ސުޕާރ މެޖޯރިޓީއާއެކު އެތައް ސުވާލުތަކަކާއި, އުންމީދުތަކެއް!

އަލީ ޝިފާޒް

ވާދަވެރި ކެމްޕެއިންތަކަކަށް ފަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމުނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އާ ރެކޯޑަކާއެކުގައެވެ. އެމްޑީޕީއިން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރީ ސްޕަރ މެޖޯރިޓީއާއި އެކުގައެވެ. މިހާތަނަށް ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް ގޮނޑި ކަށަވަރުވެފައިވާއިރު، އެއީ ހަތްދިހަ އިންސައްތައަށްވުރެ މަތީ އަދަދެކެވެ. ޕީޕީއެމް/ޕީއެންސީ/ޖޭޕީ ކޯލިޝަނަށް ޖުމްލަ ލިބުނީ، 13 ގޮނޑިއެވެ. އެއީ ޕީޕީއެމްއަށް 5 ގޮނޑި ޖުމްހޫރީޕާޓިއަށް 5 ގޮނޑީގެ އިތުރުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް 3 ގޮނޑިއެވެ. އެމްޑީއޭއަށް 2 ގޮނޑި ކަށަވަރުވެފައިވާއިރު، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރި 7 ކެންޑިޑޭޓަކު ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. އޭގެތެރެއިން އެއް ކެންޑިޑޭޓަކީ ރައީސް މައުމޫނުގެ ތާޢީދާއެކު ވާދަކުރި ކެންޑިޑޭޓެކެވެ.

ކޮންމެއަކަސް އެމްޑީޕީން މިވަނީ ރާއްޖޭގ ބަރުލަމާނީ ޙަޔާތުގައި ރެކޯޑް ޢަދަދަކަށް ގޮޑި ކާމިޔާބުކޮށްފައެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ނިކުންނަނީ ސްޕަރ މެޖޯރިޓީއާއެކުގައެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްގެން ހިންގަންފެށި ސިޔާސީ ޕާޓީއަށް މަޖިލިސް އިންތިޚާބެއްގައި ކުރި ލިބުނު ފުރަތަމަ ފަހަރެވެ.

ސުޕަރ މެޖޯރިޓީއަކީ ކޮބާ؟

19ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް އިސްލާހުކޮށް އަދި ބިލްތައް ފާސްކޮށް، އެނޫންވެސް މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރާނީ އެ މެންބަރުންނެވެ. 19ވަނަ ރައްޔިތުންގެ މަޖިލީހުގައި މިފަދަ އެއްވެސް ކަމެއް ކުރުމަކަށް އެމްޑީޕީން އެހެން ޕާޓިއެއްގެ އެހީއެއް ބޭނުމެއް ނުވާނެއެވެ. ޤާނޫނެއް ހަދަންވިޔަސް ނުވަތަ ޤާނޫނަކަށް އިސްލާހެއް ބޭނުންވިޔަސް އެމްޑިޕީގެ މެންބަރުންގެ އެކަނި އެހީއާއެކު އެމްޑީޕީއަށް އެކަމެއް ވާނެއެވެ. ހަމައެއާއެކު ޤާނޫނު އަސާސީއަށް އިސްލާޙެއް ގެންނަންވެއްޖެ ނަމަވެސް އެމްޑީޕީގެ 65 މެންބަރުންނަށް އެކަން ކުރެވޭނެއެވެ. ސުޕަރ މެޖޯރިޓީއަކީ މިއީއެވެ. އެހެން ޕާޓީއަކަށް ނުވަތަ މިނިވަން ކެންޑިޑޭޓަކަށް ބަރޯސާނުވެ މަޖިލިސްތެރެއިން ކުރަން ބެނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު މިވަނީ އެމްޑީޕީއަށް ފަހިވެފައެވެ. 

ސުޕަރ މެޖޯރިޓީގެ ތަޖުރިބާ

ސުޕަރ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް 2014ވަނަ އަހަރު އިންތިޚާބުކުރި 18ވަނަ ރައްޔިތުންގެ މަޖިލިސްވެސް ޕީޕީއެމް/އެމްޑީއޭ/ޖޭޕީ ކޯލިޝަނުން ކާމިޔާބު ކުރީ ސުޕަރ މެޖޯރިޓީއާއެކުގައެވެ. ސުޕަރ މެޖޯރިޓީ ލިބުމުން ރައްޔިތުންނަށް ކުރި މާކަ ބޮޑު މަންފާއެއް އޭރުގަ ނުފެނުނެވެ. ނަމަވެސް މަޖިލިސްތެރެއިން ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ބަދަލު ގެނައުމާއި، ބޭރު ފަރާތްތަކަށް ބިން މިލްކުކުރެވޭ ޤޮތަށް ބިލްތައް ފާސްކުރަން ފެށިއެވެ. ފަޓާސް ބަރިއެއްހެން ކަންކަން ނިންމަމުން ދާތަން ފެނުނީ ޒާތީކަންކަމާއި، ހަސަދަ ފިލުވުން ތަކުގެ ތެރެއިންނެވެ. ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ކުރަންފެށި މަސައްކަތުން މުޅި ސިޔާސީވެށި ވީ ބިރުވެރިވެއްޓަކަށެވެ. މިނިވަން މުވައްސަސާތައް ޕެރަލައިޒް ވިއެވެ. 

ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ކުރެވިދާނެ ބައެއްކަންކަން

އެމްޑީޕީއަށް މި ލިބުނީ ފުރުސަތެކެވެ. އިސްލާހީ މަސައްކަތަށް ނިކުމެ، އެމްޑިޕީ މަސައްކަތްފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މިވަރުގެ ފުރުސަތެއް ނުލިބެއެވެ. 2008ގަ ވެރިކަން ލިބުނުއިރު މަޖިލިސް ގެއްލުނީއެވެ. 2013ގަ ވެރިކަންވެސް ނުލިބި، 2014ގަ މަޖިލިސްވެސް ގެއްލުނީއެވެ. ދެން ޖެހުނީ ބަހަނާ ދައްކާށެވެ. ކަންކަން ނުވަނީ މަޖިލިސް މެޖޯރިޓީ ނުލިބުމުން ކަމަށް ބުނެއެވެ. މިއަދު އެ ވާހަކަތައްވެސް ހުއްޓުނީއެވެ. ވެރިކަންވެސް ، މަޖިލިސްވެސް ހިތަކަށް މިއޮތޯ އެމްޑީޕީއަށް ލިބިފައެވެ. 

އެމްޑީޕީން ފުރަތަމަ ދުވަހުން ފެށިގެން ހުށަހެޅި އިސްލާހީ އެޖެންޑާ ހާސިލުކުރުމަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން ޤާނޫނު އަސާސީގައި އިސްލާހުކުރަން ހުރި ކަންކަން ބަލާ އިސްލާހުކޮށް ދިވެހި ރައްޔިތުންނަށް ކޮންމެހެންވެސް ބޭނުންވާ ޤާނޫނުތައް ހެދުމަށް ތައްޔާރުވާށެވެ. 

ރައްޔިތުންގެ އުންމީދުތައް ސުޕަރ މެޖޯރިޓީއާއި ގުޅިފަ

ރައްޔިތުން ރައީސް ސޯލިހުއާ ވެރިކަން ހަވާލުކުރީ ވަރަށްވެސް ފޮނި އުންމީދުތަކަކާއެކުގައެވެ. އެވެރިންނަށް އަނިޔާވެރިނުވާނެ ކަމުގެ ޔަޤީން ކަމާއެކުގައެވެ. އެވެރިންނަށް އިންސާފު ކަށަވަރުކޮށްދޭނޭ ކަމުގެ ޔަޤީން ކަމާއެކުގައެވެ. ހެޔޮވެރިކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީން ކަމާއެކުގައެވެ. ވެރިކަން ހިންގާ ވައުދުތައް ފުއްދެވެން އޮތީ ރައީސް ސޯލިހުގެ ވައުދުތައް ޤަބޫލުކުރ އެމްޑީޕީއަށް މެޖޯރިޓީ ދީގެންކަމަށް އެމަނިކުފާނު ވިދާޅުވުމުން ދިވެހިން މަވަނީ ސުޕަރ މެޖޯރިޓީ ދެއްވާފައެވެ. އެހެން ކަމުން ރައްޔިތުންނަށް ވީ ވައުދު، ޚާއްސަކޮށް އެކެންޑާ 19ގެ ދަށުން ވީ ވަޢުދުތައް ފުއްދުމަށް އަވަސްވެ ގަންނާށެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްވާ ދެއްވާށެވެ. އެ ރައްޔިތުން އެދޭ ސުވާލުތަކަށް ޖަވާބު ދެއްވާށެވެ. އެ ރައްޔިތުން ހިތްއުފާކުރުވަނިވި ހެޔޮވެރިކަމެއް ކަށަވަރުކޮށްދެއްވާށެވެ.


ކިޔުންތެރިންގެ ހިޔާލު