ތިބާ ނަމާދު ނުކުރުމަށް ދައްކަނީ ކޮން އުޒުރެއް ހެއްޔެވެ؟

އަލީ އިބްރާހިމް
Flowers ކަނޑޫދޫގެ ޒުވާން ކުދީންކޮޅެއް ފަޅުރަށެއްގައި ނަމާދު ކުރަނީ


ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަވެފައި އޮންނަ ކުޑަ ޖަޒީރާއެކެވެ. މޭގައި އަތް ޖަހާލުމަށް ފަހު ތިމަންނާއަކީ "ދިވެހި ފަސްގަނޑަށް އުފަން ދިވެހި ލޭ ހިނގާ" ދަރިއެކޭ ބުނެވޭނީ އެމީހަކީ އިސްލާމް ދީނުގެ އަހުލުވެރިއެއްކަމަށްވާ ނަމައެވެ.

މުސްލިމަކަށް ވުމަކީ ހަމަ އެކަނި އެމީހަކަށް ލިބޭ ލަގަބެއް ނޫނެވެ. އެއީ އެމީހެއްގެ ބޮލުގައި އެތަކެއް ޒިންމާއަކާއި މަސްއޫލިއްޔަތުތަކެއް އެޅިގެންވާ ކަމެކެވެ. އެހެންކަމުން މުސްލިމުންނަށް ވަނީ އެތަކެއް ކަމެއް ކުރުން ލާޒިމުކުރައްވާފައެވެ. ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ކުޅަދާނަވެގެންވާ މީހާ ހައްޖުވުން ފަދަ ކަންތައްތަކަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެވެ.

އަދި އެކަންކަމުގެ ތެރެއިންވެސް ނަމާދަކީ މުސްލިމުން އެކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ޖެހޭ ކަމެކެވެ. އެހެނީ އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ ފަދަ މަތިވެރި މަޤާމެއް އިސްލާމްދީނުގައި ނަމާދަށްދެވިފައިވުމެވެ. ކީރިތި ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ދީނުގެ އަޞްލަކީ ނަމާދެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ." ( ރަވާޙު އައްތިރްމިޒީ )

ނަމާދަކީ އަޅުކަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަރުޞުކުރެއްވި އަޅުކަމެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ

"ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތް ރޭގައި އެކަލޭގެފާނުގެ މައްޗަށް ފަންސާސް ނަމާދު ފަރުޟު ކުރެއްވުނެވެ. ދެން މަދު ކުރެވެމުންގޮސް ފަސް ނަމާދަށް ހެދުނެވެ. ދެން ނިދާ އިއްވެވުނެވެ. އޭ މުޙައްމަދެވެ! ހަމަ ކަށަވަރުން ތިމަން ﷲގެ ޙަޟްރަތުގައި އިއްވިއްޖެ ބަސްފުޅެއް ބަދަލެއް ނުވާނެއެވެ. އަދި ކަލޭގެފާނަށް މި ފަސް ނަމާދު ފަންސާސް ނަމާދު ފަދައެވެ. ( އެބަހީ ފަސް ނަމާދުން ފަންސާސް ނަމާދުގެ ޘަވާބު ލިބޭނެއެވެ )" ( ރަވާޙު އަޙްމަދު، ވައްނަސާއީ )

ކީރިތި ޤުރުއާނުގައި ނަމާދު ޤާއިމް ކުރުމުގެ މުހިންމުކަން ބަޔާން ކުރައްވާފައެވެ. އެގޮތުން ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ‌ ۗ ﴿٤٥﴾ سورة العنكبوت

މާނައީ: ”ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ.“

إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِ‌ي ﴿١٤﴾ سورة طه

މާނައީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!“

ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމުގައި ވީ ހިނދު އަދުގެ މުޖުތަމައުން ފެންނަމުންދަނީ ނަމާދު ކުރުމާއި، އެނޫންވެސް އަޅުކަންތަކާއި ފޭއްޔަށް ޖެހެމުން އަންނަ މަންޒަރެވެ. ކުޅިވަރާއި މަޖަލުގައި ދުވާލުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު ނަމާދު ކުރުމަށް ހަނދާން ހުންނަނީ މަދު ބައެކެވެ. ކޮފީ މޭޒުތަކުގައި ތިން ހަތަރު ގަނޑިއިރު ހޭދަކުރެވެއެވެ. ކަސޯޓީ ބެލުމުގައި ފޫހިކަމެއްނެތި ވަގުތު ހޭދަކުރެވެއެވެ. ދުންޏަވީ ކަންކަމުގައި މަސްއޫލުވެ އުޅުމަށް އިންސާނާއަށް ބޭނުން ވަރަކަށް ވަގުތު އޮވެއެވެ. ނަމަވެސް ވަގުތު ނޯންނަނީ ނަމާދު ކުރުމަށެވެ. ހެޔޮ އަމަލުތަކާއިގެން މަސްއޫލުވެ އުޅުމަށެވެ.

ނަމާދަކީ ސާފުތާހިރު ކޮންމެ ތަނެއްގައި ކުރެވޭ ކަމަކަށް ވީ ހިނދު ނަމާދަށް 10 ނުވަތަ 15 މިނެޓު ހޭދަ ނުކުރެވެންވީ ސަބަބެއް ނެތެވެ. އެހެންކަމަށް ވާ ނަމަ ނަމާދު ނުކޮށް ދެން ތިޔަ ދައްކަނީ ކޮން އުޒުރެއްހެއްޔެވެ؟



Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު