އެކުވެރި ކުންފުނިތަކުން މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހު ދެއްކީ ނަމޫނާއެއް!

ޢަލީ ޔާމީން

މިއަދަކީ މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހެވެ. އެކުންފުންޏަށް އުފާވެރި ދުވަހެކެވެ. މޯލްޑިވް ގޭހުގެ މުވައްޒަފުންގެ މޫނަށް ހިނިތުންވުން ގެނުވި ދުވަހެކެވެ. އެ ކުންފުނިން ވަނީ މި ދުވަހުގެ މުނާސަބާ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. "ކޭކު" ފެޅުމުގެ ބޮޑު ހަފްލާއަކާއި އެކު ފެށި މުނާސަބާގައި މޯލްޑިވް ގޭހުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިއަދު ހެނދުނު ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެ ޕްރޮމޯޝަންގެ ކޮންމެ 20 ވަނަ ކަސްޓަމަރަކަށް، އެ ކަސްޓަމަރަކު ބައްލަވައިގަންވާ ހުރިހާ ތަކެއްޗެއް މުޅިން ހިލޭ ލިބޭނެއެވެ.

މޯލްޑިވް ގޭހުގެ މި އުފާވެރި މުނާސަބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ، އަވަށްޓެރި، އެކުވެރި ކުންފުނިތަކުންނެވެ. ދުވަހުގެ ތަހުނިޔާ އެ ކުންފުނިތަކުން މޯލްޑިވް ގޭހަށް އަދާކުރީ "ކޭކު"ތަކާއި އެކުގައެވެ. އެކުވެރިކަމުގެ މިސާލެކެވެ. އެހެންނޫންތޯއެވެ!


އެގޮތުން މޯލްޑިވް ގޭހުގެ މައި ކުންފުނި، ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) އާއި، ރާއްޖޭގެ ލީޑިންގ އިންސުއަރެންސް ކުންފުނި، އެލައިޑް އިންސުއަރެންސް ކޮންޕެނީއާއި، ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން،( ވެމްކޯ) އިން ވަނީ މޯލްޑިވް ގޭހަށް ޒިޔާރަށްކޮށް، އެ ކުންފުންޏަށް އަހަރީ ދުވަހުގެ ކޭކު ހަދިޔާކޮށް، ދުވަހުގެ ތަހުނިޔާ މުބާރަކުބާދީ އަރިސްކޮށްފައެވެ. މިކަމުން ހާމެވެގެން ގޮސްފައިވަނީ އެއް ކުންފުނިން އަނެއް ކުންފުންޏާއި މެދު ބަހަށްޓާ ގާތްކަމާއި އެކުވެރިކަމެވެެ.


މޯލްޑިވް ގޭހުން ބުނީ އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި، އެކިއެކި ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށެވެ. މޯލްޑިވް ގޭސް ވުޖޫދަށް އައިސްފައިވަނީ 1999 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ވައްތަރުގެ ގޭސް މޯލްޑިވްސް ގޭހުން ފޯރުކޮށްދޭއިރު، އޭގެ ތެރޭގައި ކެއްކުމަށް ބޭނުން ކުރާ ގޭހާއި، އިންޑަސްޓްރިއަލް ގޭހާއި، މެޑިކަލް ގޭސްވެސް ހިމެނެއެވެ. މޯލްޑިވްސް ގޭހަކީ ރާއްޖޭގެ 95 އިންސައްތަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް މެޑިކަލް ގޭސް ފޯރުކޮށްދޭ ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު