ވަރި ގިނަވުމަކީ މުޖުތަމައުގެ ކުރިއެރުމަށް އެޅޭ ހުރަހެއް

މުހައްމަދު ޝުޖާއު

ވަރީގެ ލިސްޓުގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ގުނާލެވޭ ގައުމެކެވެ. ވަރި ކުރުމަކީ ޢައިބު ކަމެއް ނުވަތަ ހަޑި ކަމެއްގެ ގޮތުގައި ނުދެކޭ އިރު މިއަދު ވަރިއަކީ ވަރަށްވެސް އާދައިގެ ކަމަކަށް މިވަނީވެފައެވެ. ވަރީގެ ވާހަކަ ދައްކާއިރު ވަރި ގިނަ ވުމުގައި އެތައްގިނަ އިޖުތިމާއި މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް މި ވާހަކަ ތަކަކީ އަޑަށްބާރުލައި މީހުން ދައްކަން ބޭނުންވާ ވާހަކަ ތަކަކަށް ގިނަ ފަހަރު ނުވެއެވެ.

ހަމަގައިމުވެސް ދެމަފިރިޔަކު ކައިވެނީގެ ގުޅުމަކުން ގުޅޭނީ މިއަދު ކައިވެނި ކުރުމަށްފަހު މާދަމާ ވަރި ވުމަކަށް ނޫނެވެ. ގިނަ ހުވަފެން ތަކަކާއި އެކު އެކަކު އަނެކަކު އެކީގައި ދިރިއުޅުމެއް ބިނާ ކުރުމަށެވެ. ނަމަވެސް ރާއްޖޭގެ މިއަދުގެ ހާލަތަށް ނަޒަރު ހިންގާލާއިރު ކައިވެޏަށްފަހު ދެމަފިރިއަކު ކުރިމަތިލާން ޖެހޭ ގޮންޖެހުންތަށް އެހާމެ ގިނައެވެ. ހާއްސަކޮށް ޅައުމުރުގައި ކައިވެނި ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށް ދެގުނައެވެ. ދިރިއުޅުމުގެ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުނުވެ ދުނިޔޭގެ ހަގީގަތްތަކަށް ރަނގަޅަށް ހޭލައި ނުގަނެވެނީސް ކައިވެންޏަކާއި ހަމައަށް ދިޔުމުން ކައިވެނީގެ "ގޮށް" މޮހިގެން ދާލެއް ދާދި އަވަހެވެ.

ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ދެމަފިރިން އެކުގައި މަސައްކަތުގެ މާހައުލަށް ނިކުމެ މަސައްކަތް ކޮށްގެންވެސް ލިބޭ އެއްޗަކުން ގިނަފަހަރު އޮންނަނީ ހަރަދުތައް ދެކޮޅު ނުޖެހިފައެވެ. މިފަދަ ހާލަތެއްގައި އުޅެނިކޮށް ދަރިން ލިބުމުން ހަރަދުތަށް ދެގުނައަށް އިތުރުވެގެން ދެއެވެ. ދަރިން ލިބުމުން އާމްދަނީ އިތުރު ކުރުމަށް އާއިލާއާއި ދުރުގައި މަސައްކަތް ކުރުމަށް ފިރިމީހާއަށް ދުރު ރިސޯޓުތަކަށް ދާން ޖެހެނީ މަދުފަހަރަކު ނޫނެވެ. ބޯހިޔާވަހި ކަމަށް ނަޒަރު ހިންގާލާއިރު އާއިލާގެ އެންމެން އެއްކޮޓަރި ގަނޑެއްގައި އުޅެން ޖެހޭ ވާހަކައަކީ އާ ވާހަކަ ތަކެއް ނޫނެވެ. މިހިރަ ހުރިހައި ކަންކަމަކީވެސް ދެމަފިރިއެއްގެ ދިރިއުޅުން ހަލާކުވެގެން ދިޔުމަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ދިމާވާ މައްސަލަތަކެކެވެ. ދެމަފިރިންގެ ޒާތީ ނުވަތަ މިޒާޖީ ތަފާތު ތަކުން ދިމާވާ ކުދިކުދި މައްސަލަތަށް މި ބުނެވުނު ކަންކަމުގެ ސަބަބުން ހައްލު ނުކުރެވޭ ވަރުގެ މައްސަލަތަކަށްވެގެން ގޮސް ވަރިވުމާއި ހަމައަށް ދާން ޖެހެއެވެ.

މި ދެކެވުނީ ވަރިއާއި ހަމަޔަށް ދާން ޖެހޭ ކަންކަމުގެ ތެރެއިން މުޖުތަމައުގެ ތެރެއިން ފެންނަ ކަންކަމުގެ ވަރަށް ކުޑަ މިންވަރެއްގެ ވާހަކައެވެ. ދެން އޮތީ ދަރިން ލިބުމަށް ފަހު އާއިލާ ރޫޅިގެން ދިޔުމުން ދެން ކަންތަށް ވެގެންދާ ގޮތުގެ ވާހަކަ އެވެ. ވަރި ވުމަށްފަހު ދަރިންގެ ޒިންމާ އެޅިގެން ދަނީ ހަމައެކަނި މަންމަގެ ނުވަތަ ހަމައެކަނި ބައްޕަގެ ބޮލަކު ނޫނެވެ. މި ޒިންމާ އަކީ މަންމަ އަދި ބައްޕަގެ ބޮލުގައި އެއްވަރަކަށް އެޅިފައިވާ ޒިންމާއެކެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި އެކުދިންނަށް ލޯތްބާއި އޯގާތެރިމާއިއެކު ރައްކާތެރި މާހައުލެއް ބިނާ ކޮށްދިނުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާ އެކެވެ. ވަރަށް ބޮޑު ދަރަންޏެކެވެ. ވަރިއާއި ހަމައަށް ދާން ޖެހުނީ އަދި ކޮންމެފަދަ ސަބަބަކާއި ހުރެ ކަމުގައި ވީނަމަވެސް އެ އެކަމުގައި އެ ތުއްތުކުދިންގެ އެއްވެސް ކުށެއް ނެތެވެ. ބަދަލު ހިފުމުގެ ރޫހުގައި ދަރިންނަށް ލިބެންޖެހޭ އެންމެހައި ހައްގުތަކުން މަހުރޫމު ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ.

ދަރިޔަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމުގައި ބައްޕައެއްގެ ޒިންމާ އަކީ ކެނޑިގެންދާނެ ޒިންމާއެއްނޫނެވެ. ކައިވެނި ރޫޅުމަށްފަހު ދަރިންގެ ހަރަދު ހޯދުމަށް ކޯޓަށް ދާންޖެހެނީ މަދު ފަހަރަކު ނޫނެވެ. ނަމަވެސް ގިނަފަހަރު އެ ގޮތަށްވެސް އެކަން އޮންނަނީ ވާގޮތް ނުވެފައެވެ. ނޫނީ ބައެއް ފަހަރު ބައެއް ބައްޕައިންނަށް ހީވެފައި އޮންނަނީ ކޯޓަށް ދައްކާލަންޖެހޭ ފައިސާ ކޮޅު ދައްކާލުމުން ދަރިފުޅުގެ މައްޗަށް އޮތް ވާޖިބު އަދާ ކުރެވުނީ ކަމުގައެވެ. މިކަމުގައި ހަމަ މަންމަ ވެސް ތަފާތެއް ނުވެއެވެ. ދަރިފުޅު ބެލުމުގެ ޒިންމާ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ބައްޕައަކާއި ހަވާލު ކުރެވުނު ނަމަވެސް އެކުއްޖާއަށް އަޅާލުމާއި ލޯބިދީ އެކުއްޖާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގައި މަންމަގެ ބޮލުގަ އެޅިފައި އޮންނަ ޒިންމާވެސް ކެނޑިގެން ނުދެއެވެ.

ރަނގަޅު ހެޔޮލަފާ މުޖުތަމައެއް އުފެއްދުމަށް ޓަކައި ހެޔޮލަފާ ސޯލިހު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެވެ. ރާއްޖޭގެ މިއަދުގެ ހާލަތު މިވަނީ މިފަދަ އިޖުތިމާއި މައްސަލަތަކާއި މެދު ވިސްނާލެވޭވަރަށް ވުރެ ސިޔާސީ ވެފައެވެ. ސިޔާސީ އޮއެވަރުގައި ޖެހި ވަކި ބައެއްގެ މަންފާއަށް އަޑުން އަޑު ނަގައި ހަޅޭލަވަމުންދާއިރު، މުޖްތަމަޢުގެ، ތިމާގެ ނުވަތަ ގައުމުގެ މިފަދަ ހައްލުނުކުރެވިފައިވާ މައްސަލަތަކާއިމެދު ބަސް ބުނުމުގެ ފަރުދީ ޒިންމާގެ މަތިން ތިބެނީ ހަނދާން ނެތިފައެވެ. ވަރި ގިނަވާ ވާހަކަ އަބަދާއި އަބަދު ދައްކާ އަޑު އިވެއެވެ. ނަމަވެސް މިހެން ދިމާވާ ސަބަބުތަކާއި މެދު ވާހަކަ ދައްކާ އެކަންކަން ހައްލުކުރަން މަސައްކަތް ކުރާ މައްޒަރެއް ނުފެނެއެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސިޔާސީ ޕާޓީ އަކުން ތިމާ ނިކަމެތިވާ ދުވަހު ތިމާގެ ހާލު ބަލަން ނާންނާނެ ކަމެވެ. ތިމާގެ ގައިގަ ބާރުހުރެ ދޫ ހެލޭ ދުވަހު އެފަދަ ފަރާތް ތަކުގެ ކޮންމެވެސް މަންފާއެއް ތިމާއަށް ލިބިދާނެއެވެ. އެހެންނަމަވެސް ބަލި އެނދުގައި އޮށޯންނަން ޖެހޭ ދުވަހު ތިމާގެ ހާލުބަލާނެ ހެޔޮލަފާ ދަރިޔަކު ތަރުބިއްޔަތު ކުރެވިފައި ނުވާނަމަ ތިމާ ނިމިގެން ދާންޖެހޭނީ އަޅަލާނެ އާރެއް އިޔާރެއް ނެއްހާލުގައެވެ. ކަމެއް ދިމާވުމުން އެކަމެއްގެ ހައްލު ހޯދުމުގެ ބަދަލުގައި އެކަމެއް ދިމާނުވަނީސް އެކަމަކުން ދުރުހެލި ވުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ވަރި ގިނަވާ ވާހަކަ ނުދައްކާ ވަރިއާއި ހަމަޔަށް ދާންޖެހޭ ސަބަބުތައް ހޯދާ އެކަކަމަށް ހައްލު ހޯދުމަކީ މިއަދު އެންމެ ކުރަންޖެހޭ އެންމެ މުހިންމުކަމެވެ.   

ކިޔުންތެރިންގެ ހިޔާލު