ލަންދޫގެ އާ އަހަރު ހަދިޔާ: "ކުޅިދޮށު ޕާކު"!

ނ.ލަންދޫ ކުޅިދޮށި ޕާކު ނ.ލަންދޫ ކުޅިދޮށި ޕާކު

ތާރީހީ ގޮތުންނާއި ގުދުރަތީ ރީތިކަމުގެ ގޮތުންވެސް ދިވެހިރާއްޖޭގައި އެންމެ މަޝްހޫރު އެއް ރަށަކީ ނ.ލަންދޫއެވެ. ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ފެށިގެން އެ ރަށުގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން ގޮސްފައިވެއެވެ. "މާބަދިގެ" ފަދަ ރަށު ރައްޔިތުން ފަހުރުވެރިވާ ގިނަ ތާރީހީ ތަންތަނެއް އެކުލެވޭ އެ ރަށަކީ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މިފަހަރު، 2021 ވަނަ އަހަރަށް އެ ރަށު ރައްޔިތުން މަރުހަބާ ކިޔާފައިވަނީ އެ އެއްބައިވަންތަކަން މުޅި ދިވެހިރާއްޖެއަށް އަނެއްކާވެސް ދައްކާލަމުންނެވެ. 

ރަށުގެ ރީތިކަން ބަލާލުމަށް ނިކުމެ އުޅުނު 6 ޒުވާނަކަށް ލިބުނު ހިޔާލަކަށް "ކުޅިދޮށު ޕާކު" ނަމުގައި ހާއްސަ ނޭޗަރ ޕާކެއް އެ ރަށުގައި ތަރައްގީކޮށް ހުޅުވާފައިވަނީ އިއްޔެގެ ހަވީރު 4:30ގައެވެ. މި ރަސްމިއްޔާތުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ އެ މަސައްކަތުގައި ދެގޮތެއްނުވެ ކޮންމެ ދުވަހަކު މަސައްކަތްކޮށްފައިވާ ތިން ޒުވާނެކެވެ.


ކުޅިދޮށު ޕާކު ނަމުގައި ޕާކެއް ހެދުމުގެ ހިޔާލު އެންމެ ފުރަތަމަ އުފެދުނީ މީގެ 3 މަސްކުރިންނެވެ. ކެނދިކުޅުދޫ ޕާކްގެ ކޮންސެޕްޓް ހިތަށްވަދެ، ސަކަރާތުގެ ތެރެއިން ފެށުނު އެ މަސައްކަތް ކާމިޔާބު ކަމާއެކު މިހާރު ނިންމާލެވިފައިވަނީ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެއްބާރުލުމާއެކުއެވެ. ގިނަ އަދަދެއްގެ ޒުވާނުން އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެފައިވާއިރު، އަންހެންވެރިންގެ ހާއްސަ ކޭމުތަކުން މަސައްކަތަށް އިތުރު ހިއްވަރެއް ގެނުވާފައިވެއެވެ.

މި ޕާކު ހަދާފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި 1،200 އެއްހާ ފޫޓު ދުރުގައެވެ. އެ ރަށުގެ ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމަ ސިފައިގައި ފެނިގެންދާ ގޮތަށް ފަރުމާކޮށްފައިވާ މި ޕާކު ހަދާފައިވަނީ މުޅިންވެސް ތިމާވެއްޓާއި ރަށްޓެހި ތަކެތި ބޭނުންކޮށްގެންނެވެ. 50 ފޫޓުގެ ފާލަމެއް އަޅައި އެ ފާލަމާއި ގުޅުވައި މަޖާކޮށްލައި އަރާމުކޮށްލުމަށް ހަޓެއްވެސް ހަދާފައިވެއެވެ.

ޕާކު ރަސްމީކޮށް މިހާރު ހުޅުވާފައިވާއިރު، މި ޕާކުގެ ސަބަބުން އެ ރަށުގެ ލޯކަލް ޓޫރިޒަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރާ ކަމަށް މަސައްކަތުގައި ބައިވެރިވި ގިނަ ޒުވާނުންވަނީ ބުނެފައެވެ. ކޮވިޑް-19ގެ ސަބަބުން އާންމު ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ނ.ލަންދޫ ރައްޔިތުން މިވަނީ އެ ރަށު ރައްޔިތުންގެ އެއްބައިވަންތަކަމަށް ބަދަލެއް ނާންނަކަން ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު