ގްރޭޓާރ މާލެ ކޮމްޕެނީއާއި ގުޅޭގޮތުން މުސްތަފާ ދައްކަމުންދަނީ "ހޮޅި ވާހަކަ" ތަކެއް

އަލީ ޝިފާޒް

ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ކުންފުންޏާއި އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ނިސްބަތްކޮށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ދައްކަމުންދާ ވާޙަކަތަކަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ ހޮޅި ވާހަަކަތަކެވެ. މުސްތަފާ ތުހުމަތުކުރަމުން ދަނީ ކ.ތިލަފުށީ ފަޅަށް ވައްދާފައިވާ ބޯޓެއް ނައްތާލުމަށް ޖީއެމްއައިޒެޑްއެލް ކުންފުނި އަދި މެނޭޖިންގ ޑިރެކްޓަރު ކަންކޮށްފައިވަނީ ގާނޫނުތަކާއި އުސޫލުތަކުން ބޭރުން އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.

މި މައްސަލައިގެ ދިރާސާއަށް ޖެހިލާ މި މައްސަލަ ހިނގާފައިވާ ގޮތް އޮޅުން ފިލުވުމަށް "ޖަޒީރާ ނިއުސް"ގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމެވެ. އެގޮތުން 2012 ވަނަ އަަހަރުގެ ޖުލައި މަހުގެ 30ވަނަ ދުވަހުން ފެށިގެން ތިލަފުށީ ފަޅުތެރޭގައި އެމްވީސީ ހޯމް ސަފައަރ  SEAHOMME SAPPHIRE IMO 9554690 ނަމަކަށް ކިޔާ ބޯޓެއް އޮންކަން އެ ކުންފުންޏަށް ފާހަގަކުރެވިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމާއި ބެހޭ ގިނަ މުއައްސަސާތަކަށް އެކަމާއި ގުޅޭ ސިޓީ ފޮނުވާ އެ ބޯޓު އެތާ އޮތުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ތިލަފުށި އަދި ފަޅަށާއި ގޮޑުދޮށަށް ލިބިދާނެކަމުގެ ސަމާލުކަމަށް ގެނައެވެ.

ބޯޓު ތިލަފުށިފަޅަށް ދޫކޮށްލީ ކަސްޓަމްސްގެ ހުއްދަ ނުހޯދާ

އެގޮތުން ފޮނުވި ސިޓީތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސްއިން ފޮނުވި އެ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު ވަނީ ބޯޓާއި ގުޅިގެން އޭރުގެ ތިލަފުށި ކޯޕަރޭޝަނަށް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ސީ ހޯމް ސަފަޔާރއަކީ ސީޓްރާންސް ކުންފުނީގެ އެޖެންޓް ކަމުގެ ދަށުން 31 މާރިޗު 2011 ގައި ރާއްޖެ އައި ބޯޓެއްކަމަށާއި، ނަމަވެސް އެ އުޅަނދުގެ ވެރިފަރާތުގެ މައްސަލަތަކެއް ރާއްޖޭގެ ސިވިލް ކޯޓުން ބަލަމުން ދާތީވެ، 4 ޖުލައި 2011ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ރާއްޖެއިން ފުރުން މަނާކޮށްފައިވާ ބޯޓެއްކަން އޭރު ކަސްޓަމްސް އިން ފާހަގަކޮށްފައި ވެއެވެ. އަދި އުޅަނދު ހިފަހައްޓާފައި އޮތް މުއްދަތުގެ ތެރޭގައި ފަޅުވެރިންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވޭތީވެ، އުޅަނދުގެ އެޖެންޓްކަން މޯލްލިންކްސް ކިޔާ ކުންފުންޠަކަށް ބަދަލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ފާހަގަކޮށްފައިވެއެވެ. ޖަޒީރާނިއުސްއިން ބެލި ބެލުމުން މިއީ މުސްތަފާ ހިއްސާވާ ކުންފުންޏެކެވެ. 01 އޮކްޓޯބަރުގައި މުސްތަފާގެ ކުންފުންޏާއި ބޯޓު ހަވާލުވެފައިވަނިކޮށް، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހު މޫސުން ގޯސްވެ ބޯޓުގެ ނަގިލިކަހާލާ ނަގިލި ބުރިވުމުގެ ސަބަބުން ކަމާއި ބެހޭ މުއައްސަސާތަކުން ނިންމައިގެން ބޯޓު ތިލަފުށީގައި ހުންނަ އެމްޓީސީސީ ސައިޓަށް ގެންދެވުނު ކަމަށާއި، ނަމަވެސް ޖުލައި މަހުގެ 23ވަނަ ދުވަހު ބޯޓު ތިލަފުށީ ފަޅަށް ދޫކޮށްލާފައިވަނީ ކަސްޓަމްގެ ހުއްދަ ނުހޯދާކަން ވަނީ ހާމަވެފައެވެ. އަދި އުޅަނދުގެ ކަންކަން ޤަވާއިދާއެއްގޮތަށް ކުރުމަށް ތަކުރާރުކޮށް ކަސްޓަމްސްއިން އެންގުމުންވެސް މުސްތަފާގެ މޯލްލިންކުން އެކަމަށް އިޖާބަދީފައި ނުވާކަމަށްވެސް ވެއެވެ.

ތިލަފުށީ ގޮނޑުދޮށަށް ބޯޓު ބީހި ގެއްލުންވާން ފެށުމުން ޖޫރިމަނާ ކުރުން

ތިލަފުށި ފަޅަށް ބޯޓު ދޫކޮށްލާފައި އޮއްވާ ބޯޓު ވަނީ ތިލަފުށީގައި އަލަށް ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށަށް ބީހިފައެވެ. އެހެންކަމުން އެކަމުގެ ސަބަބުން ތިމާވެށީގެ ގޮތުން ގޮނޑުދޮށް ހަލާކުވެ އެކިވަރުގެ ގެއްލުންވަމުންދާކަމާއި އެ ބޯޓު އެތަނުން ނެރުމަށް 7 ދުވަހުގެ ނޯޓިސްއެއް ދީ، އެ މުއްދަތުގެ ތެރޭގައި ބޯޓު ނުނަގައިފިނަމަ ބޯޓުގެ ދިގު މިނުގެ ކޮންމެ މީޓަރަކަށް ދުވާލަކަށް ސަތޭކަ ރުފިޔާ ރޭޓުން ޖޫރިމަނާ ކުރާނޭކަން އޭރުގެ ތިލަފުށި ކޯޕަރޭޝަނުންވަނީ މޯލްލިންކަށް އަންގާފައެެވެ. ސިޓީގެ ޖަވާބުގައި މޯލްލިންކުން އެދުނީ ޖޫރިމަނާނުކުރުމަށާއި، މައްސަލަ އަވަހަށް ނިންމުމަށް ސަރުކާރާއި ވާހަކަ ދެއްކުމަށާއި، ބަންޑާރަނައިބުގެ ލަފަޔަކަށް އެދުމަށާއި، އަދި ބޯޓު ވިއްކާލުމުގެ ހުއްދައެއް ހޯދައިދިނުމަށް ކަމަށްވެއެވެ.

ޖޫރިމަނާ ފައިސާ އަށް އެތައް މިލިއަން ރުފިޔާ

ބޯޓު ވިއްކާލައިގެން ލިބޭ ފައިސާއިން ބައެއް ކުންފުންޏަށް ދޭނެކަމަށްވެސް މުސްތަފާބެގެ މޯލްލިންކުން ވަނީބުނެފައެވެ. 16 އޭޕްރީލް 2019އާއި ހަމަޔަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ 20،986،875 ދިވެހި ރުފިޔާ އަރާފައިވާކަމަށް ލިޔެކިޔުންތަކުން އެގެއެވެ.

ބޯޓު ނައްތާލުމަށް މަސައްކަތް ފެށުން

2013 ވަނަ އަހަރުން ފެށިގެން ގްރޭޓަރ މާލެ ކޮމްޕެނީގެ ފަރާތުން ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބި ބޯޓު އެތަނުން ނެގުމުގެ ސަބަބުން، ތިލަފުށީގެ ފަޅާއި ގޮނޑުދޮށަށް ވަމުންދާ ގެއްލުންތައް ފާހަގަކޮށް ކުންފުނީގެ އޮޕަރޭޝަންސް ޑިޕާޓްމެންޓުން ރިޕޯޓެއް ތައްޔާރުކުރިއިރު ކަންބޮޑުވާން ޖެހޭ ގިނަ ކަންކަން ހުރިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ސަރަހައްދު ގިރަމުން ދާތީވެ އަވަސް ފިޔަވަޅު ތަކެއް އެޅުމުގެ ގޮތުން އެންވަޔރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް މައްސަލަ ހުށަހެޅިއެވެ. އަދި ކުންފުނީގެ ބޯޑުގެ ސަމާލުކަމަށް މިކަން ގެނެސް ބޯޑުގެ ބައްދަލުވުމަކުން މި މަސައްކަތް ކުރަން މެނޭޖްމެންޓާއި ހަވާލުކުރަން 2016 ޑިސެމްބަރު މަހުގައި ފާސްކުރިއެވެ.

ބޯޓުގެ މިލްކުވެރިކަން ސާބިތުކުރުމަށް ކޯޓަށް ގޮސް ބޯޓު ނައްތާލުމުގެ ހުއްދަ ލިބުން

ގްރޭޓާރ މާލެ ކުންފުނީގެ މެނޭޖްމަންޓާއި ބޯޓު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުވުމާއި ގުޅިގެން ސީހޯމް ސަފަޔަރގެ މިލްކުވެރިކަން ސާބިތުކުރުމަށް އެ ކުންފުނީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ. މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ 2012 ވަނަ އަހަރު މޯލްލިންކްސް ގެ ދަށުގައި އޮތް ބޯޓުގެ އެޖެންސީ މުއްދަތުހަމަވެފައިވާތީކަމަށާއި، ބޯޓު ތިލަފުށީ ފަޅުން ނެގުމަށްކަމަށް ހުލާސާގައި ބަޔާންކޮށްފައިވެއެވެ. 20 ޖުލައި 2017 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ބޯޓު ނައްތާލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެފައެވެ. އަދި ކުންފުންޏަކީ ވަކި ޤާނޫނީ ޝަހުޝެއްކަމުން ދައުލަތަށް އައިސްފައިވާ ހުކުމެއް ކަމުން، ފިނޭންސް މިނިސްޓްރީގެ ލަފަޔަކަށް އެދުމުން 14 ޖެނުއަރީ 2019ގައި ވަނީ އެ ބޯޓު ނެގުމުގެ މަސައްކަތް ކުންފުނިން ކުރިޔަށް ގެންދިޔުމަށް އަންގާފައެވެ.

އޭޑީބީގެ 165 މިލިއަން ޑޮލަރުގެ އެހީއެއް ހުއްޓޭ ހިސާބަށް

20 ޖެނުއަރީ 2019 އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އެ ބޯޓު އެތަނުގައި އޮތުމުގެ ސަބަބުން މުޅި ދައުލަތަށް ބޮޑު ގެއްލުމެއް ވާކަން ފާހަގަކޮށް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން ބޯޓު އެތަނުގައި އޮތުމުގެ ސަބަބުން އޭޑީބީގެ އެހީއާކު ތިލަފުށީގައި ޒާމާނީ ފެންވަރުގެ ސަރަހައްދީ ކުނި މެނޭޖް ކުރާ މަރުކަޒު ޤާއިމު ކުރުމަށް ހަމަޖެހިފައިވާ 165 މިލިއަން ޑޮލަރުގެ ފައިސާ ކެންސަލް ވާން އުޅޭކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އާންމުކޮށް ހުޅުވާލައިގެން އިއުލާނުކޮށް މަސައްކަތް ބަޔަކާއި ހަވާލުކުރުން

17 ފެބުރުއަރީ 2019ގައި ގްރޭޓާރ މާލެ ކޮމްޕެނީން ވަނީ އެ ބޯޓު އެ ސަރަހައްދުން ނެގުމަށް އާންމުކޮށް އިއުލާނެއްކޮށް، އެކްސްޕްރޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައިީ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. މި މަރުހަލާގެ 2ވަނަ ސްޓޭޖްކަމުގައިވާ ރިކުއިސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ) ހުށަހެޅުމުގެ ފުރުސަތު ދެ ފަރާތަކަށް ދީ ކޮންޓްރެކްޓަރާއި އެކުގައި ސޮއި ކުރީ 16 އޭޕްރީލް 2019ގައެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ކުށެއް ނެތްކަމަށް ކަނޑައެޅުން

އެމްވީސީ ހޯމް ސަފަޔަރ އަތަނުން ނެގުމުގެ މަސައްކަތް ކުރިޔަށް ދާން ފެށުމުން އޭސީސީއަށް ހުށަހެޅުނު މައްސަލައެއްގައި އެކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ސޮއިކޮށް މައްސަލަ ނިންމި ގޮތްވަނީ 29 އޭޕްރީލް 2019ގައި އަންގާފައެވެ. އެގޮތުން އެ ބޯޓު ނެގުމުގެ ހުއްދަ ދައުލަތަށް ސިވިލް ކޯޓުން ދީފައިވުމާއި، އުޅަނދު ނުނެގި ގިނަ ދުވަސްތަކެއް ވުމާއި، އޭޑީބީގެ އެހީ ކެންސަލްވުމުގެ ބިރު އޮތުމާއި، އެ މަސައްކަތަކީ ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދުކޮށްގެން ކުރާ މަސައްކަތަކަށް ނުވާތީވެ، އެ މަސައްކަތުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބްރާހިމް ރަޝީދުގެ ބަސް

މި މައްސަލަ ދިރާސާކުރުމަށްފަހު މިކަމާއި ގުޅޭ ގޮތުން ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރުގެ ބަހެއް ހިމަނާލުން މުހިންމުކަމެއް ކަމުގައި ދެކިގެން ސުވާލުކުރުމުން ވިދާޅުވީ، މިއީ ވަރަށް ސާފުކޮށް އެންމެނަށްވެސް އެގޭނެ ފަދަ ކަމެއް ކަމަށެވެ. އަދި މައްސަލެއް ނެތްކަމެއްގައި މައްސަލައެއް އުފެއްދިޔަސް މިކަން ކޮށްފައިވާނީ ޤާނޫނާއި ޤަވާއިދު އަދި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކޯޓަކުން ނިންމާފައި އޮތްކަމެއް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ކުންފުނީގެ ބޮލުގައި އިލްޒާމު އެޅުވުމަކީ ވަރަށް ދެރަކަމެއްކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު