ފޭރުމާއި ދެކޮޅަށް ނިކުތް ބޭފުޅުންނަށް ހަނދާން އާކޮށްލަދޭނަމެވެ!

ޢަލީ ޔާމީން

ގައުމެއްގެ ތާރީޚުގައި އެ ގައުމަކަށް އެންމެ ބޮޑު ޚިޔާނާތެއް ވެވޭނީ ވެރިންނަށެވެ. ފުރިހަމަ އިތުބާރާއި އެކު ދައުލަތުގެ ހަޒާނާ އެވެރިންގެ މައްޗަށް ރައްޔިތުން ދޫކޮށްލައެވެ. ރާއްޖޭގެ ކަން ހިނގާ ގޮތަކީވެސް މިއީއެވެ. ވެރިކަން ކޮށްދޭނެ ވަލިއްޔުލް އަމްރެއް ރައްޔިތުން އިންތިޚާބުކޮށް ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި ވެދުމަށް އަރުވައެވެ. ވެރިމީހާ ކަން ކުރަނީ ރަނގަޅަށްތޯ ބެލުމަށް ފާރަވެރިވުމަށް މަޖިލިސް މެންބަރުން އިންތިޚާބު ކުރެއެވެ. މަގުން ކައްސާލާ މީހުން ހަމަ މަގަށް އަޅުވާ އަދަބު ދިނުމަށް ކޯޓުތައް ޤާއިމުކޮށް ފަނޑިޔާރުން އައްޔަން ކުރެއެވެ.

މި ނިޒާމުގެ ދަށުން ފައިސާ ފޮތްޗެއް ޚަރަދު ކުރަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓަރ ޖެނެރަލެއް ހުރެއެވެ. ފަސާދައާއި ކޮރަޕްޝަން ހިނގާތޯ ބަލާ ފިޔަވަޅު އަޅަށް އެންޓި ކޮރަޕްޝަން ކޮމިޝަނެއް އޮވެއެވެ. އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އޮވެއެވެ. ޖިނާއީ ކަންކަން ތަހުގީގުކުރުމަށް ފުލުހުން ތިބެއެވެ. ތަހުގީގީ ބަޔާޏްތަކަށް ރިއާޔަތް ކޮށް ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލެއް ހުރެއެވެ. މި މީހުން ކަންކަން ކުރަނީ ރަނގަޅަށްތޯ ބަލާ ފާރަވެރިވުމަށް މަޖިލީހުގައި ކޮމިޓީތައް ހުރެއެވެ. ކިހާ ފުރިހަމަ ހެއްޔެވެ.

ނަމަވެސް ކަންކަން ހިނގާގޮސްފައިވަނީ މި ބީދައިން ތޯއެވެ؟

އަޅުގަނޑުމެންނަށް އެންމެ ފަހުން ފެނިގެން ދިޔައީ "ފޭރުމާއި ދެކޮޅަށް" ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކާނިވާ ސަރަޙައްދުގައި އެއްވުމެއް ބޭއްވިތަނެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެއްވިޔަ ނުދީ ދައުރު އެއްކޮށް ހިފަހައްޓަވައިގެން ހުންނެވި ރައީސަށް ސިޔާސީ މަސައްކަތްޕުޅުގެ މުހިންމުކަން އިހުސާސްވުމުން ވަރަށްވެސް އުފާވެރިއެވެ.

ފޭރުމާއި ދެކޮޅަށް އެރޭ ރައީސް ޔާމީން ވަރަށް ގިނަ ވާހަކަފުޅު ދެއްކެވިއެވެ. ވަރަށްވެސް ޖަޒުބާތުން ފުރިގެންވާ ހާލުގައެވެ. ކުޑަކޮށް ހުލާސާކޮށްލާނަމެވެ. މަޖިލިސް މެޖޯރިޓީ އަކީ ބޭނުންހާ ގޮތަކަށް ޤާނުނުތައް ހެދުމަށް ލިބުނު މަގެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަތަކަށް ބިރުދައްކާ ވާކަމަށްވެސް ތުހުމަތު ކުރެވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކޮށް އެއްބާރު އަނެއް ބާރަށް ފާރަވެރިވުމަށް އޮންނަ ނިޒާމުގެ ފާރުތައް ފޫއަޅުވާލާ، މައްސަލައިގައި އެމަނިކުފާނަށް ވަރަށް އުދަ އުދަގޫފުޅުވާކަމަށެވެ.

އަދި މިއުޅެނީ ދިވެހިންގެ ހަނދާނުން މަނިކުފާނުގެ ވެރިކަން ފިލާނުގޮސްގެނެވެ. ތަރައްޤީތަކާއި އެކު ދިވެހިންނަށް ދެން ކުރިމަތިވި ހުރިހާ ކަމެއް އަދި ދިވެހިން ހަނދާނުގައި ހަމަ ރަނގަޅަށް ހަރުލާ އެބަހުއްޓެވެ. ފޭރުމާ ދެކޮޅަށް ނިކުތުމާއި، މަނިކުފާނަށް ތިހާ އުދަގޫފުޅުވާ ކަންކަން މަނިކުފާނަށް ކުޑަކޮށް ހަނދާން އާކޮށްލާނަމެވެ.

"ސްޕަރ މެޖޯރިޓީއަކީ ބޭނުންހާ ގޮތަކަށް ޤާނޫނު އަސާސީ އިސްލާހުކުރަން ލިބޭ ފުރުސަތެއް ނޫން"

ވަރަށްވެސް ރަނގަޅު ވާހަކަފުޅެކެވެ. ސްޕަރ މެޖޯރިޓީ އަކީ ބޭނުންހާ ގޮތަކަށް ޤާނުނު އަސާސީ އިސްލާހު ކުރަން ލިބުނު ފުރުސަތެއް ނޫނެވެ. މަނިކުފާނަށް މިކަންކަން އުދަގޫފުޅުކަމުން ކިތައް މާއްދާ އިސްލާހު ކުރެއްވިން ތޯއެވެ؟ މި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރުމަށް މަނިކުފާނުގެ ސްޕަރ މެޖޯރިޓީ މަޖިލީހުން ފާސްކުރިއިރު އެ އިސްލާޙު ތަސްދީގު ކުރައްވަން ކިހާ އުދަގޫފުޅެއް ކުރިމަތިވިތޯއެވެ؟

މަނިކުފާނުގެ “ބަޑީ” އަހްމަދު އަދީބަށް ނައިބު ރައީސްކަން އަރުވަން ސްޕަރ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީ އިސްލާހު ކުރައްވާ އެ މަގާމަށް އަދީބު ގެންނެވީވެސް ހަމަ ހިތްޕުޅުގައި އަތްއަޅުއްވައިގެން ހުންވައިގެންތޯއެވެ؟ އަފި ކުރިން އެ މަގާމުގައި ހުންނެވި ނައިބު ރައީސް ޑރ.ޖަމީލު ވަކި ކުރެއްވީވެސް ހަމަ އެހާ ދަތިފުޅުކޮށްތޯއެވެ؟

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކުން ފަހަކަށް ކުޑަކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު މަގާމުން ބޭރކޮށްލެއްވީވެސް ހަމަ އެހާ އުދަގޫފުޅުކޮށްތޯއެވެ. ނޫނެކެވެ. އޭރު އޮތީ މަނިކުފާނުގެ ހިތްޕުޅަށް އެރުމެވެ.

މަޖިލިސްގެ ޒިންމާ އަދާކުރެއްވި ތޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އޮތީ އޭރުގައި ކޯމާއެއްގައެވެ. ޚާއްސަކޮށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ހަބަރެއްވެސް ނުވެއެވެ. މާލިއްޔަތު ކޮމިޓީވެސް ގިނަ ފަހަރަށް ސަރުކާރުން ކަމެއް ފާސްކުރައްވަން ބޭނުންވުމުން ނިދިން ހޭލިއެވެ.

ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވެގެން ދާކަމުގެ އަޑުތައް ފެތުރި އޮޑިޓަރ ޖެނެރަލް ނިޔާޒު އެކަންކަން މަނިކުފާނާއި ހިއްސާކުރެއްވިއެވެ. އަދި އޮޑިޓު ރިޕޯޓުތައް ނެރެ ފިޔަވަޅު އެޅުމަށް މަސައްކަތް ފެށުމުން އެންމެ ފުރަތަމަ ފިޔަވަޅު އެޅީ އޮޑިޓަރ ޖެނެރަލަށެވެ. މަގާމު ގެއްލުވާލީއެވެ.

މަޖިލީހަށް ވަޒީރެއް ގެނެސް ސުވާލު ކުރުމުގެ ފުރުސަތެއް މަނިކުފާނު އެ ބޭފުޅަކަށްޓަކާ މުޅި ވެރިކަން ގުރުބާން ކުރެއްވި ކުރީގެ މަޖިލިސް ރައީސް މަސީހު ފުރުސަތެއް ނުދެއްވައެވެ.

ތިންބާރު ވަކިވެފައިވާ ނިޒާމުގެ ފާރު ފޫއަޅުވާލުން

މަނިކުފާނު އެރޭގަ ވިދާޅުވީ ދައުލަތުގެ ތިންބާރު ވަކިކޮށްފައިވާ ފާރު ފޫއަޅުވާލަމުންދާ ވާހަކަފުޅެވެ. އައްސަވާާށެވެ. ރައީސް ޔާމީނެވެ. ޖޯކު ކިޔުއްވަން ނުހައްދަވާށެވެ. ދައުލަތުގެ ތިންބާރުގެ ފޫ އަޅުވާލިގޮތް ހަނދުމަކޮށްލަ ދޭނަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީގައި މަނިކުފާނު ވެރިކަން ކުރައްވަމުން ދަނިކޮށް 12 މެންބަރެއް މަނިކުފާނު ދޫކުރައްވާ އިދިކޮޅު ކޯލިޝަނާއި ގުޅުނީ ގިނަ ސަބަބުތަކެއް ދެއްކުމަށްފަހުއެވެ. ނަމަވެސް އެ ސަބަބުތަކަށް ރިއާޔަތްކުރުމެއް ނެތި އެ 12 މެންބަރުންގެ ގޮޑި ގެއްލުވާލާ، އެތައް މެންބަރުންނަކަށް އެތައް ތުހުމަތުތަކެއް ކުރީމު ނޫންތޯއެވެ. އަދި އެކަމުގެ އެންމެ އަޑީގައި ހުންނެވީ މަނިކުފާނުކަމަށް ގދ. ތިނަދޫގައި މަނިކުފާނު ވަނީ އެއްބަސްފުޅުވެ ވަޑައިގެންފައެވެ. ފަސްދޮޅަސް އެތައް ހާސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށްފަހު މަޖިލިސްވެސް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް މަޖިލިސް މެންބަރުންނަށް އެ މަޖިލިސް ބަންދު ކުރެއްވީމު ނޫންތޯއެވެ. ސިފައިންގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެއް ބާރު ފޫ އަޅުވާލާ އަނެއްބާރު ފޫ އަޅުވާލީ އަދި މާ ތަފާތުކޮށެވެ. އެ ބާރުގެ ފޫ ދުއްވާލީ ފުރާޅުން ޓިނު ނަގައިގެންނެވެ. ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރު ކުރެއްވި ހަނދާންވެސް ނެތުނީތޯއެވެ.

ދައުވާތައް ފުނި ފުންޏަށް، އިންސާފު ހޯދަށް ދިޔަ މީހުނަށް ޕެޕަރ ސްޕްރޭ

މަނިކުފާނުއެވެ. ރައީސް ޔާމީނެވެ. މަނިކުފާނުގެ ވެރިކަމުގައި އިންސާފު ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރީ ނޫސްވެރިޔާ ރިލްވާނުގެ މަންމައާއި ބައްޕައެވެ. އަދި އެ އާއިލާއިންނާއި ރައްޓެހިންނެވެ. މަނިކުފާނަށް އެކަން މާކަ ބޮޑު މައްސަލައަކަށް ނުވިއެވެ. ދެއްވީ ވަނދު ޖަވާބެކެވެ. އިންސާފު ހޯދަށް ޓަކި ދޭނެ ދޮރެއް ނެތުމުން ކަރުނަތަކާއި އެކު މަގުމައްޗަށް ނިކުތުމުން އެ މަންމައާއި ބައްޕަގެ ކަރުނަތައް ހުއްޓުވަން ޖެހީ ޕެޕަރ ސްޕްރޭ ނޫންތޯއެވެ؟

ސިޔާސީ ގޮތުން މަނިކުފާނާއި ދެބަސްވާ ކޮންމެ މީހަކަށް ދައްކަނީ ހުރަގެއެވެ. ދައުވާތައް ކުރަނީ އިންތިހާއަށެވެ. ބަދުނާމުކޮށް މުޅި އާއިލާ ފަލީހަތް ކޮށްލީ ފުލުހުންގެ މުވައްސަސާގެ ބޭނުންކޮށްގެނެވެ. 01 ފެބުރުއަރީ 2018ގައި ނެރުނު އަމުރަށްފަހު ހައްޔަރުކުރި މީހުންނަށް ކުރެވޭ ތުހުމަތުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ފުލުހުންގެ އޭރުގެ ތަރުޖަމާނު ކިޔާދީ ނިމުނުއިރު ދައުވާވެސް ސާބިތު ވިކަހަލައެވެ. ނަމަވެސް އެއީ ރިޝަވްތުގެ އަމުރެއް ކަމަށް މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ވިދާޅުވުމުގައި މިއަދު ބުރަދަނެއް ނެތެވެ.

ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް

ކޮންމެ ވެރިކަމެއްގައި ވެސް ކޮރަޕްޝަނާއި ފަސާދަ އެކި މިންވަރަށް ހިނގައެވެ. މަނިކުފާނު "ފޭރުމާއި ދެކޮޅަށް" އެރޭ ނިކުންނެވިއިރު މަނިކުފާނު މީގެ ކުރިން ދައްކަވާފައި ހުރި ބައެއް ވާހަކަފުޅުތައް ހިތަށް އައެވެ. މި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނަތް "އެމްއެމްޕީއާރުސީގެ ޚީޔާނާތުގައި" މަނިކުފާނުގެ އިހުމާލު ކިތަންމެހާވެސް ބޮޑެވެ. އެއްވެސް ހާލެއްގައި މަނިކުފާނަށް ބައި އެޅިވާހަކައެއް ނުބުނަމެވެ. ނަމަވެސް އެ ހިޔާނަތް ހިނގަން މެދުވެރިވި ހުރިހާ ސަބަބެއްވެސް ގޮސް ހުއްޓެނީ މަނިކުފާނާއި ހަމައިންނެވެ. ޒިޔަތު އެތަނުގެ އެމްޑީއަކަށް ލެއްވިއެވެ. އަދީބަށް އެތަނުގެ ވެރިކަން ދެއްވިއެވެ.

ކަންކަން ގޯހުން ގޯހަށް ދާތީވެ، އޮޑިޓަރ ޖެނެރަލް އެކަންކަން ސަމާލުކަމަށް ގެނައުމުން ގެއްލުނީ އެ ބޭފުޅާގެ މަގާމެވެ.

ނިންމާލާނަމެވެ.

ރިޕޯޓު ފަށަމުން އަޅުގަނޑު ފާހަގަ ކުރިހެން ރައްޔިތުން މަނިކުފާނާއިވެސް ދައުލަތުގެ ހަޒާނާ ހަވާލުކުރީ އިތުބާރާއި އެކުގައެވެ. އިތުބާރު ގެއްލުނު ހިސާބުން ވެރިކަންވެސް ގެއްލުނީއެވެ. ވެރިކަން ކުރައްވަން ލިބުނު އިރުގައި ބައެއް ކަންކަމުގައި މަނިކުފާނު ކަންކުރެއްވި ގޮތުގެ ކުރު ހުލާސާއެއް އިއްވާދެވުނު ކަމަށް އުންމީދު ކުރަމެވެ.

17 ނޮވެމްބަރު 2018 ވަނަ ދުވަހު މަނިކުފާނުގެ ވެރިކަން ނިމުމަކަށް އައިއިރު މި ދައުލަތް ވަނީ ފޫއަޅާ ގޮސްފައެވެ. ފޭރޭ މީހުން ފޭރި ތިބީ މުއްސަނދި ވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޝާހިދު
ކީއްކުރާނީ! ތިވެސް ބައެއް މީހުންގެ ހާލަތު. ސަޅި ރިޕޯޓެއް ބައި ދަ ވޭ