ފުޓްސަލް ދަނޑު މަސް ދޯންޏަށް, އުމުރުން 16 އަހަރުގައި ދުށް ހުވަފެން ހަޤީޤަތަކަށް

މޫސާ ހުސެއިން

ދިވެހިންގެ ލޭނާރަކީ މަސްވެރިކަން ކަމާއި މެދު ދެބަސްވެވޭނެ އެއްވެސް ޖާގައެއްނެތެވެ. މަސްވެރިކަމުގެ ވައްޓަފާޅިއަށް އަންނަމުން ދާ ބަދަލުތަކާއިއެކު ޒަމާނީ ގޮތްތަކަށް މަސްދޯނިތައް ބަދަލު ކުރެވި ދޯނިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. މިގޮތުން ހިޔާ ވާނެ ގޮތެއް ނެތި ރަތް ދަކަ އަވީގައި މީގެ ކުރަމުން އައި މަސްވެރިކަން ތަރައްޤީވެ މިހާރުވަނީ ދޯނީގެ ދިރުނބާކޮޅުގައި އަރާމުކުރެވޭނެ ގޮތަށް ހިޔާކުރެވިފައިވާ ގެ ގަނޑާއި ފާޚާނާ އަދި ކައްކާނެ ބަދިގެ ހުންނަ ޖާގަ ތަނަވަސް ދޯނިތަކުގައި މަސްވެރިކަން ކުރެވޭނެ މަގު ފަހިވެފައެވެ.

މަސްވެރިކަމުގެ ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ގޮސް މިހާރު މިވަނީ އާދަޔާ ޚިލާފު އެތައް ކަމެއް ފެންނަން ފަށާފައެވެ. މަސްވެރިކަމުގެ މޫނު މަތި ރީތިކޮށް ޕްރޮމޯޓު ކުރުމަށްޓަކައި މީސް މީޑިއާގައި ޕޭޭޖުތައް ހެދުމާއި އިންސްޓަރގްރާމް ފަދަ ވިއުގަ ތަކުގައިވެސް މަސްވެރިކަމުގެ ރީތި ފޮޓޯތައް މިވަނީ ވަރަށް ގިނަވެފައެވެ. ދިވެހިންގެ އުފެއްދުންތެރިކަން މި ޕޭޖުތަކުން ވަރަށްވެސް ފުރިހަމައަށް ފެނިގެންދެއެވެ. 

މިގޮތުން ދިވެހީންގެ އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވަނީ މަސްވެރިންގެ ޖަމިއްޔާއެއް ކަމަށްވާ ދިވެހި މަސްވެރިންގެ ޕޭޖުން އާންމުކޮށްފައިވާ ވަރަށް ތަފާތު އަދި ގަބޫލު ކުރަން ދަތި ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ މަސް ދޯނީގައި ޓާފް ފުޓްސަލް ދަނޑެއް އަޅާފައިވާ ހިތްގައިމު މަންޒަރެވެ.

ތްރީ އޮން ތްރީ ކުޅެވޭ ސައިޒުގެ މި ދަނޑަކީ މަސްވެރިންނަށް ހުސްވަގުތުގައި ދޯނީގައި ކުޅެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ދަނޑެކެވެ. ފުޓްސަލް މެޗު ކުޅެވޭ ވަގުތު ބޯޅަ ބޭރަށް ނުދާނެހެން ދޯނީގައި އަރިމަތީގައި ވަނީ ދާޖަހަފާއެވެ. "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން މި ދަނޑު ވުޖޫދަށް ގެނެސްދިނުމުގައި އިސްކޮށް ހަރަކާތްތެެރިވި ދިވެހި މަސްވެރީންގެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ އެ ދަނޑު އެޅުމުގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމަކީވެސް އެހާ ބޯރިންގ ނުވަތަ ފޫހި ކަމެއް ނޫން ކަން އަންގައިދިނުމަށް ކަމަށެވެ. އަދި މަސްވެރިންނަށްވެސް ކަނޑުމަތީގައި މަޖާކުރެވޭނެ ގޮތްތައް ހުރިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.


"ބައެއް ދުވަސްތައް އެބަދޭ އެން ނުލެވިގެން މަހަށް ނުފުރޭ ދުވަސްތައް. އަދި މަސްވެރިކަން ދަށް ދުވަސްވަރު. މިފަދަ ދުވަސްތަކުގައި ގިނައިން ކަނޑުމަތީގައި ތިބެން މިޖެހެނީ. އެހެންވެ ކުރަން ނިންމި ކަމެއް މިއީ އަސްލު. މިކަން ކުރުމުގެ މައިގަނޑު ބޭނުމަކީ ކަނޑުމަތީގައިވެސް ކުރެވިދާނެ މަޖާ ކަންތައްތަކެއް ހުރެދާނެ ކަން ސާބިތުކޮށްދިނުން" ޝާފިއު ވިދާޅުވިއެވެ.

އަދި ފުޓްސަލް ދަނޑު އެޅުމުގައި ދޯނިން މަހަށް ދާ ހުރިހާ މަސްވެރީންގެ ހިއްސާ ބޮޑުކަންވެސް ޝާފިއު ފާހަގަކުރެއްވިއެވެ.

"ހަޤީގަތުގައި މިހާ ފުރިހަމައަށް އަޅުގަނޑުމެންނަށް ޓާފު ދަނޑެއް ދޯނީގައި އެޅިގެން މިދިޔައީ ދޯނީގެ މަސްވެރީންގެ ވަރަށް ބުރަ މަސައްކަތުން. ކޮންމެ މީހެއްގެ އަތުން ޗަންދާ ނަގައިގެން އަޅުގަނޑުމެން މި ދަނޑު މިއެޅީ. ގާތްގަނޑަކަށް 12،000 ރުފިޔާ ހަރަދުވި ދަނޑުގެ ޓާފް އާއި އަރިމަތީގައި ޖަހާފައި ހުރި ފެންސަށް" ޝާފިއު ވިދާޅުވިއެވެ.

މަސްވެރީންގެ ޖަމިއްޔާއިން ހޯދަމުން އަންނަ ކާމިޔާބީ ތަކުގެ ހަޤީޤީ ބާނީ އަކީ އެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއުގެ ކޮށްކޮ ހުސެއިން ސާޖިން ކަމާއި މެދު އެ ޖަމިއްޔާގެ ހުރިހާ މެންބަރުންވެސް އިއްތިފާގުވެއެވެ. އެންމެ 16 އަހަރުގައި ސާޖިން ދެކެމުން އައި ހުވަފެނުގައި މިއަދު ﷲގެ ރަހުމަތްފުޅާއެކު މިދަނީ ކުލަޖެހެމުންނެވެ.

"ދިވެހި މަސްވެރިން" ގެ ނަމުގައި ހަދާފައިވާ ޕޭޖަކީ ކުރިން "ގެމަނަފުށި މަސްވެރިން" ގެ ނަމުގައި ފުރަތަމަ އުފައްދައި ދިވެހިންގެ މެދުގައި މަސްވެރިކަން ޕްރޮމޯޓު ކުރުމުގައި އިސްރޯލެއް އަދާކުރި ފަރާތެކެވެ. 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވުޖޫދަށް އައި "ގެމަނަފުށީ މަސްވެރިން" ގެ ނަމުގައި އުފެއްދި ޖަމިއްޔާއަށް ލިބުނު ބޮޑު ތަރުހީބާއިއެކު އެ ޖަމިއްޔާ މިވަނީ ރީބްރޭންޑު ކުރެވި "ދިވެހި މަސްވެރިން" ގެ ނަމަށް ބަދަލުކޮށްފައެވެ. މި ޖަމިއްޔާގެ އަމާޒުތަކާއި ލަނޑުދަނޑިތައް ވަނީ ދިވެހި ޒުވާނުންނާ ގުޅި ލާމެހިފައިވާއިރު "ދިވެހި މަސްވެރިން"ގެ ޖަމިއްޔާގެ ވެބްސައިޓުން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އާންމުންނަށް ވަނީ ހުޅުވާލާފައެވެ. 

ދިވެހި މަސްވެރީންގެ ޖަމިއްޔާގެ ރީބްރޭންޑިންގް ގެ ރަސްމީ ފެށުމަކީ ދޯނީގައި އެންމެ ދިހަވަރަކަށް މިނެޓު ތެރޭގައި ރާވާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑެވެ. މި ދަނޑުގައި ފެށުނު ފުރަތަމަ ތްރީ އޮން ތްރީ މެޗު ފެށުނީވެސް ވަރަށް ވެސް ރަސްމީ މެޗެއް ގޮތުގައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި މުބާރާތްތަކުގެ މެޗު ފަށާ އުސޫލުން މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ދަނޑުގެ ކުރިމައްޗަށްވާ ގޮތަށް އެތުރި އެއް ޓީމު ކުޅުންތެރިން އަނެއް ޓީމު ކުޅުންތެރިންނާ ވަނީ ސަލާމްވެސް ކޮށްފައެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ މިމެޗަށް އިންސާފު ކުރުމަށްޓަކައި ރެފްރީއެއް ހުރުމާއި އެކު ދެޓީމުގެ ކުޅުންތެރިން ތިބީ ރަސްމީކޮށް ކުލަ ޖާޒީގައެވެ. އެހެންކަމުން މެޗު ބަލާ މީހަކަށް އެ މެޗަކީ ކަނޑުމަތީގައި ކުޅޭ މެޗެއް ހެނެއް ހިއެއް ނުވެއެވެ.

ޒަމާނާ އެއް ފެންވަރަށް ދިވެހި މަސްވެރިކަމުގެ ސިނާޔަތު ކުރިއަރަމުން އައިސް މިވަނީ ދިވެހިންގެ ލޭނާރާ ދިވެހިން އެންމެ ލޯބިވާ ކުޅިވަރާވެސް ގުޅިފައެވެ. މަސްވެރިކަން ހަލުވި ސްޕީޑްގައި ތަރައްޤީ ވަމުންދާ ނަމަ މިއަށް ވުރެ ބޮޑެތި ސައިޒުގެ ދަނޑު މަސް ދޯނިތަކުގައި އެޅި މަސްވެރިންގެ މެދުގައި ބޮޑެތި މުބާރާތް ބޭއްވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ޖަޒީރާއިން އަބަދުވެސް ދެކެން ބޭނުންވާ ދުވަހަކީ ދިވެހި މަސްވެރީންނަށް މަސްވެރިކަމުގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތްތަކެއް ފަހިވެގެންދާނެ ދުވަހެކެވެ. 

ކިޔުންތެރިންގެ ހިޔާލު