ހިރިޔާ ސުކޫލުގެ ކަޅުދުވަހަށް މިއަދަށް 8 އަހަރު، އެ ހަނދާންތައް ފިލުމެއް ނެތް

އަލީ ޝިފާޒް

އެއީ މީގެ އަށް އަހަރު ކުރިން މި ދުވަހެވެ. އާދެ 9 ސެޕްޓެމްބަރު 2011 ވަނަ ދުވަހެވެ. ސުކޫލް ކުދިންގެ ތަޖުރިބާ ދަތުރެއްގައި، ކ.ހުރާއަށް ދިޔަ ދަތުރުވެގެން ގޮސްފައިވަނީ މުޅި ގައުމު ރޮއްވާލި ދަތުރަކަށެވެ. ދިވެހި ތާރީޚުގައި ކަޅުދުވަހެއްގެ ގޮތުގައެވެ. މޫދަށް އެރި އުޅެނިކޮށް ގެނބިގެން ހިރިޔާ ސުކޫލުގެ 4 ދަރިވަރުންނާއި ޕްރިންސިޕަލް ނިޔާވި ޚަބަރުން މުޅި ޤައުމު ރޮއްވާލިއެވެ.

ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން އެ ދުވަހު ހުރާއަށް ދިޔައީ ކިޔެވުމަށް ބޭނުންވާ މުހިންމު މަސައްކަތެއްގައެވެ. މުސްތަގުބަަލަށް އެތަކެއް އުންމީދުތަކަކާއި ހުވަފެންތަކެއް ދެކެމުން ދިޔަ އެ ދަރިވަރުންގެ ފަހު ދަތުރަށް އެ ދަތުރުވާނޭކަމަކަމަށް އެކަކުވެސް އުއްމީދުވެސް ނުކުރެއެވެ. 

ނަމަވެސް 7 ކުދިން މޫދުގައި ތިބި ވަގުތުގައި ފުން ހިސާބަށްގޮސް އެ ކުދިން ގެންބެން ފެށުމުން އެހީތެރިކަމަށް އެދި އެކުދިން ހަޅޭއްލަވަން ފެށި އަޑަށް އެންމެ ފުރަތަމަ އެ ސަރަޙައްދަށް ގޮސް އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ އޭރުގެ ހިރިޔާ ސުކޫލްގެ ޕްރިންސިޕަލް ޢަލީ ނާޒިމްއެވެ. ނާޒިމްގެ މަސައްކަތް ހުއްޓުމެއް ނެތި ފެށީ އެ ކުދިން ސަލާމަތް ކުރުމަށެވެ. ތަގުދީރު ނިޔާކުރީ ވަރަށް ވެސް ހިތާމަވެރިކޮށެވެ. އެ ކުދިން ސަލާމަތް ކުރުމަށް ފެށި މަސައްކަތުން 3 ކުދިން ސަލާމަތްކުރެވުނު އިރު ނާޒިމް ވަނީ 4 ދަރިވަރުންނާއިއެކު މި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. ދަރިވަރުންގެ ހައްޤުގައި ނާޒިމް ނިޔާވީއެވެ.


އެ ޚަބަރުން މުޅި ޤައުމު ރޮއްވާލިއެވެ. ތައުލީމީ ދާއިރާއަށް ޚާއްސަކޮށް މުޅި ހިރިޔާ ސުކޫލަށް އައީ ބުނެދޭން ވެސް ނޭނގޭ ފަދަ އިހްސާސްތަކެކެވެ. ހަމަހިމޭންކަން މަތީގައި މުޅީ ޤައުމު އެކަމާއި ހިތާމަފާޅުކުރިއެވެ. ނާޒިމް މި ދުނިޔެއާއި އަލްވަދާއު ކިޔީ ދަރިވަރުން ސަލާމަތް ކުރަން ފުރާނަ ފަސްނުޖެހި ހިތްވަރު ކުރެއްވި ބަތަލެއްގެ ގޮތުގައެވެ. 

މިއަދަށް އެ ހާދިސާއަށް 8 އަހަރުވެފައިވީނަމަވެސް އެ ހާދިސާ މަތިން ހަނދާން ދިވެހިން ކުރެއެވެ. ނާޒިމް އެ ދުވަހު ވީ ޤުރުބާނީގެ އަގު އެންމެވެސް އަދާކުރެއެވެ. އެ ދަރިވަރުންނަށާއި ނާޒިމަށްޓަކައި އަބަދުވެސް ހެޔޮ ދުއާކުރެއެވެ. މާތް ﷲ އެ ފަސް ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން

ކިޔުންތެރިންގެ ހިޔާލު