ހާލަތު ބަދަލުވެއްޖެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަންޖެހޭ!

ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް، އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް، އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެން

އިންތިހާބު ފަސްކުރިނަމަވެސް، ފަސްކުރި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައެއް ނުވެ އެވެ. ބަދަލުގައި އިންތިހާބު ފަސްކުރުމަށް ވުޖޫދުކުރި ހާއްސަ ޤާނޫނުގެ ދަށުން އޮތް ހަމައެކަނި ފުރުސަތަކަށްވީ އިންތިހާބުގައިި ވާދަކުރާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ނެގުމުގެ ފުރުސަތު ދިނުމެވެ. އެ ފުރުސަތުގައިި 100 އަށްވުރެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ނަގާފައިވާއިރު، އޭގެތެރޭގައި ގިނައީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި އިންތިހާބަށް ނިކުތް ކެނޑިޑޭޓުންނެވެ. އިންތިހާބަކާ ނުލާ ގޮނޑި ކާމިޔާބުކުރި ކެނޑިޑޭޓުންގެ ތެރެއިންވެސް ނަން އަނބުރާ ގެންގޮސްފައިވެއެވެ. 

ފަސްކުރި އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ނުލިބޭގޮތަށް، އެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރީ އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ. ހާއްސަ ޤާނޫނު ބުނާގޮތުން އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު މާރިޗު މަހުގެ ތެރޭގައިވެސް ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަން ނިންމުމާއެކު، މާރިޗު މަހުގެ ތެރޭގައިވެސް އިންތިހާބު ނުބޭއްވޭނެކަން ވަނީ ޔަޤީންވެފަ އެވެ. 

ސުވާލަކީ ދެންވެސް އިންތިހާބު ފަސްކުރަމުންދާއިރު، އިންތިހާބުގައި ވާދަކުރުމަށް ހުޅުވާނުލާނެތޯ އެވެ. ތިބި ކެނޑިޑޭޓުންނާއެކު އިންތިހާބު ކުރިއަށްގެންދިއުމަށް ފޫގަޅާލުމަކީ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރެވޭނެގޮތެއްތޯ އެވެ. 

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި އިންތިހާބުގައި ކެނޑިޑޭޓުން ވާދަކުރަނީ އެ ޕާޓީއެއްގެ ތަސައްވަރާ އެއްގޮތަށް ރަށަށް، އަތޮޅަށް ތަރައްޤީ ޤެނައުމަށެވެ. ރައްޔިތުން ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ނިކުންނަ ކެނޑިޑޭޓުން އިންތިހާބުކުރަނީވެސް އެ ސަބަބާއިހުރެ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ގިނަ ކެނޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރި ކެނޑިޑޭޓުންވެސް ހިމެނޭގޮތަށެވެ. ކަން އެހެން އޮތުމާއެކު، ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެ ދާއިރާތަކުގެ ރައްޔިތުންނަށް ވަނީ ސިޔާސީ ޕާޓީއެއްގެ ކެނޑިޑޭޓެއް އިންތިހާބުކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. 

އެޔާއެކު އުފައްދާނެ އަނެއް ސުވާލަކީ އިންތިހާބު ބޭއްވިޔަސް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެތީ، ހަމަ އެގޮތަށް ކަންވުމުގެ ފުރުސަތު އޮތްކަމަށް ބުނާ ބުނުމެވެ. ތެދެކެވެ. އާންމު ހާލަތުގައިވެސް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކެނޑިޑޭޓުންނަށް ލިބިދެ އެވެ. ނަމަވެސް މިހާރުގެ މި ހާލަތަކީ އާންމު ހާލަތެއް ނޫނެވެ. ކުރިއަށް އޮތީވެސް އާންމު ހާލަތެއް ނޫނެވެ. 

ބަދަލުވަމުންދާ ހާލަތާއެކު ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތި އަލުން އިންތިހާބުގެ ވާހަކަދެއްކުމަކީ އިންސާފުވެރި ނިިންމުމަކަށްވާނެތޯ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ވިސްނާލުން މުހިންމު އެވެ. އިންތިހާބެއްގެ ބޭނުމަކީ ވާދަވެރިކަމާއެކު ގިނަ ބަޔަކަށް ބައިވެެރިިވެވޭގޮތަށް، ރައްޔިތުންގެ މެދުގައި ނެގޭ އިންސާފުވެރި ވޯޓަކުން ރައްޔިތުންގެ މައްޗަށް ބަސް ބުނާނެ ފަރާތެއް އިންތިހާބުކުރުމެވެ. އެހެންކަމުން އިންތިހާބުގެ ވާހަކަދައްކާއިރު، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިދެވޭ އިންތިހާބެއްގެ ވާހަކަދެއްކުން މުހިންމެވެ. 

ކިޔުންތެރިންގެ ހިޔާލު