ލުތުފީ އެމްބަސީއަށް ދިޔަ ކަމަށް ބުނާ ތާރީޚު ސުވާލުމާކަކަށް؟

އަލީ ޝިފާޒް

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އިސް އެކަކު ކަމުގައިވާ ހާޖަރާގޭ ލުޠުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަކަމަށް ބުނާ ތާރީޚާއި މެދު ސުވާލު އުފެދިއްޖެއެވެ.

ލުޠުފީ ލަންކާގެ އެމްބަސީގައި ދިރިއުޅެމުންދާ ކަމުގެ އަޑުތަކެއް ފެތުރުމުން، 24 ޖޫން 2019ވަނަ ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 01 މެއި 2019ވަނަ ދުވަހު ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވެފައިވާ ކަމަށެވެ. އަދި ލުތުފީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެއާއެކު ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވިއެވެ. އެއީ ލުތުފީ ލަންކާ އެމްބަސީގައި 54ދުވަސް ވާންދެން އުޅުނުއިރުވެސް އެކަން ހާމަކޮށްފައިނެތުމުންނެވެ.

ޕްރެޝަރުތަކަށް ރައްދުދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވަނީ 48ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ފަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ލުތުފީ ގެނެވޭގޮތް ނުވެފައިވަނީ، ދެ ގައުމުގެ އިދާރާތަކުން ލިޔެކިޔުންތައް ބަދަލުނުކޮށް ނުނިމޭތީކަމަށްވެސް ފުލުހުން ނެރުނު އެހެން ބަޔާނެއްގައި ވަނީ ބުނެފައެވެ.

ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ތާރީޚާއިމެދު ސުވާލު އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު، މިއަދު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ. ރައީސް ނަޝިދު ވިދާޅުވީ، ލުތުފީ އެމްބަސީއަށް ދިޔައީ ލަންކާއަށް ބޮމުގެ ހަމަލާ ދިނުމުގެ އެއްދުވަސް ކުރިންކަމަށެވެ. ލަންކާއަށް ބޮމުގެ ހަމަލާ ދީފައިވަނީ 21 އޭޕްރީލް 2019ގައެވެ. އެހެންކަމަށް ވާނަމަ ލުތުފީ އެމްބަސީއަށް ދިޔައީ 20 އޭޕްރީލް 2019ގައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނޫސްވެރިންނާ މުޚާތަބު ކުރައްވާ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލުތުފީ ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެކަމަށެވެ. ނަމަވެސް ލަންކާއަކީ އދ.ގެ އެކިއެކި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމަކަށްވާތީވެ، ލުތުފީ ގެނައުމުގަ ލަސްތަކެއް ދިމާވަނީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ލުތުފީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވާލީ 2010ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައެވެ. އަދި ރައީސް ނަޝިދުގެ ބޭބޭފުޅު، ޑރ.އިބްރާޙިމް ނާޝިދު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ލުތުފީގެ ދަރިއަކާއެވެ. 


ކިޔުންތެރިންގެ ހިޔާލު