ބުޅަލަށް އަނިޔާ ކުރާ މީހުންނަށް ހައްގު އަދަބު ދެވެން ޖެހޭނެ

ޝަރޫނާ އަބްދުﷲ

އިންސާނުންނެކޭ އެއްފަދައިން ބުޅަލަކީވެސް އިހުސާސް ތަކެއް ދެއްވާފައިވާ ޖަނަވާރެކެވެ. ހިތާމަ ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެ ސޮރުމެންނާއިމެދު ކަންތައް ކުރެވެމުން ދަނީ ވަރަށް އިހާނެތި ކޮށް ކަމެވެ.

ބުޅަލަށް ގޯނާ ކުރުމާއި، ނުވިތާކަށް އެ ވަރުން ނުފުދިގެން އެ އެއްޗެހި މެރުން މިއަދު މިވަނީ މާ "ސަޅި" ކަމަކަށް ވެފައެވެ. ރަހުމްގެ ހަމަ ތަންފުކެއް ވެސް ނެތެވެ. އަނިޔާ ކުރާއިރު ހީވަނީ އެމީހުންނަށް ބޮޑު ދެރައެއް ދީގެން އުޅެހެންނެވެ. ނަމަވެސް ކަން އޮންނަނީ ގިނަފަހަރު އެހެނެއް ނޫނެވެ. ބުޅަލަށް އަނިޔާ ކުރުމަކީ ބައެއް މީހުންނަށް މަޖާވެފައި ކުރަން ހަމަ މޮޅު ކަމަކީއެވެ.

އަނެއްކަމަކީ ރާއްޖޭގައި ބުޅާ މަސް ކައި ނޫޅުމެވެ. އެހެންކަމުން އެ އެއްޗެހި މެރުމުގެ ސަބަބެއް ނެތެވެ. ބޭކާރު ގޮތުގައި ހަމަ އެ އަރައި ގަނެވެނީ ކުށަކަށެވެ. ބުޅަލުގެ ނިގޫ އަދި ކަންފަތް ކަނޑާލުމަށްފަހު މަރާ ނުލައިވެސް ދޫކޮށްލާފައި ހުންނަތަން ފެނެއެވެ. އިންސާނެއް ފެނިއްޖެނަމަ އެ ސޮރުމެން ބިރުން ފިލައެވެ.

ައަހަރެމެން އިންސާނެއްގެ ކަންފަތާއި އަތާއި ފައި ބުރިކޮށް އެއްލާލުމުން އަޅާ ވޭން ހަމަ ބުޅަލުގެ ކަންފަތް ކަނޑާލާފައި އެއްލާލުމުން ނާޅާނެހެއްޔެވެ؟ މަޖަލަކަށް ކުރަން އެނޫން ކަމެއް ހަމަ ނެތީހެއްޔެވެ؟

އެހެންކަމުން ބުޅާ އަދި އެނޫންވެސް އެފަދަ ޖަނަވާރުތަކަށް ގޯނާ ކުރާ މީހުން ހޯދާ ހައްގު އަދަބު ދޭން އެބަ ޖެހެއެވެ. ބުޅަލަކަށް އެހާ ނަފުރަތު ކޮށް އިހާނެތި ކޮށް ހިތަން ކެރުނު މީހަކު އިންސާނަކަށް އެފަދަ ގޯނާއެއް ކުރަން ވެސް ފަހެއް ނުޖެހޭނެއެވެ. ހިއުމަން ރައިޓްސް އޭ ކިޔާފަ ތެދުވަން އޭރުން އޮންނާނީ މާ ލަސްވެފައެވެ.

ކިރިޔާ މީހަކު ގޮތަކަށް ފިޔަވަޅެއް އެޅިޔަސް ސޯޝަލް މީޑިއާގައި އެމީހަކު ފަލީހަތް ކޮށް ހަދާ އުސޫލުން، ބުޅަލައް ގޯނާ ކުރާ މީހުން ހޯދާ އެމީހުންނާއިމެދު ފިޔަވަޅެއް ނޭޅެންވީ ސަބަބެއް ވަކި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު