ކިޔަވާނެ ގޮތެއް ވިސްނާނީ ދަރިވަރުން، އެހެންމީހުންނެއް ނޫން!

ޝަރޫނާ އަބްދުﷲ

ތައުލީމު އުނގެނުމުގެ ބޭނުމުގައި އަދި ކިޔަވަން ދާހިތުން ސުކޫލަށްދާ ކުދިންވެސް ބައެއްފަހަރު ކިޔެވުމުގައި އެހެން ކުދިންނަށްވުރެ ދަށް ނަތީޖާއެއް ނެރޭތަން ފެނެއެވެ. އެއީ އެކުދިން ކިތަންމެ ގަދައަޅައި މަސައްކަތް ކުރި ނަމަވެސް އެހެން މީހުން ބޭނުންވާ ވަރަށް ނުކިޔެވޭތީއެވެ. ނުވަތަ ކޮންމެވެސް އެހެން ސަބަބަކާއިހުރެ، އެންމެ ފުރިހަމަ ނަތީޖާއެއް ނުނެރެވެނީއެވެ. 

ސުކޫލުގައި ކިޔަވާ ކުއްޖަކަށް އެކުއްޖަކު ކިޔަވަން ބޭނުންވާ ވަރަށް ކިޔެވި، ބޭނުންވާ ވަރުގެ ނަތީޖާއެއް ނުނެރެވުމުގެ އެއް ސަަބަބަކަށް ވެފައި އޮންނަނީ އެކުދިންގެ އާއިލާގެ ތެރެއިން އެކުދިންނަށް އަންނަ "ޕްރެޝަރެވެ". މިސާލަކަށް އެ ކުއްޖެއްގެ އާއިލާގައި އެކުއްޖަކަށްވުރެ ރަނގަޅު ނަތީޖާއެއް ގެނެސްފައި ހުރި މީހަކު ހުރެއްޖެނަމަ އަބަދުވެސް އެމީހެއްގެ ފިޔަވަޅާ އެއްގޮތަށް އެމީހަކު ހިނގާ މަގުން ހިނގާށޭ ބުނުމުން ކުދިންގެ ހިތްވަރު އެލިގެން ދިއުމަށް މަގުފަހިވާނެއެވެ. 

ކޮންމެ މީހަކީވެސް ތަފާތު މީހެއްކަން ދަނެގެން އެމީހަކު އެކަމެއް ކުރަން ބޭނުންވާ ގޮތަކަށް ކުރަން ދޫކޮށްލުމުން އެމީހަކު އެކަމެއް ކުރާލެއް މާ ފުރިހަމަ ވާނެއެވެ. އެއީ އެންމެންނަށްވެސް އެނގިފައި އޮންނަ ހަގީގަތެކެވެ. ނަމަވެސް އޭގެ މާނައަކީ ރަނގަޅުގޮތާއި ނުބައިގޮތް އެމީހަކަށް އޮޅުންފިލުވައި ނުދީ ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން ދޫކޮށްލުމެއް ނޫނެވެ. ހަމަ މިއުސޫލުން ކިޔަވާ ކުދިން ބޭނުން ގޮތަކަށް ކިޔަވަން ދޫކޮށްލުމަކީ އެކުދިންގާތު ވަކި ގޮތަކަށް ކިޔަވާށޭ ނުވަތަ ވަކި ގޮތަކަށް ކިޔެވުމުގެ ޝެޑިއުލް ބައްޓަން ކުރާށޭ ބުނުމަށްވުރެ، އެކަން ކުރަން އޮންނަ ރަނގަޅު ގޮތެވެ. ވަކި މީހަކު ގެންގުޅޭ އުސޫލެއް އެކުދިން ގެންގުޅެން ބޭނުންނުވެދާނެއެވެ. އެހެންކަމުން އަބަދު ވަކި މީހަކު ނަމޫނާއަކަށް ނަގައިގެން އެމީހަކު "ފޮލޯ" ކުރާށޭ ނުބުނެ، އެކުއްޖަކު ބޭނުންގޮތަކަށް ކިޔަވާށޭ ބުނުން މާ ބުއްދިވެރިއެވެ. 

ތިމާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އުޅުމާއި އެހެންމީހަކު ކަންތައްތައް ކުރާގޮތަކަށް ކަންކަން ކުރަން އުޅުމުގެ ތެރެއިން އެހެން މީހަކު ކަންކަން ކުރާ ގޮތަށް ކަންކަން ކުރަން އުޅެގެން އޮންނާނީ އެކަމެއް ނުކުރެވިފައެވެ. ނުވަތަ އެކަމެއް ކުރާނީ ވަރަށް ފޫހިވެގެންހުރެ ކަންފަސޭހަކޮށްލައިގެންނެވެ. އެހެންކަމުން ކިޔަވާ ކުދިންނަށް އެހެން މީހުންގެ މިސާލު ދެއްކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުރުން ރަނގަޅު ކަމެއް ނޫނެވެ. 

ފޮތް ކިޔުމާއި ފިލާވަޅު ހެދުން އެކީ އެކައްޗަކަށް ނިންމާލާ ކުދިންވެސް އުޅެއެވެ. އަދި ފުރަތަމަ ފިލާވަޅު ހަދާފައި ފަހުން ފޮތް ކިޔަން މަޑުޖައްސާލައިގެން ތިބޭ ކުދިންވެސް ފެނެއެވެ. އެއީ އެއްގޮަކަށްވެސް އެކުދން ކިޔަވަން ބޭނުންނުވާތީ ކުރާ ކަމެއް ނޫނެވެ. އެއީ އެކުދިންނަށް އެންމެ ފަސޭހަގޮތަށް ވާތީ އެކުދިން ކުރާ ކަމެކެވެ. އެކުދިން އެގޮތަށް ކިޔަވަން ބޭނުންވާނަމަ އެގޮތަށް ކިޔަވަން ދޫކޮށްލާށެވެ. އެއަކުން ވާނެ ގެއްލުމެއް ނޯންނާނެއެވެ. އެހެންކަމުން ކިޔަވަންވާނީ މިވެނި ގޮތަކަށޭ ބުނެ އެކުދިންގެ ކިޔެވުމުގެ ތެރެއަށް ތިމާގެ ވިސްނުން ނުވައްދާށެވެ. 

ކިޔަވާކުދިންނަކީ އެކުދިންނަށް ވިސްނުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ދޭންޖެހޭ ބައެކެވެ. އެހެންނޫންނަމަ އެކުދިންގެ ސިކުނޑީގައި އެއްވެސް ތިޔާގި ކަމެއް ނޯންނާނެއެވެ. އެހެންކަމުން އެކުދިން ކިޔަވަން ބޭނުންގޮތަކަށް އެކުދިން ދޫކޮށްލާށެވެ. އަދި ނުބައި ގޮތަކަށް ކަމެއް ހިނގާނަމަ، ވިސްނައިދެންވާނީ އެހިސާބުންނެވެ. އެންމެ ފުރަތަމަވެސް ތިމަންނަ ބުނާ ގޮތަކަށް ނޫނީ ކިޔަވައިގެން ނުވާނެއޭ ބުނެ ކުދިން ބިރުނުގެންނުވުމުން އެކުދިން، ކިޔެވުމުގެ މަތިންވެސް ފޫހިވާނެއެވެ.  

ކިޔުންތެރިންގެ ހިޔާލު