މާލެތަ؟ ރާއްޖެތެރޭތަ؟ ނުވަތަ ދިވެހިންތަ؟

އީމާ މުހައްމަދު ވަހީދު
ފޮޓޯ: މިހާރު

އިންޑިއާ ކަނޑުތެރެއަށް އުކާލެވިފައިވާ މުތީތަކެއް ފަދަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އެތައް ބައެއްގެ ދުލުން ދުނިޔެމަތީގައިވާ ސުވަރުގެ ގޮތުގައި ސިފަ ކުރާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް މަރުހަބާ ކިޔަނީ މިދީބުގެ ހަމަހިމޭންކަމާއި އަމާންކަމެވެ. ހިތަށް ފިނިކަމެއް ގެނެސްދެނީ ކާޅާއި ކޮއްވެއްޔާއި އަދި އެހެނިހެން ދޫނިސޫފާސޫފީގެ ނަލަ މިއުޒިކީ ރާގުންނެވެ. މިތަނަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނެއްގެ ދުލުންވެސް ތައުރީފްގެ  ބަސްތައް އޮހެނީ އަޅުގަނޑުމެންގެ ތެރޭގައި މިވާ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށެވެ. މިގައުމަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ގިނަ މީހުން ތިބެނީ މި ހިތްފަސޭހަ މަންޒިލް ދޫކޮށް ދާހިތް ނުވެފައެވެ.

އަޅުގަނޑު ހަމަގައިމުވެސް ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމެވެ. އަޅުގަނޑުމެންނަކީ ދިވެހިންނެވެ. އެއްބައިވަންތަ އެކުވެރި އަދި އަމިއްލަ ބަހެއްގެ ވެރި ދިވެހިންނެވެ. ފަޚުރުވެރި ދިވެހިންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަފާތު އާދަކާދަތަކާއި ޘަގާފަތްތައް ގެންގުޅޭ މީހުންނެއް ނޫޅެއެވެ. ނުވަތަ އެކި ޖަމާއަތްތަކެއް ވެސް ނޯވެއެވެ. އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހިންނެވެ. ދިވެހި ލޭ ހިނގާ ދިވެހި ދަރިންނެވެ. މި ކުދި ކުދި ރަށްތަކަކީ ހަމަ އަޅުގަނޑުމެން ހުރިހާ ދިވެހިންގެވެސް މިލްކިއްޔާތެކެވެ. މި ގައުމުގެ މިލްކިއްޔާތަށް ދައުވާކުރެވޭނެ އެހެން ގައުމެއްގެ މީހެއް ނުހުންނާނެއެވެ. މި ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޒަނެވެ. ދިވެހިންގެ ތަނެކެވެ.

ފުރަ މާލެއަކީ ވެސް ހަމަ ހުރިހާ ދިވެހިންގެ ބިމެކެވެ. މާލޭގައިވެސް އަދި އެހެން ރަށެއްގައިވެސް ދިރިއުޅުމުގެ ހައްގު ނުލިބޭ ދިވެއްސެއް ހުރެގެން ނުވާނެއެވެ. މާލެ އަކީ ހަމައެކަނި މާލެ އަށް އުފަން، މާލެގެ ރަށްވެހިކަން އޮންނަ މީހުންގެ ތަނެއް ނޫނެވެ. މާލެއަކީ ހުރިހާ ދިވެހިންގެ ތަނެކެވެ. މިގައުމުގެ އެއްވެސް ރަށަކީ ވަކި ބަޔަކަށް ހާއްސަ ރަށެއް ނޫނެވެ. ކޮންމެ ފަންތިއެއްގެ ކޮންމެ ގިންތިއެއްގެ ކޮންމެ މީހަކަށްވެސް މާލޭގައި ވެސް އަދި އެހެން ރަށްތަކުގައިވެސް އުޅުމުގެ ހައްގު އޮންނަ ޖެހޭނެއެވެ. ރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްވާ މީހެކޭ ނުވަތަ ބަޔެކޭ ކިޔާފައި، އެހެން ދިވެހިންނަށް ވުރެ އެ މީހަކު ނުވަތަ އެ ބަޔަކު ހާއްސައެއް ނުވާނެއެވެ. 

ހަތަރުކަށިމަތި މާލޭ މީހަކަށް ވެގެންވީ ކޮން ފައިދާއެއްތޯއެވެ؟ ހިތި ހަގީގަތަކީ މިއަދު މާލެ ނޫން އެހެން ރަށްތަކުގައި ދިރިއުޅޭ މީހުން، މާލޭގައި ދިރިއުޅޭ މީހުންނަށްވުރެ މާ ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅޭ ކަމެވެ. މާލޭ މީހަކަށް ވެގެން ވަކި ހާއްސައެއް ނުވާނެއެވެ. މާލޭގައި ދިރިއުޅޭ މީހާވެސް އަދި އެހެން ރަށްތަކުގައި ދިރިއުޅޭ މީހާވެސް ވާނީ ދިވެއްސަކަށެވެ. މާލެއަކީ އެތައް ކުށްތަކެއްގެ ހާއްޔެވެ. މާލޭ މަގުމައްޗަށް ނުކުންނަ މީހާއަށް، ސަލާމަތުން ގެއަށް ވަދެވޭނެ ކަމާމެދު ޝައްކެވެ. މީހުން މެރުމާއި، ވައްކަމާއި ފޭރުމާއި އަދި މިނޫނަސް ނަން ހުސްކޮށް ކިޔޭނެ އެކި ކަހަލަ ކުށްތަކަށް އަރައިގަތުން މިއަދު މިވަނީ މާލޭގައި އާންމުކަމަށްވެފައެވެ.

މާލެއަކީ ވެސް ހަގީގަތުގައި ރަށެކެވެ. ތަފާތަކީ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވުމެވެ. ރާއްޖޭގެ ވެރިކަމަށް އިސްވާ ކޮންމެ ވެރިއެއް ވެސް ހާއްސަ ސަމާލުކަމެއް ދީގެން މާލެ ތަރައްގީ ކުރަނީ، ހަމައެކަނި މާލޭގެ ރަށްވެެހިކަން އޮންނަ މީހުންގެ ފައިދާއަކަށް ނޫނެވެ. އެކަން ކުރަނީ މިގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ފައިދާއަށާއި ލާބައަށެވެ. ހަގީގަތަކީ މިއަދު މާލެ އަކީ ކޮންމެ ދިވެއްސެއްގެ ވެސް ތަނެއް ކަމެވެ. މާލެއަކީ ހަމައެކަނި މާލޭގައި ރަށްވެހިކަން އޮންނަ މީހުންގެ ތަނެއް ނޫނެވެ. "މާލޭ މީހުންނޭ" އަދި "ރާއްޖެތެރޭ" މީހުންނޭ ކިޔައިގެން ވާހަކަދައްކަވާ ބޭފުޅުން ފަހަރެއްގައި، މާލެ އަކީ ވެސް ރާއްޖެތެރޭގެ ރަށެއްކަން ހަނދާން ނެތުނީކަމަށް ވެދާނެއެވެ. މީގެ 20 ވަރަކަށް އަހަރު ކުރީގެ ފޮޓޯއެއް ބަލައިލައިފިނަމަވެސް މާލެ ސިފަވާނީ އާދައިގެ ރަށެއްގެ ގޮތުގައެވެ.

"މާލޭ މީހުންނޭ" އަދި "ރާއްޖެތެރޭ" މީހުންނޭ ކިޔައި ތަފާތުކުރާ ތަފާތުކުރުންތައް ނައްތާލަންވެއްޖެއެވެ. އަޅުގަނޑުމެންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކުރަން ވެއްޖެއެވެ. ކުރިން އޮތް އެއްބައިވަންތަކަން އަލުން އިޔާދަކުރަން ލަސްވެއްޖެއެވެ. މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެއްސެއް ކަމަކު އެކި ބޭނުންތަކުގައި މާލޭގައި ވަޒަންވެރިވެގެން އުޅޭ އަތޮޅުތެރޭގެ މީހުންނަށް ކުޑައިމީސް ބަސްތައް ބުނެގެން ނުވާނެއެވެ. މާލޭގައި ދިރިއުޅޭ ބައެއް މީހުން އެހެން ރަށްތަކުގެ މީހުންނާއި ދިމާލަށް "ރާއްޖެތެރޭ" މީހުންނޭ ބުނާއިރު އަޅުގަނޑުމެން އެންމެންނަކީވެސް ހަމަ ދިވެހިރާއްޖެއަށް ނިސްބަތްވާ ރާއްޖެތެރޭގެ މީހުންނެވެ. އެއްބައިވަންތަ އަދި އެކުވެރި ދިވެހިންނެވެ. އަޅުގަނޑުމެން ހާއްސަވަނީ މާލޭ މީހަކަށް ނުވަތަ ރާއްޖެތެރޭ މީހަކަށް ވެގެންނެއް ނޫނެވެ. އަޅުގަނޑުމެން ހާއްސަ ވަނީ އަޅުގަނޑުމެންނަކީ ފަހުރުވެރި ދިވެހިންނަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު
1802
އަތޮޅުތެރެއެއް ނޫންތަ؟؟🤔🤔