އަގުދީގެން ބުޅާ މަރަން އިއުލާންކޮށް، އުނގޫފާރު ކައުންސިލުން ޤާނޫނުގައި ކޮޅުފައިން ޖަހައިފި!

ޢަލީ ޔާމީން
ރ. އުނގޫފާރު ކައުންސިލަރުން ރައީސް ޞާލިހާއި އެކު:

އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. އެދީނުގައިވަނީ އިންސީންނެކޭ އެއްފަދައިން ޖަނަވާރުންނަށްވެސް ކަމޭ ހިތުމަށް އަންގަވާފައެވެ. އެތަކެއްޗަށް ގޯނާ ކުރުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީން ބާރުއަޅާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. މިޤައުމުގެ ޤާނޫނު އަސާސީވެސް ބިނާވެފައި އޮންނަނީ އިސްލާމްދީނުގެ ހުކުމްތަކަށް ފުށޫ ނާރާގޮތަށް، އިސްލާމީ ހުދޫދުގެ ތެރޭގައެވެ. އެ ޤާނޫނުގައި އިންސާނުންގެ ހައްޤުތައް ރައްކާތެރިކޮށްފައިވާ ފަދައިން ޖަނަވާރުންނަށް ގޯނާ ކުރުންވެސް ވަނީ އަދަބު ލިބޭނެ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގައި ބުނެފައި ވަނީ، ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވޭއިރު، އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވި ދާނެ އެވެ. ވަރަށް ސާފެވެ. އެހެން ނޫންތޯއެވެ. ނަމަވެސް ދެން މިވެގެން އުޅޭ ގޮތަށް ބަލާލަމާތޯއެވެ.

ރ. އުނގޫފާރު ކައުންސިލުން އެރަށު ކައުންސިލްގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި މި ދެންނެވި މާއްދާގައި ބަޔާން ކުރާ ނުކުތާތަކާއި ފުށޫ އަރާ އެތަކެއް ކަމެއް އެބަހުށްޓެވެ. އެ އިއުލާނުގައި އެ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އަގު ދީގެން ބުޅާ މެރުމަށް ހިތްވަރު ދީފައެވެ. އަދި މަރާލާ ކޮންމެ ތިން ބުޅަލަކަށް 100ރ  ރޭޓުން ދޭނެ ކަމަށް އެ ރަށު ކައުންސިލުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ބުޅާ ހިފުމުގެ ބޮޑު ހަރަކާތެއް އުނގޫފާރު ކައުންސިލުން އިއުލާންކޮށްފައިވާއިރު، އެ ހަރަކާތަކީ ޤާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް އެ ރަށުގެ ކައުންސިލަރުން ނުދަންނަނީ ބާއެވެ؟ ނުވަތަ އިންސާނިއްޔަތުކަމެއް ނެތީބާއެވެ؟

އުނގޫފާރު ކައުންސިލުން އަގު ދީގެން ބުޅާ މެރުމަށް  ހިތްވަރުދީ ކުރި އިއުލާނަށް އެތައް ބައެއްގެ ސަމާލުކަން ލިބި ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެވާހަކަތައް އަރާފައިވާއިރު، އެކަމަކީ "ސަޅި" ކަމެއް ކަމަށް ފަހަރުގައި އެރަށުގެ ކައުންސިލަރުން ދެކެނީ ކަމަށްވެދާނެއެވެ. ނޫނެވެ. ތިޔަކުރެވެނީ ކުށެކެވެ. ސަރުކާރުގެ ރަސްމީ އިދާރާއަކުން، ޒިންމާދާރު ވަޒީފާއެއްގައި، ރަށުގެ ރައްޔިތުން ތަމްސީލު ކުރަން ތިބޭ ބަޔަކު ތިޔަ ކުރަނީ ވަރަށްވެސް ވިޔާނުދާ ކަމެކެވެ. ތިޔަ ކުރެވޭ ކަމަކީ ރައްޔިތުން ގުނބޯ ހައްދައިގެން އެ ރައްޔިތުން ލައްވާ ކުށްތަކަށް އަރައިގަތުމުގެ މަސައްކަތެވެ.

މިވަރުން އަދި ފުއްދާލެވޭކަށް ނެތެވެ. ޖަނަވާރުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި، ބައެއް އާންމުން ދެކޭ ގޮތުގައި، ބުޅާ މެރުމަކީ އެހެން ކުށްކުށާއި ގުޅިފައިވާ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި ބުޅާ ފަދަ ޖަނަވާރުތައް މަރަމުން ދަނީ އެހެން ކުށްކުށަށްވެސް އަރައިގަންނަން ފަސް ނުޖެހޭ މީހުންނެވެ. އެކަން ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކުން ކަށަވަރުކޮށްދެއެވެ.

ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީގެ ޗާޓާޑް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. މާކް ގްރިފިތްވެސް ދެކިވަޑައިގަންނަވާ ގޮތުގައި ޖަނަވާރަށް އަނިޔާ ކުރުމަކީ، އެ މީހަކުގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އިންސާނުންނަށް ވެސް އަނިޔާ ކޮށްފާނެ ކަމުގެ ނިޝާނެކެވެ. އަދި ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ބިހޭވިއަރަލް ޕްރޮފައިލްތަކުން، ބޮޑެތި ޖަރީމާތައް ހިންގާ "ސީރިއަލް ކިލާރ" (ގިނަ އަދަދެއްގެ މީހުން މަރާލި ކަމުގެ ރެކޯޑު އޮންނަ މީހުން) އިން ފަދަ މީހުން ކުޑައިރު ޖަނަވާރުންނަށް އަނިޔާ ކުރި ކަން އެނގިފައިވާކަން އޭނާގެ ޖާނަލްގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އިސްވެ މިދެންނެވުނު ހުރިހާ ކަމަކަށް ބަލާލާއިރުވެސް ޖަނަވާރުންނަށް އަނިޔާކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު ބަނަވެދާނެ ކަމުގެ އަލާމާތެކެވެ. އެ ޖަނަވާރަކީ "ބުޅަލެއް" ކަމަށް ވިޔަސް އެއަށް ކަމޭ ހިތަން ޖެހޭނެއެވެ. އެއީ މި އުންމަތުގެ ރަސޫލާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި މަތިވެރި އުސޫލެވެ.

ކިޔުންތެރިންގެ ހިޔާލު