވެ. އެމްޓީސީސީގެ މި ޑްރެޖިންގް ފްލީޓާއިއެކު ކުންފުންޏަށް ވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަޝްރޫޢުތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާއެކު ނިންމުމުގެ ޤާބިލުކަން ލިބިފައެވެ. އެމްޓީސީސީން މަސައްކަތްތައް ކުރުމުގައި ގެންގުޅޭ އުޞޫލުތަކާއި މިންގަނޑުތަކަކީ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ކަނޑައަޅާ، ބޭނުންކުރަމުންދާ އުޞޫލުތަކަކާއި މިންގަނޑުތަކެކެވެ. 

ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިންގ، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާރވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ. އައު ޓެކްނޮލޮޖީ އާއި މެޝިނަރީގެ ޒަރީޢާޢިން ހައްލުހޯދުމުގައި ކުންފުނި ކުރިއަރާ ދިޔަވަރަކަށް އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫޢުތަކުގެ ބާވަތަށްވެސް ދިޔައީ ބަދަލުއަންނަމުންނެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާރޕޯޓް ތަރައްޤީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީން ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ 40 އުމްރާނީ ތަރައްޤީގެ މަޝްރޫއުއެގައި އެއްވަގުތެއްގައި މަސަތްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ޖުމްލަ 491 އުމްރާނީ ތަރައްޤީގެ މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. 

ދަތުރުފަތުރުގެ ޙިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ޙިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭންފެށި ޙިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ޙިދުމަތް ހިމެނެއެވެ. ސަރުކާރުގެ މެރިން ޑިވިޜަން 1981 ވަނައަހަރު ހަވާލުކުރެވުމާއެކު ލޯންޗުދަތުރުގެ ޙިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައިވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑުދަތުރުފަތުރުގެ ޙިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިގިއްޔާ ދެމެދު ފެރީގެ ޙިދުމަތް ތަޢާރަފު ކުރެވުނު ހިސާބުންނެވެ. މި ޙިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ތަނަވަސް ޓަރމިނަލްތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ޙިދުމަތްތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުންގެންދާ ކުންފުންޏެކެވެ. އަދި 6 ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 18 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ޙިދުމަތް ކުންފުންނިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ފަހުގެ އަހަރުތަކުގައި ތަޢާރަފު ކުރެވުނު ޕްރިމިއަމް އަދި އެކްސްޕްރެސް ޙިދުމަތުގެ ސަބަބުން އާއްމު ފެރީތަކަށްވުރެ އަވަސް އަދި ތަނަވަސް ޙިދުމަތްތަކެއް ޙިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދިޔައެވެ. ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑުބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ލިންކުގެ ޙިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރުކުރުމަށާއި އެއްތަނުން އަނެއްތަނަށް މުދާ ފޮނުވުމަށް ކުރިއާލާ ރާވާ، އެކަން ކުރުމުގެ ފުރުޞަތު ލިއްބައިދޭ ޙިދުމަތެކެވެ. 

އެއްގަމުދަތުރުތަކަށް ބަލާއިރު، ހުޅުމާލޭގައާއި ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު މެޓްރޯ ބަހުގެ ޙިދުމަތާއި ޝަޓްލް ބަހުގެ ޙިދުމަތް އެމްޓީސީސީން ފޯރުކޮށްދެއެވެ. އަދި މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައާއި އެދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔަރ" ގެ ނަމުގައި އެމްޓީސީސީން، ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލާފައެވެ. މިއަދު އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޙިދުމަތްދޭ ކުންފުންޏެވެ. މިހާރު ދުވާލަކު ފަނަރަހާސް މީހުން އެމްޓީސީސީގެ ދަތުރުފަތުރުގެ ޙިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ގެންދެއެވެ. އަދި މުޅި ރާއްޖޭގައި ކުންފުނިން ޤާއިމްކޮށްފައިވާ ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓަރ މާލެ ސަރަހައްދުގައި ދެވޭ އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތުގައި އަހަރަކު 6 މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެއެވެ. 

ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އިންޤިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނިކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށިފައިވަނީ ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތް ރާއްޖެއަށް ތަޢާރަފުވީ 1974 ވަނަ އަހަރު ޔަންމާ އިންޖީނު ރާއްޖެއަށް ތަޢާރަފުވި ހިސާބުންނެވެ. އެމްޓީސީސީ އުފެދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލު ކުރިއެވެ. އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމްކުރުމުގެ މަސައްކަތްތައް މިއާއެކު ފެށިގެންދިޔައެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއަ ޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީއިން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސިއެވެ. 

ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓަރގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ. އަދި 1994 ވަނަ އަހަރު ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ކަނޑައަޅާ، 2017 ވަނަ އަހަރު ސުޒުކީ އައުޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރެވުނެވެ. މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ.ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑްތަކަކީ، ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓްގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޑަކްޓްތަކަކާއި ބްރޭންޑްތަކެކެވެ. މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ، ސުޒުކީ، ކާސްޓްރޯލް، ޕީޕީޖީ، އަދި ސްކޮޓް ބާޑަރ ހިމެނެއެވެ. މީގެ އިތުރުން މެރޯލް ސްޓިއަރިންގް ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއެކު އެންމެ ފުރިހަމަ ކަސްޓަމަރ ސަރވިސް އާއި ހުނަރުވެރި އިންޖިނިއަރުންނާއި ޓެކްނީޝަނުން ބޭނުންކޮށް އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދެއެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ފުޅާކޮށް އިތުރުކޮށްފައެވެ. މިގޮތުން ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ފަށައިގެން އިންޖިންނިއަރިންގ އާއި ޑޮކިންގ ގެ ޙިދުމަތް މިހާރު ވަނީ ޢާއްމު ފަރާތްތަކަށް ހުޅުވާލާފައެވެ. މާލެއަތޮޅު ތިލަފުށީގައި ޤާއިމުކޮށް ހިންގަމުންގެންދާ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދަށް ޙިދުމަތް ދިނުމުގެ ޖާގައޮތް ބޯޓުޔާޑެކެވެ. 2017 ވަނަ އަހަރު އައު ބޯޓު ހޮއިސްޓް އިފްތިތާޙުކޮށް މާކެޓަށް ޑޮކްޔާޑުގެ ޙިދުމަތް ހުޅުވާލެވުނެވެ. 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިންގް ޙިދުމަތާއެކު ތަފާތު ގިނަ ޙިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގ، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނު އަޑީގެ ވެލްޑިންގްއާއި ކަޓިންގެ ޚިދުމަތް 2018 ގައި ތަޢާރަފުކުރެވި ވޯޓަރ ބްލާސްޓިންގް އާއި ފޮރިކަހައިދިނުމުގެ ޚިދުމަތް 2019 ގައި ތަޢާރަފު ކުރެވުނެވެ. 

އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގައި ކުންފުނި ފާހަގަކުރެވިފައިވަނީ އިޖުތިމާޢީ ޒިންމާ ފުރިހަމައަށް އަދާކުރާ ކުންފުންޏެއް ގޮތުގައެވެ. ކުންފުނިން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ނިންމާ ނިންމުންތަކުގައި އިޖުތިމާޢީ ޒިންމާ މުހިއްމު ދައުރެއް އަދާކުރެއެވެ. ކުންފުނީގެ ތަސައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމްޓީސީސީން ހިންގާ ވިޔަފާރީގެ ޙަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާޢީ ޒިންމާ ތަންފީޒުކުރަމުން ގެންދެވެއެވެ. މީގެ މަޤްޞަދަކީ އިޤްތިޞާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމަޢުއެއް ބިނާކުރުމަށް ހިއްސާކުރުމެވެ. ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކާއި ރާއްޖޭއާއި ރާއްޖެއިން ބޭރުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް މެދުވެރިކޮށް ދޭ އެހީތަކަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުންދެވޭ އެހީތަކެވެ. ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީގެ އެހީތެރިކަން ފޯރުކޮށްދެވުނު ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ދުޅަހެޔޮކަން، ކުޅިވަރާއި ސަޤާފަތް، އަދި އަންހެނުން ބާރުވެރިކުރުމާއި ތަޢުލީމީ ދާއިރާ ހިމެނެއެވެ. 

އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ވޭތުވެދިޔަ 40 އަހަރު ކުންފުންޏަށް ހާސިލުކުރެވުނު ކާމިޔާބީގެ އަސްލަކީ ފަންނުވެރި، އިޙުލާސްތެރި، ޤާބިލު "ޓީމް އެމްޓީސީސީ" ގެ މިންނެތް ބުރަ މަސައްކަތެވެ. ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒަކީ ކުންފުނީގެ މުއައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭބަޔަކަށް ހެދުމެވެ. މިގޮތުން މިހިނގާ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީ ކުންފުނިން ނިންމި ފާހަގަކޮށްލެވޭފަދަ ނިންމުމެކެވެ. އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާނެއެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުއައްޒަފުންނަށް ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދަދީފައެވެ. މުއައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބް އެމްޓީސީސީ އަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދާ ތަރައްޤީކުރުމަށް ޤާއިމްކުރެވިފައިވާ ވަޞީލަތެކެވެ.  

ކުންފުނީގެ މުއައްޒަފުންގެ ޤާބިލުކަމާއި އިޙުލާސްތެރިކަމާއި ކުންފުޏަށް ހުންނަ ލޯބި އެންމެ ބޮޑަށް ވަޒަންކުރެވުނީ 2020 ވަނަ އަހަރުއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ކުންފުނިން ހިންގަމުންދިޔަ އެއްވެސް މަޝްރޫޢެއް ހުއްޓުމަކަށްނައިސް ކުރިއަށްދިޔައީ ކުންފުނީގެ މުއައްޒަފުންގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ އިތުރުން ކޮވިޑްގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ކުންފުނިން އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިޢާޔަތްކޮށް މުރާޖަޢާ ކުރަމުން ގެންދެވުނެވެ. ރާއްޖޭގެ އިޤްތިސާދަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް، ކުންފުނީގެ މަޤްސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ 2020 ވަނަ އަހަރުތެރޭ ކުންފުޏަށް ލިބުނު ކާމިޔާބީއިން ވަޒަންކުރެވުނެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، އައިއެސްއޯ ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ވަނަ އަހަރުތެރޭގައެވެ. އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަރޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސަރޓިފައިކުރެވުނު ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީޚްގައި މިހާތަނަށް އަހަރެއްގެ 3 ވަނަ ކުއާޓަރާއި ހަމައަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީވެސް މިއަހަރުގެ ތެރޭގައެވެ. 

އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި ޢާއްމު ރައްޔިތުން، ވޭތުވެދިޔަ 40 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. އެމްޓީސީސީ 40 އަހަރު ދެއްކި ނަތީޖާއަށް ބަލާއިރު މިއިން ކޮންމެ އަމާޒަކަށް ވާސިލުވުމަށް ބޭނުންވާ ވަސީލަތްތައް ކުންފުނީގައި އެބަހުއްޓެވެ. ކަސްޓަމަރުންނަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ތައްޔާރަށްތިބި، ޤާބިލު، ފަންނުވެރި މުއައްޒަފުން އެކުލެވޭ ޓީމެއް އެބައޮތެވެ. ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ޙިދުމަތުގައި ކާމިޔާބު 40 އަހަރު ވޭތުކުރި ބީދައިން، ކުރިއަށް އޮތްތަނުގައިވެސް ޤައުމު ބިނާކުރުމުގައި އެމްޓީސީސީ އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު