މި ވޭން ތަހައްމަލު ކުރާ ކިތައް ބިދޭސީން އުޅޭނެ ބާ!

ޢަލީ ޔާމީން

އިއްޔެ މުޅި މީސްމީޑިޔާގައި ވައިރަލްވެފައިވަނީ "ސައްތާރު" ނަމަކަށް ކިޔާ މީހަކު ބިދޭސީއެއްގެ ގަޔަށް ފެންޖަހާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ސައްތާރު ބިދޭސީ މީހާ ގަޔަށް ފެންޖަހާފައިވަނީ އޭނާގެ ސައިކަލު މަތީގައި އެ ބިދޭސީ މީހާ ފޫޖައްސާލިކަމަށްޓަކައެވެ. ވީޑިއޯ ރަނގަޅަށް ބަލާލުމުން އެއީ ރާވައިގެން ނަގާފައިވާ ވީޑިއޯއެއްކަން އެނގެވެ. ފަހަރުގައި އެކަން ކުރި މީހާގެ މަޤުސަދަކީ ބިދޭސީންގެ ނިކަމެތިކަން ދައްކާލުން ކަމުގައިވެދާނެއެވެ. ނަމަވެސް ހަޤީޤީ ނިކަމެތިންނަކީ ބިދޭސީންނަށް ހާނިއްކަ ކުރާ ރަހުމުކުޑަ ދިވެހިންތޯ ނުވަތަ ކެތްތެރި ބިދޭސީ މީހާތޯ ބަލާލަން އެބަޖެއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެއަށް ދެލައްކައަށް ވުރެ ގިނަ ބިދޭސީން އެތެރެވެފައިވެއެވެ. އަދި އޭގެ ތެރެއިން ބައިލައްކައަށް ވުރެ ގިނަ މީހުންނަކީ ޤަަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އެފަރާތްތައް ޤަވައިދުގެ ތެރެއަށް ވެއްދުމަށް އަދުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އެކަން މި ދެތިން ރޭ މަޖީދީ މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ދޮރުން ފެށިގެން ހުޅަނގަށް ދަމާލާފައި އޮންނަ ބިދޭސީންގެ ދިގު ކިއުއިންވެސް ހާމަވެއެވެ.

ގިނަ ދިވެހީން ޤަބޫލު ކުރާ ގޮތުގައި ބިދޭސީންނަކީ އެއްވެސް އާރެއް ނެތް ބައެކެވެ. އެމީހުންނަށް ދޭން ޖެހޭ މުސާރަކޮޅު ދިނުމުން އެ ނިމުނީއެވެ. ނޫނެކެވެ. އެހެންކަމަށްވަންޏާ ތިޔަ ހީކުރެވުނީ ގޯސްކޮށެވެ. އެއީވެސް އަހަރެމެން ފަދަ އިންސާނުންނެވެ. އެއީވެސް ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ ދަރިއެކެވެ. އޭނާގެވެސް އުންމީދުތަކެއް ވާނެއެވެ. ލޯބިވާ އާއިލާއާއި، އަނބިދަރީން ތިބި ނަަމަ އެމީހުން ދޫކޮށް ރާއްޖެ އެ އަންނަނީ ހެވިދިލެމުންނެވެ. ޤައިމު އެމީހުން ރާއްޖެއާއި މެދު ކުރާ އުންމީދު ފޮނިވީތާއެވެ! މުސްކުޅިން ބުނާތީ އަޑުއިވެއެވެ. "ދަތުރު ފެންނާނީ ފުރީމައެވެ." ތެދުފުޅެއްމެއެވެ. އެ ބިދޭސީ މީހާއަށް ހަޤީޤީ ދަތުރު އެ ފެންނަނީ، ރާއްޖޭގެ ނަލަނަލަ ހިމުން ދޮންވެލިގަނޑުގައި ފައިތިލަ ބީއްސާލެވުމާއި އެކުގައެވެ. ކުރިމަތީގައި އޮތް ދަންތޫރަ އެފަރާތްތަކަށް ގިނަ ފަހަރު ރޭކާލަނީ ދެތިން މަހު ރާއްޖޭގައި މަސައްކަތް ކޮށްލީމައެވެ. މިއީ އެއްގޮތަކަށްވެސް ބިދޭސީންނާއި މެދު ރަނގަޅަށް ކަންތައް ކުރާ މީހުންނަށް ބުނާ ކުޑައިމީސް ބަހެއް ނޫނެވެ. މިއީ ބިދޭސީން ރާއްޖެ ގެނެސް އެމީހުންނާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށް ދޫކޮށްލާ ދުނި ދަނޑިއެވެ.

ބިދޭސީންނަށް ކުރާ އަނިޔާގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. ބައެއް ބިދޭސީންނަކީ ހަފްތާގެ އެއްވެސް ދުވަހެއް އަރާމު ކުރުމަށް ނުލިބި "ބޮސް"ގެ އޯޑަރަށް މަސައްކަތް ކުރާ މީހުންނެވެ. ބައެއް މީހުންނަކީ ސައުވީސް ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރާ މީހުންނެވެ. އަނެއްބައި މީހުންނަކީ މަސައްކަތް ކުރުމުން ހަމަ އަގު ވެރިފަރާތުން ނުލިބޭ ބިދޭސީންނެވެ. ނުވަތަ އެންމެ އަސާސީ ބޭނުންތައް ފުއްދާނެ ފަދައެއް ނެތް ބިދޭސީންނެވެ. ބަލިވުމުން އެމީހުންނަށް ބޭސްގުޅައެއް ދިއްކޮށްލާނެ އަތެއް ނެތް ބިދޭސީންވެސް މި ޤައުމުގައި އެބައުޅެއެވެ. ދިރިއުޅެން އެކަށީގެން ނުވާ، ނުތާހިރު ތަންތާނގައި މަޖުބޫރުން އުޅެން ޖެހިފައިވާ އެތައް ބިދޭސީންނެއް މި ދިވެހި ފަސްގަނޑުގައި އެބައުޅެއެވެ. ހައްތަހާވެސް އަނިޔާއެވެ. އެހެން ނޫންތޯއެވެ؟

ޤަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ދިވެހިންނަށް މިއަދު މިހާ އަރާމުގައި މިއުޅެވެނީ ބިދޭސީންގެ ބުރަ މަސައްކަތުން ކަމެވެ. އެހެންކަމުން އެއްވެސް ހާލެއްގައި އެމީހުންނަކީ ދަށު ދަރަޖައިގެ ބައެކޭ ހީކޮށްގެން ނުވާނެއެވެ. ގަމީހުން އަދި ތަންކޮޅެއް ވީދިފައި ހުއްޓަސް، އެއީ އެމީހުންނަށް އަނިޔާކުރަން ޖެހޭ ސަބަބެއް ނޫނެވެ. ވުމާއި އެކު، އެމީހުންނަށް ކުރާ ހާނިއްކަ ހުއްޓާލަން ޖެހެއެވެ. އިއްްޔެ ބިދޭސީއަކަށް ރަހުމުކުޑަ އަމަލެއް ހިންގި ދިވެހި މީހާ އެކުރީ ހާދަލާ ލަދުވެތި ކަމެކެވެ. ހާދަލާ ރަހުމުކުޑަ އަމަލެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިގެންވާ އަމަލެކެވެ. އެވޭން ތަހައްމަލު ކުރާ ކިތައް ބިދޭސީން މި ޤައުމުގައި އުޅޭނެ ތޯއެވެ؟ އަދި އެ ފަދަ ބިދޭސީންނަށް ގޮށްމުށުގެ ބާރު ދައްކާ، ތަފާތުކުރުން ގެންގުޅޭ ކިތައް ދިވެހިން އުޅޭނެތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު