މާލޭގެ ބައެއް ގޭގައި ކުއްޔަށް ބަހައްޓާ ކުދިންނާމެދު ކަންތައްކުރެވޭ ގޮތް

އާމިނަތު އަޙުމާ

މާލޭގައި ކުއްޔަށް އެޕާރޓްމެންޓް ހިފައިގެން އާންމުކޮށް އުޅޭ މީހުންނަކީ ލިބޭ އާމްދަނީއިން ގޭގެ ކުލި، ފެން ބިލް، ކަރަންޓު ބިލް، ފޯނު ބިލް، ކެއުމުގެ ޚަރަދުތައް މިހެން ގޮސް ކުރަން ޖެހޭ ހުރިހާ ޚަރަދުތަކެއް ކޮށްފައި ދެކޮޅު ނުޖެހޭ މީހުންނެވެ.

މިކަމުގެ ސަބަބުން ގިނަ މީހުން އެކަމަށް ހޯދާ ޙައްލަކީ ގޭގައި މަހު ކުލި ދޭ ގޮތަށް ކިޔަވާށާއި ވަޒީފާއަށް ދާ ކުދިން ބެހެއްޓުމެވެ. މިއީ ވަރަށް އާންމު ކަމެކެވެ. ގޭގައި މަސައްކަތް ކުރުމަށާއި އެކު ތިބޭ ކުދިންނަށް ކުލި ކުޑަ ކޮށްދެއެވެ. މިއާއެކު ގޭގައި މަސައްކަތް ނުކޮށް ހަމައެކަނި އެކުދިންގެ ކަންކަން ކުރަން ޖެހޭ ކުދިންގެ ކުލި އާންމުކޮށް ބޮޑުކަން ފާހަގަ ކުރެވެއެވެ. ބައެއް ގޭގެއިން 2300 ރުފިޔާ އަށް ކުދިން ބަހައްޓައިދޭ އިރު އަނެއްބައި ގޭގޭގައި 3500 އަށްވެސް ކުދިން ބަހައްޓަމުން ދެއެވެ. ގިނަ ގޭގެއިން ނަގަނީ 3000 ރުފިޔާކަންވެސް ފާހަގަ ކޮށްލެވެއެވެ. މިއީ ދުވާލަކަށް ބަލާނަމަ 100 ރުފިޔާއެވެ. މިފަދަ ބައެއް ގޭގޭގައި ކަންކަން ހުންނަ ގޮތަށް ނަޒަރު ހިންގާލަން ޖެހެއެވެ.

ޢާންމުކޮށް ގިނަ ގޭގޭގައި ކުއްޔަށް ކުދިން ބަހައްޓަނީ އިތުރު ކުދިންތަކަކާ އެކު ވަކިން ކޮޓަރިއެއްގައެވެ. އެއްބައިގޭގޭގައި 2 ކުދިން، އަނެއްބައި ގޭގޭގައި 3 ނުވަތަ 4 ކުދިން ނުވަތަ 5 ކުދިން ބަހައްޓާއިރު ބައެއް ގޭގޭގައި ކޮޓަރިއަކު 6 ކުދިންވެސް ބައިތިއްބައެވެ. ބައެއް ގޭގޭގައި ޖާގައިގެ ދަތިކަން ވަރަށް ކުޑަކަންވެސް ފާހަގަކޮށްލެވެއެވެ. ކޮޓަރިއަކު 2 ބަންކު އެނދު ނުވަތަ ދެބުރި އެނދު، ކޮންމެ ކުއްޖަކަށް އެނދެއް ލިބޭ ގޮތަށް ބައެއް ގޭގައި ކަންތައް އޮންނަ އިރު ބައެއް ގޭގޭގައި އެއްބައި ކުދިންނަށް އެނދުގައި ނިދަން ލިބިފައި އަނެއްބައި ކުދިންނަށް ލިބެނީ ތަޅުންގަނޑުމަތީގައި ނިދަން ކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އެންމެ ތާކުންތާކު ނުޖެހޭ ކަމަކީ އެނދުގައި އޮންނަ ކުއްޖާއާއި ބިންމަތީގައި އޮންނަ ކުއްޖާއާއި ދެކުދިންގެ އަތުން ނަގާ ކުލީގެ މިންވަރުގައި އެއްވެސް ތަފާތެއް ނެތުމެެވެ. ކުދިންތަކުގެ މެދުގައި ތަފާތުކުރުންވެސް އިންތިހާއަށް ގެންދާ މީހުން އުޅޭކަން ފާހަގަކޮށްލެވެއެވެ.

ގިނަ މީހުން ކުދިން ބަހައްޓަނީ ކެއުންވެސް ދޭނެކަމަށް އެއްބަސްވުމަށް ފަހުގައެވެ. ފުރަތަމަ ދުވަސްކޮޅު ކޮންމެ ގެއަކުންވެސް ރަނގަޅަށް ކެއުން ލިބެއެވެ. 3 އިރު ރަނގަޅަށް ހުރިހާ ކުދިންނަށް ކެއުން ދިނުމަކީވެސް ފަސޭހަކަމެއްނޫން ކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އެހެނަސް ކޮންމެ ބަޔަކުވެސް ކެއުން ލިބޭނެކަމަށް އެއްބަސް ވުމަށްފަހު ހަފްތާއެއްހައި ދުވަސް ފަހުން ދުވާލަކު ގެއިން ދެފަހަރު ހަމައަށްވެސް ކާން ނުދޭން އުޅޭ ކަމަށް ފާހަގަކުރެވެއެވެ. މާ ލަހުން ކާން އައީތީ ހުސްވީ ކަމަށް ބުނާއިރު އެންމެންނަށްވެސް އެނގޭކަމަކީ އެންމެންނަށް ވާ ވަރަށް ކެއުން ތައްޔާރުކުރި ނަމަ ކޮންމެ ވަގުތަކު ކާން ދިޔަނަމަވެސް ކެއުން ލިބޭނެކަމެވެ. ފުރަތަމަކޮޅު ކެއުންތައް މީރުކޮށް ތައްޔާރުކުރުމަށްވެސް މަސައްކަތް ކުރާނެއެވެ. ނަމަވެސް އެކަމަށްވެސް ފަރުވާ ކުޑަކުރަމުން ކުރަމުން ގޮސް ފަހުން ފަހަކަށް އަންނައިރު ކާ އެއްޗަކުން ލޮނުރަހަ އެއް، ކުޅި ރަހައެއް، ފޮނި ރަހައެއް ނުދޭނެއެވެ. ނަތީޖާ އަކަށް ވަނީ ކުއްޖާ ގެއިން ކެއުމުގެ ބަދަލު ބޭރުން ކާން ފަށަނީއެވެ. މިއީ ގޭގެ ވެރިންނަށް އަދި މާ ހިތަށް ފަސޭހަގޮތެކެވެ. އެހެން ވުމުން ދެން ކުދިންގެ ކެއުމަށް ކުރަން ޖެހޭ ޚަރަދުވެސް ކުޑަވެގެން ދިޔައީތާއެވެ.

ދެން އޮންނަ ކަމަކީ ގޭގައި ތިބޭ ކުދިންނަށް ހަރުކަށި ބަސްތަކުން ހަމަލާ އަމާޒުކުރުމެވެ. އެ ގޮތުން ކުރާ ކޮންމެ ކުޑަ ކަމަކުން ކޮންމެވެސް މައްސަލައެއް ހޯދައި އަބަދުހެން ޝަކުވާކުރަން ފަށައެވެ. އެވަރުން ނުފުދިގެން ކުއްޖާއޭ ކިޔައި ދޮގު ޚަބަރު ފެތުރުން ފަދަ ކަންކަން ކުރެއެވެ. އެންމެ ފަހުން އެ ކުއްޖަކަށް ކެތް ނުކުރެވިގެން އެހެންގެއަކަށް ބަދަލު ވާވަރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު
ހަސީބް
ތިޔަ ގޮތައް އަމިއްލަ ދަރީންނާއި ދޭތެރޭ ކަންކަން ކުރާމީހުންވެސް އުޅެއެވެ.
އަހުމަދު
ބައެއް ކުދިން ކުލިނުދައްކާ ފިލައިގެންދާން މަސައްކަތް ކުރާކަން ވެސް ފާހަނގަ ކޮއްލަން.!