އާއިލީ ހަމަނުޖެހުންތައް، ކުޑަކުދިން މަގުމައްޗަށް ގިނަވުމުގެ އެންމެ ބޮޑު އަސްލު!

ޢަލީ ޔާމީން
ފޮޓޯ: ސަން

ކުޑަކުދިން ކުށްތަކަށް އަރައިގަންނަ ވާހަކައަކީ މިއަދު އަޅުގަނޑުމެން ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ކުޑަކުދިން ކުށުގެ ވެށްޓަށް ލޯހުޅުވި، އެވެށީގައި އުޅެބޮޑުވަމުން އަންނައިރު އެކުދިންގެ އުޅުމާއި، އަމަލުތައް ހުންނާނީ ވަރަށްވެސް ގޯސްކޮށެވެ. މާރާމާރީއާއި، ފޭރުމާއި، ވައްކަމާއި، މިހެންގޮސް އިޖުތިމާއީ ބޮޑެތި ކުށްތަކުގެ ކުރީ ސަފުގައި މިއަދު ތިބީ ކުޑަކުދިންނެވެ. ކީއްވެތޯއެވެ؟ ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީތޯއެވެ؟ ނުވަަތަ އާއިލީ ލޯބި ނުލިބުނީ ތޯއެވެ؟ އެކުދިން އެ ކުށަށް އަރައިގަންނަން މަޖުބޫރުކުރުވަނީ ނުވަތަ ހިތްވަރުދެނީ ކޮންކަމެއް ތޯއެވެ؟ ކުޑަކުދިން ކުށުގެ ވެށްޓަށް ހޭނުމުގެ މުގުލުގައި ވަނީ ކޮން ސަބަބެއްތޯއެވެ؟

ދިރާސާކުރާ ފަރާތްތަކާއި، މަޝްހޫރު އިލްމުވެރިންގެ ނަޒަރިއްޔާތުގައި ކުށުގެ ވެށްޓަށް ކުއްޖާ ވަނުމަށް މެދުވެރިވާ އެތަކެއް ސަބަބެއްވެއެވެ. ނަމަވެސް އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބޮޑު ސަބަބެއްވެއެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެއިންވެސް ވަރަށް ގިނައިން ފެންނަ ކަމެކެވެ. އާދެ، އާއިލީ ހަމަނުޖެހުންތަކާއި، އާއިލީ މައްސަލަތަކެވެ.

އާއިލީ މައްސަލަތަކުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ވަރަށް ނޭދެވޭ އަސަރެއް ކުރާއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާގެ ލަދުހަޔާތް ކެނޑި މަގުތަކަށް ގިނަވެދެއެވެ. މިހެން އުޅުމުގެ ތެރޭގައި ގޯސް ރަށްޓެހިންނާއި ޖެހި، ނުވަތަ އަމިއްލައަށްވެސް ނުކިއްސަރު މަގު އިހްތިޔާރު ކުރެވެނީއެވެ. އަދި ވެފައިވާ ދެރައާއި، ނުވަތަ މޮޅިވެރިކަމުގެ ސަަބަބުން ރަށްޓެހިންގެ ބަހަށް ހެއްލި މަޑުމަޑުން ކުށުގެ ކެހިވެރި މަޅީގައި ކަރު ތާށިވަނީއެވެ. މިއީ ފެންނަމުންދާ ހަޤީޤަތެވެ.

އާއިލީ މައްސަލަތަކުގެ އިތުރުން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުމަކީވެސް ކުއްޖާ ކުށުގެ ވެށްޓަށް ވަނުމަށް ދެވޭ ހިތްވަރެކެވެ. މައިންބަފައިންގެ އިތުރުން، ޓީޗަރުންނާއި، މުދައްރިސުންގެ ފަރާތުންނާއި، މުޖުތަމައުގެ އަފުރާދުންގެ ކިބައިން އެލިބެންޖެހޭ ފުރިހަމަ ތަރުބިއްޔަތު އެކުއްޖާއަށް ނުލިބޭނަމަ އެކުއްޖާއަކީ, ކުށުގެ ވެށްޓަށް ވަނުމުގެ ފުރުސަތު ބޮޑު ކުއްޖަކަށްވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރަނގަޅު ތަރުބިއްޔަތެއް ނެތުމުގެ ސަބަބުން ކުއްޖާއަށް ހެޔޮމަގެއް، ގޯސް މަގެއް ވަކި ނުވާނެއެވެ. ހެވެއް ނުބައެއް ނޭނގޭނެއެވެ. އަދި ލަދުހަޔާތް ކެނޑި އަނެކުންނަށް އިހްތިރާމް ކުރުމާއި، ބަސްމަގު ހުތުރުވުމަށް މަގުފަހިވެއެވެ.

ކުޑަކުދިން ކުށުގެ ވެށިން ދުރުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އާއިލާތަކުން ޒިންމާ އަދާކޮށްގެންނެވެ. ސްކޫލުތަކުން ނަމޫނާ ދައްކައިގެންނެވެ. ކަމާ ބެހޭ އިދާރާތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެނެވެ. ޤައުމުގެ މުސްތަޤުބަލުގައި ކަމުގައިވާ އަދުގެ ޅަ ދަރީން ހަމަ މަގަށް އެޅުވުމަށް މުޖުތަމައު އެއީ މަސައްކަތްކޮށްގެނެވެ.

ކިޔުންތެރިންގެ ހިޔާލު