ނަރެންދްރަ މޯދީ: ސިޔާސީ ތަޖުރިބާ ހުރި ޤާބިލް ބޭފުޅެއް

ޢަލީ ޔާމީން

އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ނަރެންދުރަ ދަމޯދަރުދާސް މޯދީ, ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ގުޖުރާތުގައި 17 ސެޕްޓެމްބަރު 1950 ގައެވެ. މޯދީއަކީ ދަމޯދަރު މުލްޗަންދު މޯދީ އާއި ހީރާބެން މޯދީގެ ހަ ދަރިންގެ ތެރެއިން ތިން ވަނަ ދަރިފުޅެވެ. މޯދީގެ އާއިލާއަކީ ފަގީރު އާއިލާއެކެވެ. މޯދީގެ ޅައުމުރުގައި ބައްޕާފުޅަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ސައި ވިއްކުމުގައި އުޅުއްވިއެވެ. އަދި އޭގެ ފަހުން އަމިއްލަ ސައިވިއްކާ ސްޓޯލެއް މޯދީ ހިންގެވިއެވެ.

މޯދީ މަތީ ތައުލީމް ފުރިހަމަ ކުރެއްވީ 1967 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1978 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ދިއްލީގެ ސްކޫލް އޮފް އޯޕަން ލަރނިންގ އިން ޕޮލިޓިކަލް ސައިންސް އިން ބެޗްލަރ އޮފް އާޓްސް ހާސިލް ކުރެއްވިއެވެ، އަދި އޭގެ ފަސް އަހަރު ފަހުން 1983 ގައި ގުޖުރާތު ޔުނިވަރސިޓީން މާސްޓަސް ފުރިހަމަކުރެއްވިއެވެ.

މޯދީ ސިޔާސީ މަސައްކަތް ފަށްޓަވާފައިވަނީ ވަރަށް ތުއްފުޅު އިރުގައެވެ. އެގޮތުން އުމުރުން އެންމެ އަށް އަހަރުފުޅުގައި ރާޝްތުރިޔާ ސްވަޔަމްސޭވަކް ސަންގް (އާރުއެސްއެސް)ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވިއެވެ. އާރުއެސްއެސްގެ ތެރެއިން ތަމްރީން ވަމުން ދިޔައިރު 1980ގައި ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ގުޖުރާތު ގޮފި އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ނިވަލުގައި މޯދީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިއެވެ.

މޯދީ ކައިވެނިކުރައްވާފައިވަނީ ވަރަށް ޅަ އުމުރުގައެވެ. އެގޮތުން މޯދީގެ އާއިލާ އިން ވަނީ ޔަޝޯދާބޭން ޗިމަންލާލްއާ ކައިވެނިކުރުވާފައެވެ. 1952 ވަނަ އަހަރު އުފަންވި ޔަޝީދާބޭސް ޗިމަންލާލްއަކީ އިންޑިއާގެ ޓީޗަރެކެވެ. މޯދީއާއި ޗިމަންލާލްގެ ކައިވެނި މި ފަހަކާއި ޖެހެންދެންވެސް އޮތީ ގިނަ ބަޔަކަށް ސިއްރުކޮށްފައެވެ. ނަމަވެސް އެކަން އާންމުނަށް ތިލަވީ 2014 ވަނަ އަހަރު އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން އެކަން މޯދީ އަމިއްލަފުޅަށް ވިދާޅުވުމުންނެވެ.

މޯދީ ވަނީ 1970 ވަނަ އަހަރު ގުޖުރާތު ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ކެންޓީންގައި މަސައްކަތްކުރައްވާފައެވެ. ނަމަވެސް 1971 ވަނަ އަހަރު ޕާކިސްތާނުގެ ހަނގުރާމައަށް ފަހު އާރުއެސްއެސްގެ މަސައްކަތްތަކަށް މޯދީ އަހަންމިއްޔަތުކަމެއް ދެއްވައި ކެމްޕޭންގެ ކަންކަމުގައި އުޅުއްވިއެެވެ.

ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި 1975 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި އެތައް ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކުރުމާ އެކު އާރުއެސްއެސްގެ "ގުޖުރާތު ލޮކް ސަންގަރްޝް ސަމިތީ"ގެ ޖެނެރަލް ސެކްރެޓަރީއަކަށް މޯދީ އައްޔަންކުރެވުނެވެ. އޭގެ ފަހުން އާރުއެސްއެސްގެ ކެމްޕެއިންގައި މޯދީ ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ 1987 ވަނަ އަހަރު ބީޖޭޕީގެ ގުޖުރާތު ޔުނިޓްގެ އޯގަނައިޒިން ސެކްރެޓަރީއަކަށް މޯދީ އިންތިހާބުވެ ވަޑައިގަތުމެވެ.

މޯދީ ވަނީ 1992 ވަނަ އަހަރު ސިޔާސީ ކަންކަމުން ދުރައް ޖެހިވަޑައިގެން އަހްމަދުއާބާދޫގައި ސްކޫލެއް ހިންގެވުމުގައި އުޅުއްވާފައެވެ. ދެ އަހަރަށް ފަހު މޯދީ އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވީ 1994 ވަނަ އަހަރުގެ އިންތިހާބުގައެވެ. 1995 ގެ އާންމު އިންތިހާބުގައި ބީޖޭޕީއަށް ލިބުނު ކާމިޔާބީއާއި އެކު އެ ޕާޓީގެ ނޭޝަނަލް ސެކްރެޓަރީގެ ގޮތުގައި ދިއްލީގައި މޯދީ މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި 1998 ވަނަ އަހަރު ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މޯދީ އައްޔަންކުރެވުނެވެ.

މޯދީ ވަނީ ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުގައި ހުންނެވި ކެޝޫބާއި ޕަޓޭލްގެ ސިއްހީ ހާލުކޮޅު ދަށްވުމާއި އެކު 2001 ވަނަ އަހަރު އެ މަގާމާއި ހަވާލުވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން 2002 ވަނަ އަހަރު ބޭއްވުނު ބައި އިލެކްޝަން ކާމިޔާބުކުރައްވާ މޯދީ ވަނީ އެ މަގާމު ދިފާއުކުރައްވާފައެވެ.

ދެހާސް ދެވަނަ އަހަރު ގުޖުރާތުގައި ހިންގި ބޮޑު ހަމަނުޖެހުންތަކާއި ގުޅިގެން މޯދީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އެގޮތުން އެ ހަމަލާ އަކީ މުސްލިމުންގެ ރޭވުމެއް ކަމަށް ވިދާޅުވެ ޖެހިގެން އައި ދުވަހު މޯދީ ދެއްވި ތަގުރީރު ވެގެން ދިޔައީ އެ ހަމަލާގެ ހުޅުކޮޅު އިތުރަށް ރޯވި ކަމަކަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ހަމަނުޖެހުންތަކުގައި 790 މުސްލިމުން މަރުވި އިރު 254 ހިންދޫން މަރުވެފައި ވެއެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި 2000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި 150،000 (އެއްލައްކަ ފަންސާސް ހާސް) އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވެއެވެ

ގުޖުރާރުގެ ހަމަލާއަށް ފަހު 2013 ވަނަ އަހަރު ބީޖޭޕީން ނެރޭ ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓެއްގެ ގޮތުގައި މޯދީގެ ނަން އިއުލާން ކުރުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން މޯދީއަށް އަމާޒުވިއެވެ. ނަމަވެސް ފާޑުކިޔުންތަކާއި އެކުވެސް މޯދީ ވަނީ އެއިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ 26 މެއި 2014 ގައި ބޮޑ ވަޒީރު ކަމުގެ ހުވާ ކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެލެއްވުމަށް ފަހުގައިވެސް މޯދީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ. އެގޮތުން ކެމްޕޭންގައި ވި ބައެއް ވައުދުތައް ނުފުއްދުމާއި ވައުދުތައް ދިގުލައިގެން ދިޔުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ މިއަހަރު އޮތް އާންމު އިންތިހާބުން މޯދީއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސް ޕާޓީގެ އެތެރޭގައި މައްސަލަ ޖެހި އެހެން ޕާޓީތަކާއި އެއްގަލަކަށް ނޭރުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ބޮޑު ތަފާތަކުން އިންޑިއާގެ އާންމު އިންތިހާބު މޯދީ ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމެވެ.


ކިޔުންތެރިންގެ ހިޔާލު