ހުވަނދުން ފުވައްމުލައް އެއްވަސް ކޮށްފި!

ޙުސެއިން ޝާހް
ދިވެހި ބޭސްވެރިކަމުގެ މަސައްކަތްކުރާ މުޙައްމަދު އަފްރާހް.

ފަތްޕިލާވެލީގެ ބޭސްވެރިކަމަކީ ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އަންނަ ބޭސްވެރިކަމެކެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަފާތު އެކިއެކި ބަލިބައްޔަށް ބޭސްކުރަން މަގުބޫލު ތަޖުރިބާކާރު އެތަށް ބޭސްވެރިންނެއް އިހުގައި އަދި މިހާރުވެސް ތިބިކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ޑަކްތަރީ ބޭސްވެރިކަން ކުރިއަރައި ދިޔުމުގެ ސަބަބުން ދިވެހިބޭސް ވެރިކަމަށް މިއަދު މިވަނީ ފަނޑުކަން ގެނުވާފައެވެ. އެކަމަށް އޮތް ޑިމާންޑް މިވަނީ ކުޑަވެގެން ގޮސްފައެވެ. އެހެންނަމަވެސް ކާބަފައިންގެ މިއަގުހުރި މަސައްކަތް މިއަދުވެސް ދިރުވަން މަސައްކަތްކުރާ ޒުވާނުން ތިބިކަމީ އުފާ ކުރަންޖެހޭ ކަމެކެވެ.

އެގޮތުން ޏ.ފުވައްމުލަކަށް އުފަން މުހައްމަދު އަފުރާހަކީ ކާބަފައިންގެ މަސައްކަތަށް ދިއްލުނު ވޮށެކެވެ. އާއިލާތެރެއިން ދެމެމުންއައި ބޭސްވެރިކަމާ ބެހޭގޮތުން ކުރި ދިރާސާއިން ދިވެހި ބޭސްވެރިކަމަކީ ސާބިތު ހިފޭ ކަމެއްކަމުގައި އަފްރާހަށް ވިސްނުނެވެ. ދުވަސްވީ މީހުން ފަރާތުން ސުވާލުކުރުމުގެ އިތުރުން އަމަލީ ތަޖުރިބާ މިކަމުގައި ހޯދިއެވެ. އެއަށްފަހު ރަށުން ލިބެންހުރި ފަތްޕިލާވެލީގެ ބާވަތްތަކަކީ ކޮބައިތޯ ބަލާ ދަސްކުރުމަށް ފަހު އިހުގެ ބޭސްވެރިކަން އިހުނަށްވުރެ ރަނގަޅު ގޮތެއްގައި ބޭނުން ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމުގެ ނަތީޖާ ވަރަށްވެސް ފޮނިކަމުގައި އަފްރާހް ސިފަކުރެއެވެ.

ތަފާތު އެކި އެކި ބަލިތަކަށް ބޭނުން ކުރެވޭނެ ތެޔޮ އުފެއްދުމަކީ އަފްރާހުގެ ބޭސްވެރިކަމުގެ މައިގަނޑު މަސައްކަތެވެ. މިމަސައްކަތް ކުރުމަށް ރާއްޖެއިން ލިބެންނެތް ތަކެތި ބޭރުންގެނެސް މެޝިނަރީސް އުފައްދައި މިމަސައްކަތަށް ލުއިކަން އަފްރާހް ގެނައެވެ. ކާށި ތެޔޮ، އާމަނަކަތެޔޮ އަދި ޓަމަނު އޮއިލް (ފުނައޮށުގެ ތެޔޮ) އުފައްދާ ބާޒާރަށް ނެރުނީ އަޖުމަ ބެލުމަށް ފަހުގައެވެ. މިތެޔޮ ތަކަކީ ގިނަބޭހުގެ ތެރޭގައްޔާއި ރީތިވުމަށް ބޭނުންކުރާ ބާވަތްތައް އުފެއްދުމައް ބޭނުން ކުރާ ތެޔޮ ތައްވެސްމެއެވެ.

ފުނައޮށުން އުފައްދާ ޓަމަނު އޮއިލް އަކީ ހަމުގެ ފަންސާހައްވުރެ ގިނަ ބައްޔާއި ރާއްޖެ ބައްޔާ ނާރުގެ މައްސަލަތަކަށް ފަރުވާކުރެވޭ ތެލެކެވެ. އަފްރާހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އަމިއްލައަށް ތައްޔާރުކުރާ މިބާވަތްތަކަށް އާމުންގެ ތަރުހީބު ލިބޭކަން އުފަލާއިއެކު އަފްރާހް ފާހަގަ ކުރެއެވެ.

މިމަސައްކަތް އިތުރަށް ފުޅާ ކުރުމަކީ އަފްރާހުގެ އެންމެ ބޮޑު އެއްހުވަފެން ކަމުގައި އަފްރާހް ސިފަ ކުރެއެވެ. " ހުވަނދު " ގެ ނަމުގައި ފޭސްބުކް ޕޭޖެއް އަފްރާހު ވަނީ ހުޅުވާ މިބޭސްވެރިކަމުގެ ފުރިހަމަ މައުލޫމާތުތަށް ކޮންމެ ފަރުދަކަށްވެސް ފަސޭހައިން ލިބޭނެ ގޮތެއްގައި ފަރުމާ ކޮށްފައެވެ. މިމަސައްކަތަކީ ތަފާތު ބުރަ މަސައްކަތެއް ނަމަވެސް، ކުރަން ރަނގަޅު ރީތި މަސައްކަތެއް ކަމުގައި އަފްރާހް ފާހަގަކުރެއެވެ.

ރާއްޖޭގައި ވަސީލަތްތައް މަދުކަމަށް ބުނެ ފަރުޖެއްސެން ނެތްކަން އަފްރާހްގެ މިންނަތް މަސައްކަތުން މިއަދު ވަނީ ސާބިތު ކޮށްދީފައެވެ. މިފަދަ ކޮންމެ މަސައްކަތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބޭނަމަ ރާއްޖޭގައި ކުރެވިދާނެ އެތަކެއް މަސައްކަތެއް ފެންނަން އެބަހުއްޓެވެ. ރާއްޖެގެ އުފެއްދުން ތެރިކަން ކުރިއަރުވާ އިތުރުކުރަން ބޭނުންވާ އެތައް ޒުވާނުންނެއް މިފަދަ އުންމީދު ތަކުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ތިބިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު