އެތައް ކަންބޮޑުވުމެއްގެ ވާހަކަ އެންމެ ފޮޓޯއަކުން

ޢަލީ ޔާމީން
ފޮޓޯ: އަހުމަދު މުނީޒު


ދުނިޔެ ހޫނުވަމުން އަންނަ ވާހަކައާއި އެކަމުގެ  ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަ ވާހަކައަކީ އިއްޔައަކު މިއަދަކު ތިލަވެގެން އުޅޭ ވާހަކަތަކެއް ނޫނެވެ. އެވާހަކަތަކުގެ އިންޒާރު މީގެ އެތަކެއް އަހަރެއް ކުރީން ސައިންސްވެރީން ވަނީ ދީފައެވެ.

އެއިރު ގިނަ ބަޔަކަށް އެކަމުގެ ހަޤީޤީ ގެއްލުން ރޭކާ ނުލިޔަސް އަދުގެ މުޖުތަމައުން ފެންނަމުންދާ މަންޒަރުތަކުން ބައެއް ފަރާތްތަކުގެ ހިތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވެފައެވެ.

ރީތި ކަނޑުފަޅުތަކާއި ހޭޅިތައް ހަލާކު ކޮށްލަނީ ހަމަ އިންސާނީ އަމަލުތަކުގެ ސަބަބުންނެވެ. ފަސޭހައަށް ކޮށްލާ ކުޑަކުޑަކަމެއްގެ ސަބަބުންނެވެ. އިންސާނުން ފަސޭހައަކަށް ކުރާ ކުދި ކުދި ކަންތައްތަކުގެ ވޭން އެހެން ފަރާތަކުން ތަހައްމަލުކުރަން ޖެހުމަކީ ހަމަ ޔަގީނުންވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ޕްލާސްޓިކް ކޮތަޅަކީ އޭގެ ޒާތުގައި އަގުބޮޑު އެއްޗެއް ނޫނެވެ. ގިނަ ބަޔަކަށް އެއީ މާ މުހިންމު އެއްޗެއްވެސް ނޫނެވެ. އެއްފަހަރު އޭގެ ބޭނުންކޮށްލުމަށް ފަހު އެއްލާލަނީއެވެ. ނަމަވެސް އޭގެ ސަބަބުން ގެއްލުން ލިބެނީ ކިތައް ދިރުންތަކަށް ކަމާއި މެދަކު ކުޑަކޮށްވެސް ވިސްނައެއް ނުލެވެއެވެ.

ޕްލާސްޓިކް ކޮތަޅާއި އެނޫންވެސް ކުނިބުނި  ހޭޅިފަށާއި ކަނޑަށް އެޅުމުގެ ނަތީޖާ ދަށްކުވައިދޭ ފޮޓޯއެއް މީގެ ހަފްތާއެއްގެ ކުރިން ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

އއ. ރަސްދޫގައި ދިރިއުޅެމުން އަންނަ ށ.ފޮނަދޫއަށް އުފަން އަހުމަދު މުނީޒް ނަގާފައިވާ މި ފޮޓޯއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓުނު އިރު އެ ފޮޓޯއިން އިންސާނީ އަމަލުތަކުގެ ސަބަބުން ދިރުންތަކަށް ވަމުން އަންނަ ގެއްލުންތައް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

ފޮޓޯއިން ފެންނަނީ ޕްލާސްޓިކް ކޮތަޅެއްގެ ޝިކާރައަކަށްވެފައި އިން މާކަނާއެކެވެ. މާކަނާ އިނީ ޕްލާސްޓިކް ކޮތަޅުގައި ހައްޔަރުވެފައެވެ. ގައިމު މިއީ މީހަކަށް ދެއްކުމަށް ބަޔަކު ކޮށްގެން އުޅޭ ކަމެއް ނޫނެވެ. މިއީ އިންސާނީ އަމަލެއްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ދައްކުވައިދޭ އިބްރަތުން ފުރިގެންވާ ފޮޓޯއެކެވެ.

މި ފޮޓޯ ނެގި އަހުމަދު މުނީޒް "ޖަޒީރާ"އަށް ބުނީ އޭނާއަށް އެ މަންޒަރު ފެނުމުން ހިތައް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އަދި އެފަދަ ކަންކަމާއި މެދުގައި އިތުރަށް މީހުން ހޭލުންތެރިކުރަން ޖެހޭ ކަމުގައިވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަކީވެސް މިއީ ޑައިވް ކުރާ މީހެއް. ވަރަށް ގިނައިން ފެނޭ ޕްލާސްޓިކާއި އެނޫންވެސް ކުނި ބުނި. މި ފޮޓޯއަކީ މީގެ ހަފްތާއެއް ކުރިން ރަސްދޫގައި އަޅުގަނޑު ނެގި ފޮޓޯއެއް. އަޅުގަނޑުގެ މަގުސަދަކަށްވީ މި ފޮޓޯގެ ޒަރީއާއިން ތިމާވެށްޓައް ލިބެމުން އަންނަ ގެއްލުން އާންމުނަނަށް އަންގައިދިނުން"  މުނީޒް ބުންޏެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނެ އެއްގައުމަކީ ރާއްޖެއެވެ. އަދި ރާއްޖެއަކީ ޤުދުރަތުން ރާއްޖެއަށް ދެއްވާފައިވާ ނިއުމަތްތައް ތަރައްޤީކޮށްގެން މަންފާ ހޯދަމުން އަންނަ ބަޔަކަށް ވީ ހިނދު ރާއްޖޭގެ ރީތިކަމަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. މިކަންކަން އިސްލާހު ކުރުމަކީ ހަމަ އެކަނި ސަރުކާރުގެ ވުޒާރާއެއްގެ މަސްއޫލިއްޔަތެއްވެސް ނުމެ ނޫނެވެ. މިއީ ދިވެހިރާއްޖެއަށް އުފަން ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެކެވެ.

ކިޔުންތެރިންގެ ހިޔާލު