ރިލްވާންގެ މަރުގެ މައްސަލަ: ހިތަށް އުނދަގޫވާ އެތައް ސުވާލެއް

އަބްދުﷲ ޔާމިން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ 5 އަހަރުފަހުން މިވަނީ ރިލްވާން މަރާލާފައިވާ ކަން ހާމަކޮށްފައެވެ. 

އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުންނެވެ. އެރިޔާސީ ކޮމިޝަން ހެއްދެވުމުގެ މައިގަނޑު އެއް ބޭނުމަކީވެސް ރިލްވާން ވީނުވީއެއް ނޭންގި ގެއްލުނު މައްސަލަ ތަހުޤީގު ކުރުމެވެ. 

އެމަސައްކަތް އެކޮމިޝަންގެ ބޭފުޅުން ކުރައްވައިފިއެވެ. ރިލްވާނަށް ވީގޮތެއް އެބޭފުޅުން ހޯދައިފިއެވެ. ރިލްވާން ރަހީނުކޮށްގެން ގެންދިއުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލި ކަމަށް ކޮމިޝަނުން ހާމަކުރީ ސެޕްޓެމްބަރު 01 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމައްސަލަ ތަހުޤީގުކުރި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދެވެ. 

ސުއޫދު އެދުވަހު ދެއްކެވި ވާހަކަ ތަކުން ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔައެވެ. އެތަހުޤީގުން ހާމަވެގެން ދިޔައީ ރާއްޖޭގައި ދީން ޤަބޫލުނުކުރާ މީހުން ނުވަތަ އިސްލާމް ދީން ޤަބޫލުނުކުރާ މީހުން ތިބިކަމެވެ. އަދި ރާއްޖޭގައި ހަރުކަށި ދީނީ ފިކުރުގެ މީހުން ޖަމާއަތް ހަދައިގެން އެކި ކަންކަން ކުރާކަން ހާމަވެގެން ދިޔައީ އެ ތަހުޤީގުންނެވެ. 

ސުއޫދުގެ ވާހަކަތަކުން އިނގިގެން ދިޔައީ ރިލްވާން މަރާލުމުުގައި އެފަދަ ހަރުކަށި ދީނީ ފިކުރުގެ ބައެއްގެ އަތެއްވާކަމެވެ. އެކަންކަމުގައި ތިކިޖައްސަވާ ގުޅުވަމުން ސުއޫދު ގެންދެވިއިރު، އެވާހަކަތަކުގެ ތެރެއިން ހިތަށް އުނދަގޫވި އެތައް ސުވާލުތަކެއް އުފެދުނެވެ. 


01. ފުލުހުން ރިލްވާނަށް ފާރަލީ ކީއްވެ؟ 

ހުސްނުއްސުއޫދު ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސުން 24 އޭޕްރިލް 2014 އިން ފެށިގެން 22 ޖޫން 2014 އާއި ހަމައަށް ރިލްވާނަށް ފާރަލަމުން ގޮސްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބު އެކިބޭފުޅުން އެކި ގޮތަށް ދެއްވާފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.

އެގޮތުން އިންޓެލްގައި މަސައްކަތްކުރާ ފަރާތްތަކުން މައުލޫމާތު ދިފައިވާ ގޮތުގައި، ރިލްވާނަށް ތްރެޓެއް އޮތްކަމަށް ޝައްކުކުރެވޭތީ އަދި ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކުރުމުން ރިލްވާނަށް އިންޓެލުން ފާރަލަމުން ދިޔައީ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވާހަކަ ތަކުގައި ފުށުއެރުންތަކެއް ހުރިކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އެގޮތުން ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކޮށްފައިވަނީ ރިލްވާނަށް ފުލުހުން ފާރަލުމަށް ފެށިފަހުންކަން ސުއޫދު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ފުލުހުން ދިން ޖަވާބު ޤަބޫލުނުކުރެވޭކަމަށް ސުއޫދު ވިދާޅުވިއެވެ.

ރިލްވާން ގެއްލުމުގެ ކުރިން ފުލުހުން ރިލްވާނަށް ފާރަލި ބޭނުމެއް، އަދި އެކަމުގެ މަޤުސަދެއް މި މައްސަލައިގައި ސާފުވާންޖެހެއެވެ. 


02. ކޯޓަށް ހުށަހެޅި ފޯމުގައި "ދައުލަތާއި އިދިކޮޅު ހަރަކާތް" ހިިންގާކަމަށް ބަޔާންކޮށްފައި އޮތީ ކީއްވެ؟

ސުއޫދު ހާމަކުރެއްވި ގޮތުގައި ރިލްވާނަށް ފުލުހުން ފާރަލަމުން ގޮސް އޭނާގެ ފޯން ކޯލުތައް އަޑުއެހުމަށް ކޯޓު އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅި ފޯމް ގައި ސަބަބެއްގެ ގޮތުން ބަޔާންކޮށްފައި އޮތީ ވަރަށްވެސް ތަފާތު ވާހަކައެކެވެ. 

ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި، "ރިލްވާން ދައުލަތާއި އިދިކޮޅު ހަރަކާތް ހިންގަމުން ގެންދާތީ އެކަމުގެ ތުހުމަތުގައި ފޯން ކޯލްތައް އަޑުއެހުމުގެ ހުއްދަދިނުމަށް" އެދިފައިވާކަމަ ސުއޫދުވިދާޅުވިއެވެ. 

ރިލްވާން ގެއްލުމުގެ ކުރިން ފުލުހުން އޭނާއަށް ފާރަލަމުން ގޮސް އަދި އެވަރުން ނުވެގެން ކޯޓު އަމުރެއް ހޯދުމަށް ސަބަބެއްގެ ގޮތުން "ދައުލަތާއި އިދިކޮޅު ހަރަކާތް" ހިންގާކަމަށް ބުނެފައި އޮތުމުން ރިލްވާނާއި ދެކޮޅަށް ކުރީ ސަރުކާރުގެ އިސްބައެއް ނުވަތަ އެހެންވެސް ގޮތަކުން ނުފޫޒުގަދަ ބައެއްގެ ރޭވުމުންކަން  އެބަހާމަވެއެވެ. 

އެހެން ނަމަވެސް މިކަމަށް ކޮމިޝަންގެ ތަހުޤީގުގައި އަލިއަޅުވާލާފައި ނުވާއިރު، މިކަން ވެގެންދިޔައީ ރިލްވާންގެ މައްސަލައިގައި ހިތުގައި އުފެދޭ ސުވާލުތައް އިތުރުވި ކަމަކަށެވެ. 


03. ރިލްވާނަށް ފާރަލުން ޕޮލިޓިކަލް (ސިޔާސީ) ސެކްޝަނަށް ބަދަލުކުރީ ކީއްވެ؟ 

ޕްރެސް ކޮންފަރެންސްގައި ސުއޫދު ވިދާޅުވީ، ކައުންޓާ ޓެރަރިޒަމުން ރިލްވާންގެ މައްޗަށް ފާރަލަމުން އައިސް ފާރަލުން ޕޮލިޓިކަލް (ސިޔާސީ) ސެކްޝަނަށް ބަދަލުކޮށްފައިވާކަމަށެވެ. 

ރިލްވާން ގެއްލުމުގެ ކުރިން، އަދި ވަކި ބަޔަކު ރިލްވާނަށް ފާރަލިކަން ފުލުހުންނަށް އިނގުމުގެ ކުރިން ފުލުހުން ރިލްވާނަށް ފާރަލާ، "ދައުލަތާއި އިދިކޮޅު ހަރަކާތް" ހިންގާ ކަމަށް ބުނެ އޭނާގެ ފޯނު ކޯލްތައް އަޑުއެހުމަށް ކޯޓު އަމުރު ހޯދާ އަދި އެންމެފަހުން ފާރަލުން ސިޔާސީ ސެކްޝަނަށް ބަދަލުކުރީ ކީއްވެގެންކަން ދިވެހި ރައްޔިތުން އިންގެން ބޭނުންވެއެވެ. 

އެހެނަސް މިކަމުގެ ފުނަށްވެސް ކޮމިޝަންގެ ތަހުޤީގު ކުރިއަށް ގެންގޮސްފައި ނުވާކަން ހާމަވެއެވެ. 

އަނެއްކާވެސް މުހިންމު ކަމެއް ތަހުޤީގު ނުކޮށް ދޫކޮށްލެވުނީއެވެ. 


04. ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ސަރުކާރުގެ އިސް ފަރާތްތަކެއް މަސައްކަތްކުރީ ކީއްވެ؟

ކޮމިޝަންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަން ދެއްކުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސް ފަރާތްތަކެއް މަސައްކަތް ކޮށްފައިވާކަމަށެވެ. 

އެގޮތުން އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ މިހާރުގެ ހައިކޯޓު ފަނޑިޔާރު ހަސަން ޢަލީއާއި ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު، ރިލްވާންގެ ޕާސްޕޯޓް ހަދާ ސީރިއާއަށް ދިޔަކަށް ދެއްކުމަށް އުޅުނުކަމަށް ތަހުޤީގު ކޮމިޝަނުން ބުނެއެވެ. 

ރިލްވާން ރަހީނުކޮށް މަރާލުމަކީ ހަމައެކަނި ދީނީ ހަރުކަށި ބަޔަކު ކުރި ކަމެއްކަމަށް ވާނަމަ، ރިލްވާން ގެއްލުނު ފަހުން، އޭނާއަށް ވީގޮތް ހޯދުމުގެ ބަދަލުގައި އޭނާ އާއި ގުޅޭ ދޮގު ވާހަކަތަކެއް ފެތުރުމަށް ރައީސް ޔާމީންގެ ސަރުކާރުގެ އަދި އެމަނިކުފާނާއި އަރިސް ބޭފުޅުންތަކެއް މަސައްކަތް ކުރީ ކީއްވެތޯއެވެ؟ 

އަދި ރިލްވާން ގެއްލުވާލި ބަޔަކު ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަސްލު އޮޅުވާލުމަށް މަސައްކަތްކުރީ ކީއްވެތޯއެވެ؟

މިސުވާލުތަކަކީ ކޮމިޝަންގެ ތަހުޤީގުން ޖަވާބު ލިބެންބޭނުންވި ސުވާލުތަކެވެ. 


05. އިންޓެލް މައުލޫމާތަށް ފިޔަވަޅު ނޭޅީ ކީއްވެ؟ 

ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވި ވާހަކަ ތަކުގެ ތެރެއިން އެންމެ ބޮޑު ސިހުން ލިބުނު ވާހަކައަކީ، ރިލްވާން ރަހީން ކުރުމަށް ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި އެކަމަށް ފިޔަވަޅު ނާޅާ އޮތް ވާހަކައެވެ. 

24 ޖޫން 2014 ގައި ފުލުހުންނަށް، ހުޅުމާލޭގައި ސާކިއުލާ ފިކުރުގެ 2 މީހަކު ކިޑްނެޕް ކުރުމަށް މަސައްކަތްކުރަން އުޅޭކަމަށާއި، އަދި އެކަމަށްޓަކައި ލޯންޗެއް ތައްޔާރު ކުރަމުން ދާކަމުގެ އިންޓެލް ރިޕޯޓް ލޮގް ކުރެވިފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. 

އެހެން ނަމަވެސް މީގެން އެއްވެސް ކަމަކަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

މާނައަކީ ރިލްވާން ރަހީނުކޮށް އޭނާއާއި މެދު ލާއިންސާނީ އަމަލުތަކެއް ހިންގުމަށް ބަޔަކު ރާވަމުން ދިޔައިރު އެކަން ފުލުހުންނަށް އިގުނު ކަމެވެ. 

އެހެން ނަމަވެސް ތަކުރާރު ވަނީ އެއްސުވާލެކެވެ. އެކަންކަމަށް ފިޔަވަޅު ނާޅާ އޮތީ، ރިލްވާންގެ މަރުގެ ފަހަތުގައި ހަމައެކަނި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވީތީތޯއެވެ؟ ނުވަތަ ސަރުކާރުގެ ތެރެއިން އިތުރު ބައެއްގެ އަތް މީގެތެރޭގައި އޮތީ ތޯއެވެ؟


ތަހުޤީގު ކޮމިޝަނުން ބޭނުންވި ޖަވާބުތައް ލިބުުތަ؟ 

ރިލްވާންގެ މަރުގެ މައްސަލައިގައި ތަހުޤީގު ކޮމިޝަނުން ހާމަކުރި މައުލޫމާތު ތަކުން މިވީހާތަނަށް ނުލިބި ހުރި އެތައް ސުވާލެއްގެ ޖަވާބު ލިބުނު ކަމީ ހަޤީޤަތެވެ. ރިލްވާނަށް ވީގޮތް ހާމަވެއްޖެއެވެ. އެކަމުގައި އަމަލީ ގޮތުން އުޅުނު ބައެއް މީހުން ހާމަވެ ކަންކުރިގޮތް ހާމަވެއްޖެއެވެ. 

އެހެން ނަމަވެސް ހާމަނުވެ އޮޮތް ކަމަކީ މިކަމުގައި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކެއް ނުވަތަ ނުފޫޒުގަދަ ބައެއްގެ ބައިވެރިވުން އޮތް މިންވަރެވެ. މަތީގައި ހުރި ވާހަކަ މިކަމުގައި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކެއް ނުވަތަ ނުފޫޒުގަދަ ބައެއްގެ އަތެއްވާކަން ހާމަވެއެވެ.

އެހެންނަމަވެސް ތަހުގީގު ރިޕޯޓްގައި އެއިން އެއްވެސް ކަމަކަށް އަލި އަޅުވާލައިފައި ނެތުމަކީ އެކަމުގައި ހިތަށް އިންތިހާއަށް އުނދަގޫވާކަމެކެވެ. އަދި ރިލްވާންގެ މަރުގެ ފަހަތުގައި ކުރީގެ ސަރުކާރުގެ އިސްފަރާތްތަކެއް ނުވަތަ ނުފޫޒުގަދަ ބައެއްގެ އަތެއްވާނަމަ އެކަމެއް ރައްޔިތުންނަށް ހާމަކުރުމަކީ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭނޭކަމެއްކަން ހަމަ ޔަޤީނެވެ. 

އަދި ރިލްވާން ގެއްލުވާލި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވަރުބަލިކަމެއް ނެތި އިންސާފު ހޯދުމަށް ކަރުނައަޅާ އަޑުން އަޑު ނަގަާ ހަދަމުން ދާ ރިލްވާންގެ އާއިލާގެ އެންމެ ބޮޑު އުންމީދަކީވެސް މިއީއެވެ. 

ކިޔުންތެރިންގެ ހިޔާލު