ރާއްޖޭގެ ޓީމަށާއި، މަރޭ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

މުޙައްމަދު ޤާސިމް

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާނަމަ، 2009 ވަނަ އަހަރު އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަހުމަދު މަރުޒޫގު (މަރޭ) އައީ ހިންގުމުގައި މާބޮޑު ތަޖުރިބާއެއް އޮވެގެން ނޫނެވެ. ވިކްޓްރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވަރަށް ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށްފަހު އޮލިމްޕިކް ކޮމިޓީގެ މަގާމަށް އައީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ތަޖުރިބާހުރި ގިނަ ފަރާތްތަކެއް ބަލިކުރުމަށްފަހުއެވެ.

އޭރުގެ ރައީސް އިބްރާހިމް އިސްމާއިލްގެ އަރިހުގައި މަރޭ ވަނީ އެތަނުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މަރޭ އަށް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ކުރިއްސުރެ ރާއްޖޭން ތަފާތު އެކި ގޭމްސްތަކުގައި ބައިވެރިވަމުން އައިނަމަވެސް، ކޮންމެ ފަހަރަކުވެސް މެޑަލް ޓޭބަލްގެ އެންމެ ފުލުގައި އޮވެގެން ނިންމާލަންޖެހުމެވެ.

އެ ހިސާބުން މަރޭ އަށް ވިސްނުނީ މި ފަދަ ގޭމްސް ތަކަކީ ހަމައެކަނި ބައިވެރިވާން ދާ މުބާރާތަކަށް ހެދުމުގެ ބަދަލުގައި ރާއްޖޭގެ ނިސްބަތުން މި ގައުމަށް ކާމިޔާބު ލިބުމުގެ ފުރުޞަތު އެންމެ ބޮޑު ކުޅިވަރުތަކުގައި ބައިވެރިވުމަށް އަޒުމްކަނޑައަޅާފައެވެ.

އެގޮތުން، އޮލިމްޕިކް ކޮމިޓީގެ ހަރަދުގައި އެތުލީޓުންނަށް ދިގު މުއްދަތުގެ ތަމްރީން ފުރުޞަތުތައް ހޯދައިދޭން ފެށުނެވެ. ކުރީގެ އެތުލީޓުން އެކަމަކަށް ބޭނުންވެފައިތިބި ފުރުޞަތުތައް ޒުވާން އެތުލީޓުންނަށް ދިނުމުގެ ނަތީޖާއަކަށްވީ، އެތުލެޓިކްސް އާއި ޓޭބަލް ޓެނިސްގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިން، އިންޑިވިޖުއަލް އާއި ޓީމު އިވެންޓުތަކުން ތަފާތު ދައްކައި އެއް އަހަރުން އަނެއް އަހަރަށް ކުރިއެރުންތައް ހޯދަމުން ދިއުމެވެ.

މިކަމުގެ ހަގީގީ ނަތީޖާ އެންމެ ފުރަތަމަ ފެނިގެންދިޔައީ، 2011 ވަނަ އަހަރު ސީޝެލްސްގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އޭރު ރިޓަޔާކުރަން ތައްޔާރުގައި ހުރި ޓީޓީ ކުޅުންތެރިޔާ މުއީނާ އަލީ އަށް ލިބުނު ތަމްރީނުގެ ފުރުޞަތާއެކު އާ ޖޯޝެއްގައި އެ ފަހަރުގެ ގޭމްސްގައި ވާދަކޮށް ރިހި މެޑަލް ހޯދިއެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނީ މުޅި ޖުމްލަ ތިން މެޑެއްޔެވެ.

މަރޭއަކީ ޒުވާނުންނަށް މަގުކޮށާދީ ހުނަރު ހުރި ދާއިރާއިން ކުރިޔަށް ދިޔުމަށް ފިސާރި ހިތްވަރުދެއްވާ ކުޅިވަރު އާއިލާގެ ބައްޕައެވެ. “ޓްރެއިނިންގވިތްއެމްވީޗެމްޕް" އަކީ މަރޭގެ އިސްނެގުމަށް ފެށުނު މުހިންމު ހަރަކާތެކެވެ.


2011އަށްފަހު ދެން ޖެހިގެން އައި 2015 ވަނަ އަހަރުގެ ގޭމްސް އަށް މަރޭ ކަނޑައެޅި 10 މެޑެލްގެ ޓާގެޓަށް ވާސިލްނުވެވުނުނަމަވެސް، އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ވަނީ އެ ފަހަރު ރާއްޖެ އަށް ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދީފައެވެ. އެ މުބާރާތުގައި ރާއްޖެ އަށް ލިބުނީ ޖުމްލަ ނުވަ މެޑެއްޔެވެ. ކުރީ އަހަރާއި ބަލާއިރު މިއީ ލިބުނު ކުރިއެރުމެކެވެ.


މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މިހާތަނަށް އައިއިރު، ރާއްޖޭން ވަނީ ފަސް މެޑަލް ހޯދާފައެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވެނީ ވަރަށް ޒުވާން ދެ ކުޅުންތެރިންނާއެކު މިފަހަރުގެ މުބާރާތަށް ނިކުތް އަންހެން ޓީޓީ ޓީމުން ހޯދީ ރަން މެޑެއްޔެވެ. އެންމެފަހުގެ ޗެމްޕިއަން މޮރިޝަސް އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ބަލިކޮށް ޗެމްޕިއަންކަން ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ އަށް މި ފަޚުރުވެރި ކާމިޔާބީ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި، 11 އަހަރުގެ ފާތިމަތު ދީމާ އަލީގެ އިތުރުން ތަޖުރިބާކާރު ދެ ކުޅުންތެރިންކަމަށްވާ މުއީނާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލެވެ. މިއީ ރާއްޖޭގެ ޓީމަކުން ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިއީ ތާރީޚީ ކާމިޔާބީއެކެވެ. މިއީ ވަސީލަތް މަދު، ކުޑަ އާބާދީއެއް އޮންނަ ރާއްޖޭއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މަންޒަރު ބަލަން މަރޭ ހުންނެވީ ފެންކަޅިވެފައެވެ. އެތަކެއް އުންމީދުތަކެއް އެއް ފަހަރާ ހާސިލުވިކަހަލައެވެ.


މި ހުރިހާ ކަންކަމާމެދު ވިސްނާ ފިކުރުކޮށްލުމުން ފެނިގެންދަނީ ޒުވާން އުމުރުގައި ކުޅިވަރުކުޅުމަށް ބާރު އަޅައި، އެކަމުގައި އިތުރަށް ކުރިއަށްދިއުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އެސޯސިއޭޝަންތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކެވެ. ކުޅުންތެރިންނަށް ދޭ ހިތްވަރާއި ނަސޭހަތެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދީ ބީޗް ވޮލީބޯޅަ އިވެންޓުން ރިހި މެޑެލް ހޯދީ ފިރިހެން ޓީމެވެ. މި ފަހަރުގެ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމުގައި ހިމެނުނީ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)، އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.

ބީޗް ވޮލީން މީގެ ކުރިން ރާއްޖެ އަށް ލިބިފައިވާ ބައިނަލްއަގުވާމީ ހަމައެކަނި މެޑެއްޔަކީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުން ލިބުނު ލޯ މެޑެއްޔެވެ. މިއީ ވެސް ލިބުނު ކުރިއެރުމެކެވެ.

ރާއްޖެއަށް ލިބުނު އިތުރު މެޑެލްތަކުގެ ތެރޭގައި، އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުން ހޯދި ލޯ މެޑެލްގެ އިތުރުން ޕެރަ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން ހޯދީ ލޯ މެޑެލް ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމަށް ރަން ނުވަތަ ރިހި މެޑެލް ނުލިބުނީ ހަމަ ކިރިޔާއެވެ. ރާއްޖޭގެ އިތުރުން ރަން މެޑެލް ހޯދީ ރީޔޫނިއަން އައިލެންޑްސް އާއި ރިހި މެޑެލް ހޯދީ މޮރިޝަސް ވެސް މޮޅުވީ ދެ މެޗުންނެވެ. ރާއްޖެ އަށް ތިންވަނަ ލިބުނީ ސެޓުގެ ތަފާތުން ކުރި ނުލިބުމުންނެވެ.


މިފަހަރުގެ ގޭމްސްގައި ރާއްޖެއަށް އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުންނެވެ. ގިނަ ބަޔަކު ހީކޮށްގެން ހުރީ، މި ފަދަ މުބާރާތެއްގައި ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑެއްޔެއް ހޯދައިދިން، ރާއްޖޭގެ އެތުލެޓިކްސް ތާރީޚު ދުށް އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު، މި ފަހަރުވެސް އެކަންތައް ހާސިލްކުރާނެކަމަށެވެ. ނަމަވެސް، އެންމެފަހުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދީ ސާއިދަށް މި ފަހަރު ރޭސް ނިންމުނީ ހަތަރުވަނަ އަށެވެ. މިއީ ލިބުނު ވަރަށް ބޮޑު ދެރައެކެވެ.

ނަމަވެސް، މެޑެލް ނުލިބިގެން މާޔޫސްވެ، ކަރުއެލުވާލާކަށް އަދި ނުޖެހެއެވެ. ބެޑްމިންޓަންގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުން ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށް ރަން ނުވަތަ ރިހި މެޑެލް ލިބުމުގެ އުއްމީދު އަދި އެބައޮތެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މަރޭ އައިސް އޭރު ދައްކަމުން އައި ވާހަކަތަކާ، ދެކެމުން އައި ހުވަފެންތަކާއެކު އިސްވެހުރެ ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން، ކަނޑައަޅަމުން އައި ލަނޑުދަނޑިތައް ހާސިލްކުރަމުން އައިސް، މިހާރު ރާއްޖޭން މި ވަނީ އެފަދަ ބޮޑު ކުޅިވަރު މުބާރާތެއް މި ގައުމުގައި ބޭއްވުމަށް ފައިނަގާފައެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށްޓަކައި ރާއްޖޭން ބިޑް ހުށަހަޅާފައިވާއިރު، އެ ކަން ކާމިޔާބުކުރެވިއްޖެނަމަ، އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ގިނަގުނަ ކާމިޔާބީތައް ހޯދޭނެކަމާމެދު ޝައްކެއްވެސް ނެތެވެ. އެކަން ގައުމުން ބޭރުގައިވެސް މަރޭ އިސްވެހުރެ، އެ ދަނީ މިހާރުވެސް ސާބިތުކޮށްދެމުންނެވެ.

މި ކުޅިވަރު މުބާރާތުގައި ރާއްޖޭން ހޯދަމުން އަންނަ ކާމިޔާބީތަކަށް ޓީމަށް މަރުހަބާ ކިޔަމެވެ. އަދިވެސް، އިތުރު ކާމިޔާބީތައް ހޯދާނެކަމަށް ދުއާ ކުރަމެވެ.

ރާއްޖޭގެ ޓީމާއެކު ހޯދަމުން އަންނަ ކާމިޔާބީއަށާއި މަރޭމެން ފަދ ބޭފުޅުންގެ އަގުހުރި ޚިދުމަތަށް ވަރަށް ހާއްޝަ ޝުކުރެއް އަދާކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު