ތެލެސީމިއާ ކުދިންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

އަބްދުﷲ ޔާމިން

މިފަހުން ގިނަ ބައެއްގެ ހިތުގައި އެންމެބޮޑު އެއް ކަންބޮޑުވުމެއް އުފެދިގެން އައީ ތެލެސީމިއާ 8 ކުއްޖަކު ކައިރި ކައިރީގައި ނިޔާވި ވާހަކައާއި އެކުއެވެ. އެކުދިންގެ މަރުގެ ވާހަކަ އާއި އެކު ގިނަ ބައެއްގެ ހިތްތަކުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެކުދިންގެ ސިއްޚީ ކަންތައްތަކާއި މެދު ކަމާއި ގުޅުންހުރި ފަރާތްތަކުން އެންމެ އެކަށިގެންވާ ވަރަށް މަސައްކަތްކުރޭތޯ ގިނަ ބަޔަކު ސުވާލުކުރިއެވެ.

އެކުދިންނާއި މެދު އަމަލުކުރެވޭގޮތެއް އެންމެ ބޮޑަށް އިނގޭނީ އެކުދިންނާއި އެކަމުގައި ވާހަކަދެއްކިގެންނެވެ. އެހެންކަމުން އަޅުގަނޑު އެކުދިންގެ ވާހަކަތައް އަޑުއެހުމަށް އެކުދިންނާއި އެކު ކޮފީ މޭޒަކަށް އެރީމެވެ.

ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް

ތެލެސީމިއާ ސެންޓަރަކީ ތެލެސީމިއާ ކުދިން އެކުދިންނަށް ބޭނުންވާ ލޭ އެޅުމަށް ދާ ތަނެވެ. އެތަނުގެ ހާލަތު ހުރީ ހީކުރި ވަރަށްވުރެއް ދެރަކޮށެވެ.

ވާހަކަ ދެއްކުނު ކުދިން ބުނިގޮތުގައި މީގެ 15 ވަަރަކަށް އަހަރުކުރިން ތެލެސީމިއާ ސެންޓަރަކީ އެ ތަނަށް ދާކުދިން އެތަނަށް ދާހިތުން ދާނެކެވެ. އެތަނުގެ އެތެރޭގައި ކުދިންނަށް މުނިފޫހި ފިލުވޭނޭ އެކިއެކި ގޮތްތައް ޤާއިމުކޮށްދީފައިހުއްޓެވެ. ކެރަމް ކުޅުމާއި އެކި އެކި ކާޓޫންތައް ބެލޭނެ އިންތިޒާމާއި ޕްލޭސްޓޭޝަން ގޭމް ކުޅުން ފަދަ ކަންކަން އެކުދިން ފާހަގަކުރެއެވެ. އެހެންނަމަވެސް މިހާރު އޭގެން އެއްވެސް ކަމެއް އެތަނުގައި ނުހުންނަ ކަން އެކުދިން ފާހަގަކުރިއެވެ. އަދި އެކުދިން ތެލެސީމިއާ ސެންޓަރު މިހާރު ސިފަކުރަނީ "ރެފިއުޖީ ކޭމްޕެއް"ގެ ގޮތުގައެވެ. އެކުދިން ބުނި ގޮތުން އެތަނަށް ލޭ އެޅުމަށްދާ ކުޑަ ބޮޑު ކޮންމެ މީހަކުވެސް މިހާރު ބޭނުންވަނީ ތެލެސީމިއާ ސެންޓަރަށް ވަދެވޭހާ އަވަހަށް އެތަނުން ނިކުތުމަށެވެ.

ތެލެސީމިއާ ސެންޓަރުގައި ލޭ އަޅާކުދިން ތިބޭ ތަނުގައި ދެ ޓީވީއެއް ހުރުން ފިޔަވާ އެއްވެސް ވަރަކަށް ހިތްހަމަ ޖައްސާލަން ކުރާނޭކަމެއް ނެތްކަން އެކުދިން ފާހަގަކުރިއެވެ. ވައިފައިގެ ޚިދުމަތް މެދުކެނޑި އެތައް ދުވަހެއްވީފަހުން އެކަން ރަނގަޅުކޮށްދިނީވެސް އެތައް ޝަކުވާއެއްކޮށްގެންކަން އެކުދިން ފާހަގަކުރިއެވެ.

އެކުދިން ކިޔައި ދިން ގޮތުންނަމަ މީގެ ކުރިން ތެލެސީމިއާ ސެންޓަރުގައި ލޭ އެޅުމަށްދާ ކުދިން ބޭނުންކުރުމަށް ހުންނަނީ އެންމެ ފާހާނައެކެވެ. އަންހެން އަދި ފިރިހުން ކުދިން ބޭނުންކުރުމަށް އެންމެ ފާޚާނައެއް ހުންނައިރު، އެތަނުގައި ޖެހެނީ ކިއުޖެހޭށެވެ. އެހެންނަމަވެސް އެ މައްސަލައަށް ހައްލެއް ލިބިގެން ދިޔައީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތަށްފަހު އެކަމުގެ ޝަކުވާ އެކުދިން ކުރުމުންނެވެ.

އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތުން

ތެލެސީމިއާ ސެންޓަރުގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތުމަކީވެސް އެކުދިންގެ ޝަކުވާއެކެވެ.

އެގޮތުން މިހާރު އެތަނުގައި މަސައްކަތް ކުރަމުން އަންނަނީ 3 ފިރިހެން ޑޮކްޓަރުންކަމަށާއި، އަންހެން ޑޮކްޓަރަކު މަސައްކަތް ކުރަމުން ނުދާކަމަށް އެކުދިން ފާހަގަކުރިއެވެ. އެކަމުގެ ސަބަބުން ލޭ އަޅަންދާ އަންހެން ކުދިންނަށް ބައެއްފަހަރު ހިއްސާކުރަންޖެހޭ ވާހަކަތައް ޑޮކްޓަރަށް އެންމެ ރަނގަޅަށް ހިއްސާނުކުރެވޭކަން އެކުދިން ފާހަގަކުރިއެވެ.

މީގެ އިތުރުން ރާއްޖޭގައި ލޭގެ ބައެއް ހާއްސަ ޑޮކްޓަރުން ނުތިބޭކަން އެކުދިން ފާހަގަކުރިއެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށްވެސް އެކުދިން ފާހަގަކުރެއެވެ. އަދި ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާނަމަ ދާންޖެހެނީ ރާއްޖެއިން ބޭރަށްކަމަށް ވެސް އެކުދިން މައުލޫމާތުދެއެވެ.

ބޭހަށް ކުރިމަތިވާ ދަތިތައް

ތެލެސީމިއާ ކުދިންގެ އެހެން ޝަކުވާއަކަށްވީ މިދޭތެރެއިން އެކުދިންނަށް ބޭނުންވާ ބޭހެއް ނުލިބި ގިނަ ދުވަސްތަކެއް ވެގެންދިޔަ ވާހަކައެވެ.

އެގޮތުން މިފަހަކުންވެސް އެއް ބޭހެއް ނުލިބި ގާތްގަނޑަކަށް ތިން ހަފްތާއަށް ވުރެއް ގިނަ ދުވަސްވެގެން ދިޔަކަން އެކުދިން ފާހަގަކޮށްފައިވެއެވެ.

ތެލެސީމިއާ އިންޓަނޭޝަނަލް ފެޑަރޭޝަން (ޓީއައިއެފް)ގެ ޕްރޮޓޮކޯލަށް އަމަލުނުކުރާކަމުގެ ޝަކުވާ

ތެލެސީމިއާ ކުދިންނާއި މެދު އަމަލުކުރާނެ އަދި ހާއްސަކޮށް އެކުދިންނަށް ފަރުވާ ދިނުމުގައި އަމަލުކުރާނޭ ވަކި ހާއްސަ ޕްރޮޓޮކޯލްއެއް ތެލެސީމިއާ އިންޓަނޭޝަނަލް ފެޑަރޭޝަން (ޓީއައިއެފް)އިން އެކުލަވާލާފައިވާއިރު، ރާއްޖޭގައި އެއަށް އަމަލުކުރަމުން ނުދާކަމަށް އެކުދިން މައުލޫމާތުދިނެވެ.

ހާއްސަގޮތެއްގައި ޓީއައިއެފް ގެ ޕްރޮޓޮކޯލްގައި ހިމެނޭ ސައިކޮސޯޝަލް ތެރަޕީ ނުދޭކަން އެކުދިން ފާހަގަކުރިއެވެ. އެކުދިން ފާހަގަކުރިގޮތުގައި ސައިކޮސޯޝަލް ތެރަޕީއަކީ ލޭ އަޅާކުދިންނަށް ނުހަނު މުހިންމު އެއްޗެކެވެ. އަދި އެ ތެރަޕީއަކީ އެކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާ ހޯދުމަށް އެކުދިންނަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށްވެސް ވާނޭކަން އެކުދިން ފާހަގަކުރިއެވެ.

ޓީއައިއެފްގެ ޕްރޮޓޮކޯލްގެ އިތުރުން ރާއްޖޭގައި ތެލެސީމިއާ ސެންޓަރުގައި ކުދިންނަށް ފަރުވާދިނުމަށް ވަކި ޕްރޮޓޮކޯލެއް ކުދިންނަށް ފެންނަގޮތަށް ނޯންކަމަށް އެކުދިން ފާހަގަކުރިއެވެ. އަދި ޕްރޮޓޮކޯލާއި ގުޅޭގޮތުން ސުވާލުކުރުމުން ޕްރޮޓޮކޯލެއް އޮންނަކަމަށް ސެންޓަރުންބުނާކަމަށާއި، އެހެންނަމަވެސް އެއްވެސް ބަޔަކަށް އެ ފެންނަން ނޯންކަމަށް ކުދިން މައުލޫމާތު ދެއެވެ. އަދި އެކަމުގެ ސަބަބުން ކުދިންނަށް އަމިއްލަޔަށް ފަރުވާގެ ގޮތުގައި ކުރެވޭނޭ ކަންކަން ނޭނގި ދާކަންވެސް ފާހަގަކުރިއެވެ.

ކުދިންނަށް އެކަށީގެންވާ މައުލޫމާތު ނުދޭކަން

ލޭ އެޅުމަށް ތެލެސީމިއާ ސެންޓަރަށްދާ ކުދިންނަށް އެންމެ އެކަށީގެންވާ މައުލޫމާތު ސެންޓަރުގެ ފަރާތުން ނުދޭކަންވެސް އެކުދިން ފާހަގަކުރިއެވެ.

ހާއްސަކޮށް ބައެއް ބޭސްތައް ބޭނުންކުރުމުގައި އަމަލުކުރާނޭގޮތްވެސް ކިޔާ ނުދޭކަމަށް އެކުދިން މައުލޫމާތު ދިނެވެ.

ވަރަށްފަހުން ނެގި ބޭހެއް. އެބޭހަކީ ފެންތަށްޓަށް ގިރުވައިގެން ބޯންޖެހޭ ބޭހެއް. އެކަމަކު އެވަރު އެއްވެސް ކުއްޖަކަށް ކިޔައިދީފައެއްނުހުރޭ. ބައެއްކުދިން ކާ ބޭސްގުޅައެއްގޮތަށް އެބޭސްނަގާފައި އެބަހުރި. މިހިރީ އެކަށީގެންވާ މައުލޫމާތު ނުދެވޭތީ ދިމާވާ ކަންކަން.

އެކުދިން މައުލޫމާތު ދިން ގޮތުގައި ތެލެސީމިއާ ސެންޓަރަށް އަލަށް ލޭއެޅުމަށް ދާކުދިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ލީފްލެޓް ގަނޑެއްގެ މިންވަރުވެސް ދިއްކޮށްނުލައެވެ.


ހެލްޓް މިނިސްޓާރ އެކުދިންނާއި ބައްދަލުނުކުރާ ވާހަކަ

ތެލެސީމިއާ ކުދިންތަކެއްގެ މަރު ކައިރި ކައިރީގައި ހިނގައިގެން ދިޔައިރު، ކަމާއި ގުޅުންހުރި އިދާރާތަކުން އެކަންކަމުގައި އަމަލުކުރި ގޮތެއް، މިއީ ގިނަބަޔަކު ސާފުކުރަން ބޭނުންވި ކަމެކެވެ.

އެކުދިންގެ ފަރާތުން އިނގުނު ގޮތުން ހެލްތް މިނިސްޓާރ އަބްދުﷲ އަމީން މަޤާމާއި ހަވާލުވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި އެކުދިންނާއި ބައްދަލުކުރައްވާފައިވަނީ، އެންމެ ފަހަރަކުއެވެ. އެއީ ނައިބު ރައީސް ފައިސަލް ނަސީމް ތެލެސީމިއާ ސެންޓަރަށް ޒިޔާރާތްކުރެއްވި ދުވަހު އެކަންޏެވެ. އޭގެފަހުން އެކުދިންނާއި ހެލްތް މިނިސްޓާރ އަމީން ބައްދަލުނުވާކަން އެކުދިން ފާހަގަކުރިއެވެ.


"އުންމީދީ ޖަވާބުތަކެއް ނައިބު ރައީސް ފައިސަލް ނަސީމްގެ ފަރާތުން ލިބުނު"

އެކުދިންގެ ފަރާތުން އެނގުނު ގޮތުން އެކުދިންނާއި ވަރަށްފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވާފައެވެ.

އަދި އެކުދިންނާއި އެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އުންމީދީ ވާހަކަތަކެއް ނައިބު ރައީސްގެ ފަރާތްޕުޅުން ލިބިގެން ދިޔަ ކަން އެކުދިން ފާހަގަކުރިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ނައިބު ރައީސް އާއި އެކު އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެކުދިން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު